ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ

މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގެ ކޮމިޓީ ބައްދަލުވުންތައް ސިއްރުކޮށްފި

Mar 29, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބާއްވާ ހުރިހާ ބައްދަލުވުމެއް ސިއްރުކުރަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ބަޔަކު ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު -- ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ދެމެދުން ބޮޑުތަކުރުފާނު މަގުންނެވެ.

ރައީސްގެ މޮޓޯކޭޑަށް ބޮޑުތަކުރުފާނު މަގުން، ދެކުނުން އިރަށް ދުއްވާފައި ދެވޭ ގޮތް ނުވުމުން ރައީސްގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި އެމްއެންޑީއެފްގެ ޕްރެޒިޑެންޝަލް ގާޑްގެ ބޭފުޅުން ވަނީ ރައީސްގެ މޮޓޯކޭޑު އަނބުރާ އައިކޮޅަށް ފޮނުވާލާފަ އެވެ.

ރައީސްގެ މޮޓޯކޭޑަ ބަޔަކު ހުރަސް އެޅި މައްސަލައިގައި 241 ކޮމިޓީން ގެންދަނީ ރައީސް ސެކިއުރިޓީ ބެލުމުގައި ފެއިލްވީ ކޮން އިދާރާތަކެއް އަދި ކޮން ބޭފުޅުންނެއްތޯ ބަލަމުންނެވެ. އަދި ރައީސް ދަތުރުކުރެއްވުމުގެ ކުރިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ހުރި ގޮތް ބެލި މިންވަރު ވެސް އަދި ބަޔަކު ގަސްދުގައި މޮޓޯކޭޑަށް ހުރަސްއެޅިތޯ ވެސް ކޮމިޓީން ބަލާނެ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި އޮތީ ހެނދުނު 11:00 ފުލުހުން އަދި 12:00 ޖަހާއިރު ސިފައިން 241 ކޮމިޓީއަށް ހާޒިރުކުރާ ގޮތަށެވެ. ނަމަވެސް ކޮމިޓީ ބައްދަލުވުން ފެށުމަށްފަހު ވަނީ މިމައްސަލައާއި ގުޅޭ ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ސިއްރުކޮށްފަ އެވެ.

ރައީސް ސޯލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލަ ކޮމިޓީން ބަލާއިރު މޭ ހައެއްގައި ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައިވާ ހުށަހެޅުންތަކަށް ދައުލަތުގެ އިދާރާއިން އަމަލުކޮށްފައިވާ ގޮތްވެސް ބެލުމަށް ނިންމާފަ އެެވެ.