ރައީސް މުހައްމަދު ނަޝީދު

މަޖިލީހަށް ސިފައިން ވެއްދުމަކީ ރައީސްއާ ބެހޭ ކަމެއް ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެނަމަ ސިފައިންގެ އެހީތެރިކަން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާއާ ބެހުމެއް އޮތް ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލިސް މިއަދު ބޭނުން ގޮތަކަށް ހިންގުމުގެ މިނިވަންކަން އެބައޮތް ކަމަށާއި އެތަނަށް މިސަރުކާރުގައި "ސިފައިން ވަދެ ނުހުއްޓުވާ" ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ. ށ. ފޯކައިދޫގައި ރައީސް ސޯލިހްގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނާއި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނޭ ގޮތަށް މަޖިލީހުގެ މެމްބަރުންތަކެއް އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް މަޖިލީހަށް ވަދެވަޑައިގަތުމުން މެމްބަރުންނާ ދެކޮޅަށް ދައުވާ މިދިޔަ ސަރުކާރުގައި ދައުވާ ވެސް ކުރެއްވި ކަމަށެވެ.

ރައީސް ސޯލިހްގެ މިވާހަކަތަކަށް ރައްދުދެއްވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސްގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބެހުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

"މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ މަޖިލީހުގެ ރައީސްގެ އިހްތިޔާރުގައި އޮންނަ ކަމެއް،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި މަޖިލީހުގެ ރައީސްގެ ގޮތުގައި އަބްދުﷲ މަސީހް ހުންނަވައިގެން ސިފައިން ބޭނުންކުރައްވައިގެން މަޖިލިސް މެންބަރުންތަކެއް މަޖިލީހުގެ ފާރުމަތިން ބޭރަށް "އުކާލެއްވި" ކަމަށް ވިދާޅުވި މީގެކުރިން ރައީސް ނަޝީދު އެކަމަށް ފާޑުވިދާޅުވި އެވެ.