ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުން ދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރު ކޮށްލުމަށް ނިންމި ނިންމުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައިވާތީ އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން ރުޅިވެރި ކަމާއެކު އެ މެންބަރުންނަށް ފާޑުވިދާޅުވެއްޖެ އެވެ.
ޒަމީލުގެ މައްސަލަ ބަލަން އިމްތިޔާޒު ކޮމެޓީއަށް ފޮނުއްވުމުގެ އިތުރުން ދައުވާކޮށް ދިނުމަށް އެދި އެ މައްސަލަ ޕީޖީ އޮފީހަށް ވެސް ފޮނުއްވެވި އެވެ.
ރައީސް ނަޝީދުގެ ހުށައެޅުއްވުމާއި ގުޅިގެން ރޭ އިމްތިޔާޒު ކޮމެޓީން ވަނީ ބައްދަލުވެފަ އެވެ. މި ބައްދަލްވުމުގައި މެންބަރަކު ވަނީ މައްސަލަ އެ ކޮމެޓީން ބަލަން ނުފެންނަ ކަމަށް ހުށައަޅުއްވާފަ އެވެ. އެ ހުށައެޅުއްވުން އައީ ޖުމްހޫރީ ޕާޓީގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ފަރާތްޕުޅުންނެވެ. ނާޒިމް ވިދާޅުވީ އެ ގޮތަށް ހުށައެޅުއްވީ އެއީ ޒަމީލްގެ މައްސަލައަކީ ބަަލަން ޖެހޭ ކަމަކަށް ނުވާތީ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މަޖިލީހަށް ފޮނުވި ސިޓީގެ މައްސަލާގައި ބަލާނަމަ ބަލަން ޖެހޭނީ މިނިސްޓަރު މާރިޔާ ދީދީގެ މައްސަލަ އެވެ. އެ ހުށައެޅުން ފާސްވެފައި ވަނީ އެމްޑީޕީގެ މެންބަރުންގެ ވެސް ވޯޓާއެކުގަ އެވެ. ނާޒިމްގެ ހުށައެޅުއްވުމަށް 13 މެންބަރުން ހިމެނޭ އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމެޓީގެ ހަތަރު މެންބަރަކު ވޯޓް ދެއްވި އެވެ.
އެއީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުގެ އިތުރުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމެވެ.
ބައްދަލްވުމަށް ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށް ވެސް މެންބަރަކު ހުށައެޅުއްވި އެވެ. ނަމަވެސް އެ ހުށައެޅުން ވަނީ ބޭރު ކޮށްލާފަ އެވެ. އެ ހުށައެޅުއްވުން އައީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ފަރާތްޕުޅުންނެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމެޓީގެ އެ ނިންމުމާއެކު ޕާޓީގެ އެތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ޕާލިމަންޓަރީ މެންބަރުންގެ ވަޓްސްއަޕް ގުރޫޕާއި ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ގުރޫޕްގައި ވެސް ހޫނު ބަހުސްތަކެއް ވަނީ ހިނގާފަ އެވެ. ބައެއް މެންބަރުން ވަނީ ޓްވިޓާގައި ވެސް އެ މެންބަރުންނަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ ވަރަށް އަރިސް މެންބަރެއް ކަމަށްވާ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވަނީ އިންސާނެއް ވިއްޔާ ލަދުހަޔާތުގެ ކަންފުޅެއް ވެސް ހުންނަންވާނެ ކަމަށް ވިދާޅުވެ ނަޝީދުގެ ހުށައެޅުއްވުން ބޭރު ކޮށްލަން ވޯޓް ދެއްވި ހަތަރު މެންބަރުންނަށް ވަރުގަދައަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކޮށްލުމުގެ އަޑީގައި ތިބި ބައެއްގެ މަޅީގަޖެހި ބައިއަތު ހިފާނީ ފިސާރި ލަދުހަޔާތް ކުޑަވީމަ އެވެ. ބޯދިގު އެ އިޝާރާތް ކުރައްވަނީ މައްސަލަ ބޭރު ކޮށްލަން ހުށައެޅުއްވި މެންބަރު ނާޒިމް އާއި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ހާދިސާއާ ނާޒިމްއާ ގުޅުވާ އެމްޑީޕީން ކުރާ ތުހުމަތު ތަކަށެވެ.
"އިންތިހާބަށްވީމަ އަރިއަރި މަތީ ރައީސް ނަޝީދުގެ ފޮޓޯ،" ކެންޕެއިންގައި ނަޝީދުގެ މުހިންމުކަން ބޮޑުވެ ހުރިހާ މެންބަރުން ވެސް ނަޝީދުގެ ފޮޓޯ ބޭނުން ކުރައްވާ ކަަމަށް އިޝާރާތް ކުރައްވާ ބޯދިގު ވިދާޅުވި އެވެ.
މެންބަރު މީކާއީލް ނަސީމްވެސް ވަނީ އެ މޭރުމުން ޓްވީޓެއް ކުރައްވާފަ އެވެ.
"ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން އެންމެ ހާލުގާ އޮންނެވި ދުވަހު ކަރަށް ފައިން އަރަން ހިފާލާނީ ހާދަހާވާ ގޮތެއްފޮތެއް ނެތީމައޭ،" މީކާއީލް ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ނަޝީދު ހުށައެޅުއްވި މައްސަލަ ނާޒިމް ލައްވާ ބޭރު ކޮށްލީ ސަރުކާރުން ހުށައަޅައިގެން ކަމަށެވެ. އަދި ރައީސް ނަޝީދު ބަލި އެނދުގައި އޮންނަވަނިކޮށް އެ ނިންމުމަށް ވޯޓްދީ ސަރުކާރުގެ ޕްރޮޖެކްޓްތަކެއްގައި "ފިއްތާފައި" ތިބި މެންބަރުންތަކެއް ލައްވާ ކަަމަށެވެ.
"ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި ކަމެއް ބޭރު ކޮށްލަން، ނާޒިމް ލައްވައި ސަރުކާރުން ހުށައަޅައިގެން ދެ ޕްރޮޖެކްޓް ދޭތެރޭ ފިއްތާފައި ތިބި ބައެއް އެމްޑީޕީ މެމްބަރުން ލައްވައި ބޭރުކޮށްލީ،" ނަޝީދުގެ ވަފާތެރި މެންބަރެއް ކަމަށްވާ ވަހީދު ވިދާޅުވި އެވެ.
އީވާގެ ތުހުމަތު މެންބަރު ބިގޭއަށް
މަޖިލީހުގައި ތިއްބެވި ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުންގެ ފާޑުވިދާޅުވުން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ އަލިފުށީ ދާއިރާގެ މެންބަރަށެވެ.
ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ކޮމެޓީގެ ރޭގެ ބައްދަލްވުމުގައި މައްސަލަ ބޭރު ކޮށްލެއްވުމުގައި އިސްކޮށް ހުންނެވީ ބިގޭ އެވެ. އަދި ބިގޭ އެކަން ކުރެއްވީ ރައީސް ސޯލިހުގެ އޯޑަރަށެވެ.
"ސީދާ މެންބަރުންނަށް އޭނަ [މެންބަރު ބިގޭ] މި ގުޅަނީ މި މައްސަލަ ބޭރު ކޮށްލާށޭ ކިޔާފައި. ރައީސް ވިދާޅުވި ކަމަށް އެގޮތަށޭ ބޭނުން ވަނީ. އެކަމުގެ އަޑީގައި މި ހުރީ ބިގޭ. ރައީސް ނަޝީދަށް މިވަރުގެ ހާލުކޮޅެއް ޖެހިފައިވާ ވަގުތަކު އެކަންކަން އެ ކޮށްލަނީ ވަރަށް ފާޅުގައި،" މެންބަރަކު ވިދާޅުވި އެވެ.
މި މައްސަލާގައި އެންމެ ބޮޑަށް ބިގޭއަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ. އީވާ ވަނީ ހޫނު ބަހުގެ ހަމަލާއެއް ބިގޭއަށް ދެއްވާފަ އެވެ. ރޭގެ ވަގުތެއްގައި އެމްޑީޕީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ދޫކޮށްލެއްވި މެސެޖެއްގައި އީވާ ވަނީ މައްސަލަ "ފަނި" ކޮށްލެއްވީ ބިގޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ސޯލިހާއި ބިގޭއާ އޮތް އާއިލީ ގުޅުމަށް އިޝާރާތް ކުރައްވާ މިއީ ބިގޭމެންގެ ސަރުކާރެއް ކަަމަށް ވިދާޅުވެ އެ ޒާތުން އަމަލު ނުކުރެއްވިޔަސް ސަރުކާރު ނުވެއްޓި އޮންނާނެ ކަމަށް ވިދާޅުވިއެވެ.
"ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް، ނުކުރިޔަސް ބިގޭގެ މި ސަރުކާރު ދެމި އޮންނާނެ،" ބިގޭ އާއި ރައީސް ސޯލިހުގެ އޮތް އާއިލީ ގުޅުމަށް އިޝާރާތް ކުރައްވާ އީވާ ކުރެއްވި މެސެޖްގައި ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ވެސް ތުހުމަތުތަކެއް
ހޫނުވެފައިވާ މައްސަލަގަނޑުގެ ތެރެއަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް މެސެޖެއް ދޫކޮށްލެވި އެވެ. އަދި އެއީ ރައީސް ނަޝީދުގެ މެސެޖެއް ކަމުގައި ވިދާޅުވިއެވެ. އެ މެސެޖްގައި ވަނީ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގުމުގެ ފަހަތުގައި ހުންނެވީ ރައީސް ސޯލިހް ކަމަށް ވިދާޅުވެފަ އެވެ.
އަދި ރައީސް އެގޮތަށް މަސައްކަތް ކުރައްވާ ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސިއްރު ކުރައްވަން އުޅުއްވަނީ ކޮން ކަމެއްތޯވެސް ނަޝީދު ސުވާލު ކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ވަކިވަކި ސިފައިން 241 ކޮމެޓީއަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބު އަޅުގަނޑަަކަށް އެއްވެސް ގޮތަކަށް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވާން ތިޔަ އުޅުއްވަނީ،" ހަސަން ލަތީފް ފޮނުއްވެވި ރައީސް ނަޝީދުގެ މެސެޖްގައި ވިދާޅުވި އެވެ.
ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުން ދިފާއު ކުރައްވާ މިނިސްޓަރު މާރިޔާ ދީދީ ރޭވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރުވެ ޖަވާބުދާރީވުމަށް ސިފައިން ޖެހުންވާ ކަމަށެވެ. އެއީ މަޖިލީހަށް ހާޒިރުވެ ފަރުދީ ގޮތުން ޖަވާބުދާރީވުމުން ކުށަކަށް ވެދާނެތީ ކަމަށެވެ. އެކަމާއި ގުޅިގެން ނެޝެނަލް ސެކިއުރިޓީ ކައުންސިލްގެ ލަފަޔަށް އެދުމުން އެ ކައުންސިލުން ނިންމީ ވަކިވަކި ސިފައިންގެ ބަދަލުގައި މުޅި މުއައްސަސާ ޖަވާބުދާރީވުމަށް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސިފައިންގެ މުއައްސަަސާ އޮތީ މަޖިލީހަށް ފުރިހަމަ އެއްބާރުލުން ދޭ ގޮތަށް ކަމަށާ އެކަމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެން މުއައްސަސާއަށް ހާޒިރުވާން އަންގައިފިނަމަ ފުރިހަމައަށް ޖަވާބުދާރީވާނެކަން ހަމަ އަބަދުވެސް ދަންނަވަމުން ގެންދިޔައީ. އެއީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގައިވެސް އެބަ އޮވޭ ސަލާމަތީ ބާރުތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިނގާނޭ. އެއީ ޖައްމުކޮށް އޮންނަ ކަމެއް، އެއީ ސަލާމަތީ ހިދުމަތްތައް އޭގެ ތެރޭގައި މުޅި އަސްކަރިއްޔާ ހިމެނޭހެން އެބޭފުޅުންގެ [ރައްޔިތުންގެ މަޖިލީސް] ބާރު ހިނގާނެ. އެކަމަކުވެސް އަޅުގަނޑުމެންގެ ދިވެހި އަސްކަރިއްޔާއަކީ 129 އަހަރުވީ އަސްކަރިއްޔާއެއް. އެ ބޭފުޅުން މި ވިދާޅުވަނީ އެ ބޭފުޅުންގެ ލަފާދޭ މަޖިލީހުން އެ މީހުންގެ ވަކިވަކި މީހުންނަށް ނަން ޖަހާފައި ސިއްރު ޖަހާފައި ސިޓީއަކުން އެ މީހުންނަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އަންގައިފިކަމުގައިވާނަމަ މި ކުދިން [ސިފައިން] ކަންބޮޑުވުމާއެކު އެބަ އާދޭ. ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި މި އޮންނަނީ ސިފައިންގެ މީހެއް އެ މީހުންނަށް ލިބިފައިވާ މައުލޫމާތެއް ހާމަކުރަންވާނީ ހަމައެކަނި ސިފައިންގެ ލީޑާޝިޕަށާއި މިނިސްޓަރަށާއި ނެޝެނަލް ސެކިއުރިޓީ ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.