ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅުމަށް އެމްޑީޕީން ނިންމުމާ ގުޅިގެން އެމަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ހޫނުވެއްޖެ އެވެ.
ރިޔާސީ ރަށް -- އާރަށުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް މަޝްވަރާކޮށް އެކަން ކުރުމަށް ނިންމާފަ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިފަހަރު ރައީސް ނަޝީދަށް ދޫނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެމްޑީޕީން ނިންމުމާ ގުޅިގެން ޑިމޮކްރެޓުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އެމްޑީޕީގެ ބޭނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ އަމަލުތަކަށް ފަސްއަޅައި ފޮރުވުން ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ޑިިމޮކްރެޓުން ތުހުމަތުކުރަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފުރުސަތު ނުދޭން އެމްޑީޕީން ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ބޭރުކުރުމަށް މަސައްކަތް ކުރަނީ ކަމަށެވެ. ނަމަވެސް އެމްޑީޕީން ގެންދަނީ އާ ސަރުކާރު ފަށައިގަނެ ހިންގުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ މިސަރުކާރުގައި މޫލާފައިވާ ހިޔާނާތުގެ ނެޓްވާކުގައި ހިމެނޭ އެންމެންގެ މައްސަލަ ތަހުގީގު ކުރެވި އިންސާފުގެ ކުރި މައްޗަށް ގެންނަންޖެހޭނެ ކަމަށެވެ.
ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ވިދާޅުވީ މިސަރުކާރުން މަޖިލީހުގެ ރިޔާސަތަށް ބަދަލެއް ގެންނަން އުޅެނީ ހިންގާފައި ހުރި ވައްކަމާއި ހިޔާނާތް ފޮރުވުމަށާއި ޑރ. މުއިއްޒުގެ ސަރުކާރަށް ހުރަސް އެޅުމަށެވެ.
އެމްޑީޕީން މިއަދު މެންދުރުފަހު 1:30 ގައި ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ. އަދި އެކަމަށް ބޭނުންވާ ސޮއި ހަމަކުރައްވާފައިވާ ކަންވެސް ޔަގީންކޮށްދެއްވި އެވެ.
ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ސޯލިހަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަނީ އެމްޑީޕީ އިދިކޮޅު ޕާޓީއަކަށް ވެގެންދާއިރު ސަރުކާރު ޖަވާބުދާރީކުރުވުން ފަސޭހަކުރުމަށްޓަކައި ކަމަށެވެ.