ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ގާނޫނު އަސާސީއަށް ގެންނަ ބަދަލެއް ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމީ ވޯޓާ ގުޅޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ 75 ޕަސަންޓް ވޯޓުން ކަމަށެވެ.
އެގޮތުން ވެރިކަމުގެ ނިޒާމާ ގުޅޭ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި އާއި ރައްޔިތުންގެ މަޖިލީހުގެ ދައުރާވެސް ގުޅޭ ކަމެއްކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
"[މަޖިލީހުގެ 75 ޕަސަންޓުން] ފާސްވުމަށްފަހުގައި އަޅުގަނޑަށް ތަސްދީގުކުރަން ފޮނުވަންޖެހޭނެ. ފޮނުވީމާ އަޅުގަނޑަށް އެ ތަަސްދީގު ކުރެވޭނީ ރައްޔިތުންގެ ބަހެއް ހޯދައިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ އެފަދަ މާއްދާއަކަށް ބަދަލު ގެންނަނަމަ އެކަމުގައި ރައްޔިތުންގެ ބަހެއް ހޯދަންޖެހޭކަން ގާނޫނު އަސާސީގައި ބަޔާންކުރާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ ޕްރޮސެސް އައުމުން ރައްޔިތުންގެ ވޯޓަށް އަހާނެ ކަމަށާއި ބަދަލު ގެންނަން ރައްޔިތުން ގަބޫލުނުވާނަމަ އެ ތަސްދީގުނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބުކޮށްފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
"އަނެއްކާ މިހާރު އުފެދޭ އެއް ސުވާލު އެބަ އުޅޭ. ފަސް އަހަރު ދުވަހަށް ރައީސަކު އިންތިހާބުކޮށްފަ އެބަހުރި. އެ ޖާގަ ހަނިވާ ގޮތަށް އަޅުގަނޑުމެންނަށް ގާނޫނު އަސާސީއަށް ބަދަލެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގާ ގޮތަށް ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.