ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ތާއީދު ނުކުރުމަށް އަދާލަތު ޕާޓީން ފާސްކޮށްފި އެވެ.
ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް އަދާލަތު ޕާޓީން ފާސްކުރީ ރޭ ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާގުންނެވެ.
އަދާލަތު ޕާޓީން މީގެ ކުރިންވެސް ވަނީ ބަރުލަމާނީ ނިޒާމާ އެ ޕާޓީ ދެކޮޅުކަން ހާމަކޮށްފަ އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އެ ގަރާރުގައި ވަނީ އެ ވޯޓު މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށެވެ.
ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އަދާލަތު ޕާޓީން ފާސްކޮށްފައިވާއިރު ބަރުލަމާނީ ނިޒާމާ ދެކޮޅު ކަމަށް އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެވަގުތު ތިއްބެވި 90 މެންބަރުން ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.
އެމްޑީޕީ އާއި އަދާލަތު ޕާޓީން ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރަން ފާސްކޮށްފައިވާއިރު ނިޒާމީ ވޯޓަށް ދިއުމުގެ މަސައްކަތް ހުއްޓާލައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރުމަށް ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ދެއްވުމަށް ދަ ޑިމޮކްރެޓްސް އިން ނިންމާފައިވާ ކަމަށާއި އެކަން މުއިއްޒަށްވެސް ދަންނަވާފައިވާނެ ކަމަށެވެ.