ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިގެން ނުދާނެ ގޮތަކަށް ކަންކަން އިންތިޒާމުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިވަގުތު ހުރި މައްސަލަތަކާ ގުޅިގެން އެމަނިކުފާނު މިވަގުތު މަގާމުން އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ސޯލިހަށް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމާ ދުރަށް ވަޑައިގެންނެވީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގައި މިވަގުތު ހުރި މައްސަލަތައް ހައްލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެގޮތުން ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދަން ޖެހޭ ކަމަށެވެ.
"ފުރަތަމަ އިހަށް ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަންގަވާ. ނެންގެވުމަށްފަހު އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާ. އޭރުން ހަމަ ރީތިކޮށް ދާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި އެމަނިކުފާނާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން އެކުއެކީގައި މަޖިލީހަށް ހުށަހެޅުއްވީ މަޖިލިސް ހުއްޓުވާލުމުގެ ބޭނުމުގަ އެވެ.
ނަޝީދު މިއަދު ވަނީ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް މާދަމާގެ ފަހުން ދެން ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
"މާދަމާގެ ޖަލްސާ ބޭއްވޭކަށް ނެތް. ދެން މި ދައުރުގައި އިތުރު ޖަލްސާއެއް ބޭއްވޭނެ ގޮތެއްވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުންނަމަ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ނެތި ވިދިވިދިގެ ބޭއްވޭނީ ތިން ޖަލްސާ އެވެ. މިދިޔަ ތިން ޖަލްސާގައިވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ.