ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށް ޖަލްސާގެ ނޯޓިސް މެންބަރުންނަށް ފޮނުވައިފި އެެވެ.
މަޖިލީހުގެ އިދާރާގެ ވެބްސައިޓްގައި އާދިއްތަ ދުވަހުގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާއިރު އެ ދުވަހުގެ ޖަލްސާއަށް އިތުރު ކަމެއް އެޖެންޑާކޮށްފައެއް ނުވެ އެވެ.
ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް ދަ ޑިމޮކްރެޓްސްގެ ބައެއް މެންބަރުންގެ ފަރާތުން އަވަސް އެނގިފައިވާ ގޮތުގައި އާދިއްތަ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންޖެހޭ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އުޅުއްވަނީ އާލާސްކަންފުޅާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މިމަހުގެ ނުވަވަނަ ދުވަހު އެެވެ. މިމައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ނަޝީދަށް 30 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިމަހުގެ 18 ވަނަ ދުވަހު ވަނީ ނިންމާފަ އެވެ.
ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ތުރީލައިން ވިޕް ނެރެފަ އެވެ. ތުރީލައިން ވިޕް ނެރުމާ ގުޅިގެން ނަޝީދު މަގާމުން ވަކިކުރުމަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް މަޖުބޫރުވާނެ އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވައިފިނަމަ އެ ހުވާ ގަބޫލުނުކުރާނެ ކަމަަށާއި އަދި އެ ހާލަތުގައި ކެބިނެޓެއް އެކުލަވާލައި ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅި ނަމަވެސް ރުހުން ނުދޭނެ ކަމަށްވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ ބުނެފަ އެވެ. އެމްޑީޕީގެ މި ނިންމުމާ ގުޅިގެން ދަ ޑިމޮކްރެޓްސް އިން ބުނީ އެމްޑީޕީން މަސައްކަތް ކުރަނީ އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމަށް ހުރަސްއެޅުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި އަދި އެ ދެ ބޭފުޅުން ނުތިއްބަވާ ވަގުތުތަކުގައި މަޖިލީހުގެ ރިޔާސަތު ދެން ބަލަހައްޓަވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަކީ ވެސް ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ބޭފުޅުންނެވެ. އެހެންވެ މަޖިލީހުގެ ޖަލްސާތަކުގައި ސަރުކާރުން އިސްކަން ދޭން ބޭނުންވާ މުހިއްމު މައްސަލަތަކާއި މުހިއްމު ބިލްތައް އެޖެންޑާކުރުމަށް ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.
ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަ އޭރު އަނބުރާ ގެންގޮސްފަ އެވެ.