ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު އުޒުރުވެރިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރި އެމަނިކުފާނު އުޒުރުވެރިވެވަޑައިގެންފި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން ރައީސް ނަޝީދު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާއަށް އެންގެވީ މިއަދު ފޮނުއްވެވި ސިޓީއެއްގަ އެވެ.

"އެ މައްސަލައަށް ވަކި ގޮތެއް ނިމުމާ ހަމައަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އަޅުގަނޑު އުޒުރުވެރިވަން،" ސިޓީގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެއީ އެމަނިކުފާނަށް މަޖިލީހުގެ ގަވާއިދުން ލިބޭ އިހުތިޔާރެއް ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާލުވިއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކުރުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖުމްލަ 54 މެންބަރުން ސޮއިކުރައްވާފައިވެ އެވެ. މީގެތެރޭގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)ގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވެސް ސޮއި ސޮއިކުރައްވާފައިވެ އެވެ.