ރައްޔިތުންގެ މަޖިލިސް

އީވާގެ މައްސަލަ ނިންމާފައި ނޫނީ އެހެން ކަމެއް ނުކުރެވޭނެ: އަސްލަމް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ބުނެފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އީވާގެ މައްސަލައިގައި ވާހަކަދައްކަވާފައި މިވަނީ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ އެޖެންޑާ ނެގުމުންނެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރީ އަންނަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލާނެ ގޮތަކާ މެދު މެންބަރުންނަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ ކޮމިޓީތައް އެކުލަވާނުލެވުނު ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އީވާގެ މައްސަލަ އެޖެންޑާ އިން އުނިކުރި ކަމަށް ޕާޓީޓަކުގެ ޕީޖީ ލީޑަރުން އަންގަވާފަ އެވެ.

މަޖިލީހުގެ ސިޓީ ލިބިފައިވާ ކަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ކޮމިޓީތައް އެކުލަވާލުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފުރިހަމައަށް އެއްބާރުލުން ދީ ބައެއް ކަންކަމުގައި ދޫވެސް ދީފައިވާނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ އާންމު ކޮމިޓީގައި މަޖިލީހުގެ ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެންބަރުން ހިމެނޭ ގޮތަށް އެކުލަވާލުމަށް އިދިކޮޅު މެންބަރުން ހުށަހެޅުއްވި ކަމަށެވެ. އެ ހުށަހެޅުއްވުމާ އެއްގޮތަށް އާންމު ކޮމިޓީ އެކުލަވާލުމަކީ މަޖިލީހުގެ ގަވައިދުގައި ލާޒިމު ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އާންމު ކޮމިޓީއަކީ މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އެ މައްސަލަ ރައްދުވާ ބޭފުޅަކަށް އަދި މަޖިލީހުގެ މެންބަރުންނަށް ވެސް ވާހަކަދެއްކުމަށް ވަގުތު ހަމަޖައްސާނެ ގޮތް ކަނޑައަޅާ ކޮމިޓީ އެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ އާންމު ކޮމިޓީ އަދިވެސް އެބައޮތް ކަމަށާއި އެ ކޮމިޓީ އުވިގެން ނުދާ ކަމަށެވެ. އެކަމަކު އާންމު ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ނުދާނަމަ އެ ކޮމިޓީގެ ބައްދަލުުވުމަކަށް ގޮވާލައި ކޮމިޓީގެ މައްސަލަ ހައްލުކުރުމަށް އަމީންއާންމަށް ކުރެވޭނެ މަސައްކަތް ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބް ރައީސް އީވާގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައި އޮއްވާ އަދި އެކަމާ ގުޅޭ ނޯޓިސްގެ މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް އިވާއާ މެދު ގޮތެއް ނުނިންމާ މަޖިލީހުގައި އެއްވެސް ކަމެއް ކުރަން މަޖިލިސް ގަވައިދު ތަން ނުދޭ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) އިން މިކަން ސާފުކޮށް އެނގޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އަދި މަޖިލީހުގެ ބައެއް މެންބަރުން ގާނޫނުއަސާސާއި މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލުކުރާ ކަމަށެވެ. އަދި އެފަދަ ބޭފުޅުން ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.