އެމްޑީޕީ

މަޖިލިސް ހިސޯރުކުރާކަށް ފުރުސަތެއް ނުދޭނަން: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާތީ އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލިސް ހިސޯރުކުރަން ފުުރުސަތު ނުދޭނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް، އެ މައްސަލަ ހުއްޓުވާލުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އެ މަޖިލީހުގެ މެންބަރުންގެ ތާއީދާއި އިތުބާރާއެކު މެނުވީ އެއްވެސް ބޭފުޅަކަށް ދެމިހުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެ މަގާމުގައި ހުންނަވަންވާނީ އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރައްވާ ބޭފުޅެއް ކަމަށް ދެކޭ ކަމަށްވެސް ބުންޏެވެ.

" އެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަށް އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުމެވެ. އެހެންނަމަވެސް މަޖިލިސްގެ ރައީސްގެ ފަރާތްޕުޅުން ފެންނަމުންދަނީ ޑިމޮކްރެސީގެ ހަމަތަކުން އެއްކިބާވެވަޑައިގަންނަވާ ތަނެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ރިޔާސީ އާ ދައުރެއްގެ ފެށުން ނުހަނު ކައިރިވެފައިވާ މިފަދަ ދުވަސްވަރެއްގައި ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީސް ކުރިއަށް ގެންދިއުމަށް ފުރުސަތެއް ނުދޭނެ ކަމަށެވެ. އިންތިހާބީ ރައީސާއި ނައިބްރައީސް ހުވާކުރެއްވުމުގެ ޖަލްސާ އަކީ އެޖަލްސާގެ ސައްހަކަމާމެދު ގާނޫނީގޮތުން ސުވާލު އުފެއްދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުމަށް އެމްޑީޕީ ބޭނުންވާ ކަމަށްވެސް ބުންޏެވެ.

"އެކަން އެމަގުން ކުރިއަށް ގެންދިއުމަށް މިޕާޓީން ކުރަންޖެހޭ އެންމެހައި މަސައްކަތަށް ކުރާނެ ކަމުގެ ޔަގީންކަން މިޕާޓީގެ ފަރާތުން އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބައްޓަން ކޮށްފައިވަނީ އެއްވެސް ފަރާތަކަށް، ގާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަށް ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ދައުލަތުގެ އެއްބާރަށް ވާއިރު ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަފްހޫމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަންވެސް ފާހަގަކޮށްފައިވެ އެވެ.

"ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން މި މައްސަލަ ނިންމުމަށް މިޕާޓީން ގޮވާލަމެވެ،" އެމްޑީޕީން ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވީ ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އުޅުއްވަނީ އާލަސްކަންފުޅާ ކަމަށް ބައެއް މެންބަރުން ވިދާޅުވެ އެވެ. އެހެންވެ އާދިއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދެވިދާނެ ކަމާ ދޭތެރޭ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.