މުހައްމަދު އަސްލަމް

ނަޝީދު ވަކިނުކޮށް މުއިއްޒު ކުރައްވާ ހުވާ ގަބޫލެއް ނުކުރާނަން: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިނުކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ނަމަވެސް ހުވާ ގަބޫލުނުކުރާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތުރީ ލައިން ވިޕެއް ނެރެފަ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދު މަގާމު ވަކިނުކޮށް މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރަން ދެން ފުރުސަތު ނުދޭން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ނަޝީދު މަގާމުން ވަކިނުކޮށް މުއިއްޒު ހުވާކުރެއްވި ނަމަވެސް އެ ހުވާ ބަލައިނުގަތުމަށާއި އަދި ނަޝީދު ވަކިނުކޮށް މުއިއްޒު އެކުލަވާލާ ކެބިނެޓަށް ރުހުން ހޯދުމަށް ހުށަހެޅި ނަމަވެސް ރުހުން ނުދޭން ނިންމާފައިވާ ކަމަށެވެ.

"މި ވޯޓު ނުނިންމައި، ރިޔާސަތަކުން ނިންމާ ނިންމުމެއް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތްވާ ގޮތަށް ހުވައި ކުރައްވައިގެން ހުންނެވި ރައީސެއް ކަމުގައި ނުބަލާނަން،" އަސްލަމް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި ދެން އިތުރު އެއްވެސް މަސައްކަތެއް ގާނޫނާއި ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ކުރިން ނަޝީދުގެ މައްސަލަ ނިންމުމަށް ރޮޒައިނާވެސް ގޮވާލެއްވި އެެވެ.

"ގާނޫނާ ހިލާފް ޖަލްސާއެއްގައި ހުވާކުރައްވައިގެން ކެބިނެޓް ހުށަހެޅުއްވިޔަސް އެކަމަށް އަޅުގަނޑުމެންނަށް ޖާގައެއް ނުދެވޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުން ތުހުމަތުކުރައްވާ ގޮތުގައި ރައީސް ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އުޅުއްވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައި އޮތް އާދިއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ނުގެންދިއުމަށެވެ. އެ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންޖެހޭ ބޭފުޅަކީ މަޖިލީހުގެ ނައިބް ރައީސްގެ ހައިސިއްޔަތުން އީވާ ކަމަށްވެފައި އެ ދުވަހުގެ ޖަލްސާ އަށް އީވާ ހާޒިރުވެވަޑައިނުގަތުމަކީ ވެދާނެ ކަމެއް ކަމަށްވެސް އެމްޑީޕީގެ މެންބަރުން ތުހުމަތުކުރައްވަ އެެވެ. އަދި ހޯމަ ދުވަހު މަޖިލީހުގެ އާންމު ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނަޝީދާއި އީވާ ރާއްވަވަމުން ގެންދަވާ ކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މިމަހުގެ ނުވަވަނަ ދުވަހު އެެވެ. މިމައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.