ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ހުއްޓުވައިގެން އުޅެނީ ގަސްދުގައި ކަމަށާއި އެކަން ހައްލުކުރެވޭނެ މަގުން ގޮސް މައްސަލަ ހައްލުކުރައްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ނުވެގެން މަޖިލިސް ހުއްޓާލަން ޖެހުމާ ގުޅިގެންނެވެ. މަޖިލީހުގެ އެއްވެސް ޖަލްސާއެއް މިދިޔަ ހަފްތާވެސް އަދި މި ހަފްތާވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ.
މަޖިލީހުގެ ޖަލްސާތައް ހުއްޓުވާފައިވާ މައްސަލައިގައި އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް މަޖިލިސް ކުރާ ގެއަށް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތަށް ވަޑައިނުގެން އަދި ރިޔާސަތު ބަލަހައްޓަވަން އިތުރު މެންބަރަކު ކަނޑައަޅުއްވާފައި ނުވަނީ މަޖިލިސް ހުއްޓުވަން ކަމަށެވެ.
"މިއީ މަޖިލީހުގެ ގަވާއިދު މުގުރާލާފައި ހިނގި ކަމެއް. އަދި މިއީ ހަމަ ޑެލިބަރޭޓްކޮށް ކުރައްވާ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޔަކު މަޖިލިސް ހުއްޓުވާފައި އޮތް ނަމަވެސް ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި މަޖިލީހުގެ ގަވައިދަށް ރިއާޔަތްކުރާއިރު މަޖިލިސް ހުއްޓެން ޖެހޭ ހާލަތެއް މިވަގުތު ކުރިމަތިވެފައި ނެތް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާތައް ފެށުމަށްޓަކައި މިހާރު ކުރައްވާ މަސައްކަތްތައް ކާމިޔާބު ނުވެއްޖެނަމަ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިގެން ނަމަވެސް ހައްލު ހޯއްދަވާނެ ކަމުގައި ވިދާޅުވި އެވެ.
"ނަމަވެސް އެއީ ލާސްޓް ރިޒޯޓެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާނީ،" އަސްލަމް ވިދާޅުވި އެވެ.
މަޖިލިސް ހުއްޓިފައި އޮތް މައްސަލައިގައި ރައީސް ނަޝީދާ އެއްވެސް މަޝްވަރާއެއް ކުރައްވަންތޯ ދެންނެވުމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން ސޮއިކުރައްވާ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާފައިވާތީ މިވަގުތު ސީދާ ރައީސް ނަޝީދާ ކަންކަމުގައި މަޝްވަރާ ކުރައްވަމުން ނުގެންދަވާ ކަމަށެވެ.
"މިހާލަތުގައި އަޅުގަނޑު [މަޖިލީހިގެ ރައީސްއާ] އިތުރަށް މަޝްވަރާ ކުރަންޖެހޭނެ ކަމަކަށް ނުދެކެން،" މަޖިލީހުގައި ހުންނެވި އެންމެ ތަޖުރިބާކާރު މެންބަރުންގެ ތެރޭގައި ހިމެނޭ އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ މެންބަރުން ހުށަހަޅާފައިވަނީ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި އެ މައްސަލަ ހައްލުނުކުރެވި އޮއްވަ އެވެ. ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްވަގުތެއްގައި މަޖިލީހަށް ހުށަހަޅައިގެން ދިމާވާ ގާނޫނީ މައްސަލައެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން އީވާގެ މައްސަލަ ނިންމޭނެ ކަމަށްވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވެ އެވެ.