ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާތީ އެ މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް ނިމެންދެން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިނުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގަންނަވާތީ ދެން ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ނުކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ހާމަކޮށްފި އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ޖަލްސާ ބޭއްވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިދިޔަ މަހުގެ 31 ވަނަ ދުވަހު ސިޓީއަކުން ދެންނެވި ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި މައްސަލަ އޮތަސް ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތްކަން އެ ދުވަހު މަޖިލީހުގެ އިދާރާއިން ސިޓީއަކުން ޖަވާބު ދެއްވާފައިވާނެ ކަމަށެވެ.
އީވާ އަބްދުﷲ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ވަނީ ސަލާމް ފޮނުއްވާފަ ކަމަށާއި ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަން މަޖިލީހުގެ ނައިބު ރައީސް މިއަދު ސިޓީއަކުން ދަންނަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.
"މިއަދު އުޒުރުވެރިވެވަޑައިގަތުމާއެކު ދެން ޖަލްސާއަކަށް އެމައްސަލައެއް އެޖެންޑާއެއް ނުކުރާނެ،" މަޖިލީހުގެ އިދާރާއިން ބުނެފައިވެ އެވެ.
މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އުޒުވެރިވެވަޑައިގަންނަވާކަން އީވާ ހާމަކުރެއްވީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑައަޅައި ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް އިހުތިޔާރުކޮށްގެން ކުރިއަށް ދިއުމަކީ މަޖިލީހުން ކުރިންސުރެ އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު ކަންކުރަމުން އަންނަ ގޮތް ނޫން ކަމަށް ގަބޫލުކުރާ ކަމަށްވެސް އީވާ ވިދާޅުވި އެވެ.
އީވާ އިތުރަށް ވިދާޅުވީ ގާނޫނުއަސާސީގެ މަފްހޫމަށް ބަލައި ތިން ބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއްގެ ގާނޫނު ހެދުމުގެ ބަރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި އެއްބާރާއި އަނެއްބާރާ ދެމެދު އޮންނަންޖެހޭ އިހްތިރާމް ކުޑަނުވާނެ ގޮތަށް ނުވަތަ އަރައިރުން ނުވާނެ ގޮތަށް އަމަލުކޮށް ބާރުތައް ވަކިވެފައި އޮންނަ އޮތުމުގެ ތަސައްވުރަށް ހިޔަނި ނޭޅުމުގެ ގޮތުން ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.