ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާތީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގެންފި އެވެ.
މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އުޒުވެރިވެވަޑައިގަންނަވާކަން އީވާ ހާމަކުރެއްވީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑައަޅައި ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް އިހުތިޔާރުކޮށްގެން ކުރިއަށް ދިއުމަކީ މަޖިލީހުން ކުރިންސުރެ އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު ކަންކުރަމުން އަންނަ ގޮތް ނޫން ކަމަށް ގަބޫލުކުރާ ކަމަށްވެސް އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ އެ ތަންތަނަކީ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި ކޯޓުތަކަށް އެހީތެރިވުން ގާނޫނު އަސާސީން ދައުލަތުގެ އިދާރާތަކަށާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި ފަރާތްތަކަށް މަތިކޮށްފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް އިހުތިޔާރުކޮށްގެން ކުރިއަށް ގެންދިއުމަކީ، ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަށް ނުފޫޒަކަށް ވާނެ ކަމަށްވެސް އަޅުގަނޑު ދެކެން،" އީވާގެ ސިޓީގައި ވިދާޅުވި އެވެ.
މީގެ އިތުރުން ވަކި ގޮތަކަށް ކަމެއް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު، ކޯޓުން ގޮތެއް ކަނޑަނާޅަނީސް ކޯޓަށް ދިޔަ ފަރާތުން، ކޯޓުން އަންނާނެ ނިންމުމަކަށް ބެލުމެއް ނެތި، އަނެއްކާވެސް މަޖިލީހުގައި ވަކި ގޮތަކަށް ކަންކުރުމަށް މަސައްކަތްކުރުންވާނީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހުތިރާމް ކުޑަކުރުން ކަމަށް ދެކޭ ކަމަށް އީވާ ވިދާޅުވި އެވެ.
އީވާ އިތުރަށް ވިދާޅުވީ ގާނޫނުއަސާސީގެ މަފްހޫމަށް ބަލައި ތިން ބާރު ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއްގެ ގާނޫނު ހެދުމުގެ ބަރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި އެއްބާރާއި އަނެއްބާރާ ދެމެދު އޮންނަންޖެހޭ އިހްތިރާމް ކުޑަނުވާނެ ގޮތަށް ނުވަތަ އަރައިރުން ނުވާނެ ގޮތަށް އަމަލުކޮށް ބާރުތައް ވަކިވެފައި އޮންނަ އޮތުމުގެ ތަސައްވުރަށް ހިޔަނި ނޭޅުމުގެ ގޮތުން ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
އީވާގެ ސިޓީގައި ވަނީ ސިއްހީ ސަބަބަކާ ހުރެ މަޖިލީހުގެ މަސައްކަތަށް ހާޒިރުނުވެވިދާތީ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިފަހަރު 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅުމުން ފުރަތަމަ އެޖެންޑާކުރީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ ޖަލްސާއަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ދުވަހުގެ ޖަލްސާއަށް ސަލާމް ފޮނުއްވަވާފައިވާތީ އެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ.
އެ ޖަލްސާ ކެންސަލްވުމުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން އެ ދުވަހު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފަ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ، ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު 10:00ގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮކްޓޫބަރު 30 ވަނަ ދުވަހާއި މިމަހުގެ ފުރަތަމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް އެ ޖަލްސާތައްވެސް ކެންސަލްކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވަވާފައިވާތީ އެވެ. މީގެ އިތުރުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް އެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.
އެހެންކަމުން ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.