ރައްޔިތުންގެ މަޖިލިސް

އީވާ ސަލާމުގައި ހުންނެވުމުން މިއަދުގެ ޖަލްސާވެސް ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމު ފޮނުއްވާފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ އެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކުގަ އެވެ.

މި މައްސަލަ އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް އެ ޖަލްސާތައް ކެންސަލްކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމުގައި ހުންނެވުމުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.

އެހެންކަމުން ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ބޭއްވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ، ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.