ރައްޔިތުންގެ މަޖިލިސް

މައްސަލަތައް ހައްލުކުރަން އެމްޑީޕީން އަމީން އާންމުއާ ބައްދަލުކޮށްފި

Jun 12, 2023

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި ގޮތުގައި ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ އަމީން އާންމު ނިޔުޝާ އާއި މަޖިލީހުގެ އިދާރީ އިސް މުވައްޒަފުންނާ ބައްދަލުކުރައްވާފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި ކޮމިޓީތައް އެކުލަވާލުމާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

އެގޮތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ދިމާވާ ހުރަސްތަކާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނޯޓިސް ފޮނުވައި 14 ދުވަސް ހަމަވެފައިވާއިރު މައްސަލަ އެޖެންޑާ ނުކުރުމުން އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުން ފާޅުކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކުރައްވާފަ އެވެ.

މަޖިލީހުގެ ރިޔާސަތުން މީގެ ކުރިން ވިދާޅުވީ މަޖިލީހުގައި މިވަގުތު އޮތް އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ގެންދެވޭނީ އަލުން ކޮމިޓީތައް އެކުލަވާލައިގެންނެވެ. އެއީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅަންޖެހޭތީއާއި އާންމު ކޮމިޓީ ވެސް އަލުން އެކުލަވާލަންޖެހޭ ކަމަށް މަޖިލީހުގެ ރިޔާސަތަށް ގަބޫލުކުރެއްވޭތީ އެެވެ.

ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް މިހާރުވެސް އޮތް ގޮތަށް ކުރިއަށް ގެންގޮސް ކޮމިޓީއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ އާންމު ކޮމިޓީ ކުރިއަށް ގެންދިއުމަށް އެއްވެސް ދައްޗެއް އޮތް ނަމަ އާންމު ކޮމިޓީގެ ބައްދަލުވުމަކަށް އަމީންއާންމަށް ގޮވާލެވިދާނެ ކަމަށާއި އަދި އެ ކޮމިޓީގެ މައްސަލަ އަމީންއާންމަށް ހައްލުކުރެވޭނެ ކަމަށްވެސް އަސްލަމް ގަބޫލުކުރައްވަ އެވެ.