ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާގައި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ ނެރެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުން ސޮއިކޮށް އީވާ މަގާމުން ވަކިކުރަން ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން މަޖިލީހަށް ހުށަހެޅީ އީވާ އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު އޭނާ އިސްވެ ހުންނަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުއްވަން ފެއްޓެވުމުންނެވެ.
އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ދީފައިވާ 14 ދުވަހުގެ ނޯޓިސް މިއަދަށް ހަމަވާނެ އެވެ. އެކަމަކު މަޖިލީހުގެ މާދަމާގެ ޖަލްސާ މަޖިލީހުގެ ވެބްސައިޓްގައި އާންމުކުރި އިރު އީވާގެ މައްސަލަ ހިމަނާފައެއް ނުވެ އެވެ.
މަޖިލީހުގެ ރިޔާސަތުން ވިދާޅުވާ ގޮތުގައި މަޖިލީހުގައި މިވަގުތު އޮތް އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ގެންދެވޭނީ އަލުން ކޮމިޓީތައް އެކުލަވާލައިގެންނެވެ. އެއީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅަންޖެހޭތީއާއި އާންމު ކޮމިޓީ ވެސް އަލުން އެކުލަވާލަންޖެހޭ ކަމަށް މަޖިލީހުގެ ރިޔާސަތަށް ގަބޫލުކުރެއްވޭތީ އެެވެ.
ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް މިހާރުވެސް އޮތް ގޮތަށް ކުރިއަށް ގެންގޮސް ކޮމިޓީއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ އާންމު ކޮމިޓީ ކުރިއަށް ގެންދިއުމަށް އެއްވެސް ދައްޗެއް އޮތް ނަމަ އާންމު ކޮމިޓީގެ ބައްދަލުވުމަކަށް އަމީންއާންމަށް ގޮވާލެވިދާނެ ކަމަށާއި އަދި އެ ކޮމިޓީގެ މައްސަލަ އަމީންއާންމަށް ހައްލުކުރެވޭނެ ކަމަށްވެސް އަސްލަމް ގަބޫލުކުރައްވަ އެވެ.
މަޖިލީހުގެ ރިޔާސަތުން ސިޔާސީ ބޭނުމުގައި މަޖިލިސް ހުއްޓުވާލައިގެން އުޅޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.