ރައްޔިތުންގެ މަޖިލިސް

ދައުރު ނުނިމެނީސް މަޖިލިސް ހުއްޓުމަކަށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނުނިމެނީސް މަޖިލިސް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމޭނީ މި ހަފުތާގަ އެވެ. ދެވަނަ ދައުރު ނުނިމެނީސް މަޖިލިސް ހުއްޓިފައިވާއިރު މި ދައުރުގައި އިތުރު ޖަލްސާއެއް ބޭއްވޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ވަނީ ހުށަހަޅާފަ އެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައީސް ނަޝީދު އާއި އީވާ ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.

ރައީސް ނަޝީދު އާއި އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓަވާތީ މަޖިލީހުގެ ފާއިތުވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ނެތް ނަމަ އެހެން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގަ އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ނަޝީދު އިއްޔެ ވިދާޅުވީ މަޖިލިސް ހުއްޓުމަކަށް އައީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށެވެ.

ރައީސް ނަޝީދު ވަނީ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމަށްފަހު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމުން މަޖިލިސް ނުހުއްޓި ކުރިއަށްދާނެ ކަމަށް ވިދާޅުވެފަ އެވެ.