ރައީސް މުހައްމަދު ނަޝީދު

ރާއްޖެއަށް އެންމެ ރަނގަޅީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު

ރާއްޖެއަށް މިހާރު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިވަގުތު ރާއްޖެއާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސްއަށްވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށެވެ.

ނަޝީދުގެ ހިޔާލާ ގުޅޭގޮތުން އެމްޑީޕީއާއި ޑިމޮކްރެޓްސް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅޭ ވާހަކަ ނަޝީދު ދައްކަވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަމަށް ބުނާ އަޑުތަކެއް ގަދަވެފައި ވަނިކޮށެވެ.

ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ދަ ޑިމޮކްރެެޓްސް އުފެއްދީ 2023 ވަނަ އަހަރު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމަށް އަމާޒު ކަނޑައަޅައިގެންނެވެ. ނަމަވެސް އެ ޕާޓީގެ އިސްވެރިން ހީކުރި ވަރުގެ ތަރުހީބެއް އަދި ސަޕޯޓެއް އާންމުންގެ ފަރާތުން ނުލިބުނެ އެވެ.

ދަ ޑިމޮކްރެޓްސްއަށް އާންމުންގެ ތާއީދު ނެތުމުން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުން މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.