އެމްޑީޕީ

މިފަހަރު ފަހަތަށް ޖެހުމެއް ނެތް، ރޫޅައެއްވެސް ނުލެވޭނެ: އަލީ ނިޔާޒު

އެމްޑީޕީ މިފަހަރު އޮތީ ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އަލީ ނިޔާޒު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން އަލުން މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ވަގުތެއް ގައެވެ.

އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާހުގެ ނަމުގައި މަގާމުގެ ދަހިވެތިކަން އިސްކުރުން ބަލައި ނުގަނެވޭ ކަމަށެވެ. މިއީ ސީދާ ކޮން ބަޔަކަށް އަމާޒުކޮށް ވިދާޅުވި އެއްޗެއް ކަމެއް ނޭނގެ އެވެ. ނަމަވެސް އޭނާގެ ފާޑުކިޔުން އަމާޒުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ކަމަށް ބެލެވެ އެވެ.

"އިރާދަކުރެއްވިއްޔާ އެމްޑީޕީ ރޫޅައެއް ނުލެވޭނެ. މިފަހަރު ފަހަތަށް ޖެހުމެއް ނެތް،" އަލީ ނިޔާޒު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން ހުށަަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން އިއްޔެ ވަނީ މަޝްވަރާކޮށްފަ އެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ސޯލިހަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަނީ އެމްޑީޕީ އިދިކޮޅު ޕާޓީއަކަށް ވެގެންދާއިރު ސަރުކާރު ޖަވާބުދާރީކުރުވުން ފަސޭހަކުރުމަށްޓަކައި ކަމަށެވެ.