އެމްޑީޕީން ވަކިކުރަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓު "އަނެއް ދިވެހިރާއްޖެ" އިން ކުރެއްވި ޓްވީޓެއްގަ އެވެ. "އަނެއްދިވެހިރާއްޖެ" އަކީ ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓެއް ކަމަށް އެމަނިކުފާނު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރިން ވިދާޅުވެފަ އެވެ.
އެމްޑީޕީން ރައީސް ސޯލިހް ވަކިކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި މިވަނީ އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފިޔަވަޅު އެޅުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މައްސަލަ ބަލަން ފަށާފައި ވަނިކޮށެވެ.
"އަނެއްދިވެހިރާއްޖެ" ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް ސޯލިހު އަންގަވައިގެން ދާއިރާތަކުގެ ރައީސުން ނުކުމެ އެމްޑީޕީގެ ކެންޑިޑޭޓު ނުހޮވާ އެހެން ބައެއް ކެންޑިޑޭޓުން މަޖިލީހަށް ހޮވާފައިވާ ކަމަށެވެ.
"2019 ގައި ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނުކުމެ އެމްޑީޕީ ކެންޑިޑޭޓު ކަޓުވާލައި އެހެން މީސް މީހުން މަޖިލީހަށް ހޮވި މައްސަލަ ނުބަލައި ފިޔަވަޅު އަޅާ ކޮމިޓީން މިހާރު އެބަލައި މައްސަލަތައް ބެލުމަކީ އިންސާފުވެރިކަމެއް ނޫން. ޕާޓީން ވަކިކުރަން ޖެހެނީ ރައީސް ސޯލިހު،" ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" އަށް ތާއީދުކުރާ މެންބަރުންގެ މައްސަލަތައް ބަލަން ފަށާފައި މިވަނީ ޗާގޯސް މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެ މެންބަރުން ސޮއިކުރުމުންނެވެ.
ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ސޮޔާއެކު އެވެ.