މާރިޔާ އަހުމަދު ދީދީ

ރައީސް ދަތުރު ކުރައްވާ މަގުތައް ކަނޑައަޅަނީ ޑިފެންސް މިނިސްޓަރެއް ނޫން

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ދަތުރުކުރާ ރޫޓު ކަނޑައަޅަނީ ޑިފެންސް މިނިސްޓަރު ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޑް ހުއްޓުވީ ދުރާލާ ރާވައިގެން ކަމަށް ބެލެވޭތޯ އާއި އާންމުކޮށް ރޭގަނޑު މުޒާހަރާކުރާ މަގުތަކުން އެރޭ މޮޓޯކޭޑުގެ ރޫޓު ނެގުމަކީ ގަސްތުގައި ސެކިއުރިޓީ ފޯސްއިން ކުރި ކަމެއްތޯ ސުވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ސުވާލު ކުރެއްވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ މޮޓޯކޭޑް ހުއްޓުވި މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ބަލަމުންދާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ރޫޓު ނިންމުންއެއީ ދިފާއީ ވަޒީރެއް ކުރާކަމެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް މުޒާހަރާގެ ތެރެއިން ހުރަސްއެޅީ މިދިޔަ މާޗް މަހު އެވެ. އެ މައްސަލާގައި ބައެއް މީހުން ހައްޔަރުކުރި އެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ އެމްއެންޑީއެފުން ތަހުގީގުކުރަމުން އަންނައިރު ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާހީމް ސަސްޕެންޑްކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަކީ ގާނޫނީ ތަރަހައިން ބޭރު ސުވާލުތަކެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.