ރައްޔިތުންގެ މަޖިލިސް

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ: ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑް ސެކިއުރިޓީ ބްރީޗްވި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަގުތުން މަގާމުން ވަކިކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާ މެންބަރު ހުސެއިން މުހައްމަދު ލަތީފު އެވެ.

ކުއްލި މައްސަލަ އާ ދެކޮޅަށް 17 މެންބަރުން ވޯޓު ދެއްވިއިރު ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ.

މެންބަރު ކުއްލި މައްސަލައެއް ހުށަހެޅުއްވީ ރައީސް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ސަޕޯޓަރުން ރޭ ހުރަސް އަޅާފައިވަނިކޮށެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ އިދިކޮޅު ޕާޓީގެ އިހުތިޖާޖުގެ ބައިވެރިން ޕާޓީގެ އޮފީސް ކައިރީގައި ތިބި ވަގުތެއްގައި ރައީސްގެ މޮޓޯކޭޑް، އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.

"ރައީސަކު ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑް މިފަދަ ސިޔާސީ ހަރަކާތެއް ހިނގަމުންދާ ތަނަކަށް ވަދެގެން ދިޔުމަކީ ނޭނގި ކުރެވޭނެ ކަމެއްކަމަށް ގަބޫލުނުކުރެވޭ،" ކުއްލި މައްސަލައިގައި މެންބަރު ހުސެއިން ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ މިއީ ވަރަށް ބޮޑަށް ރޭވިގެން ހިނގާފައިވާ އަމަލެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ރައީސްގެ ސަލާމަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ބަލަހައްޓަންޖެހޭއިރު ހާދިސާގެ ޒިންމާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނަންގަވަން ޖެހޭ ކަމަށް މެންބަރު ހުސެއިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ ހައެއް، 2021 ގައި ދިން ހަމަލާވެސް މެންބަރު ހުސެއިން ވަނީ ފާހަގަކުރައްވާފަ އެވެ.

ދައުލަތުގެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކުރަންޖެހޭ ވަރުގެ ސީރިއަސް މައްސަލައެއް ކަމަށާއި މިހާރުން މިހާރަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަގާމުން ވަކިކުރުމަށް ކުއްލި މައްސަލާގައި ވަނީ ގޮވާލާފަ އެވެ.

ރައީސް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްކުރި މައްސަލަ ތަހުގީގު ކުރުމަށްވެސް ވަނީ ކުއްލި މައްސަލާގައި ގޮވާލާފަ އެވެ.