ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ، "ހައެއް ފަހެއްގެ ހަމަލާ" އަށް 46 ދުވަސްވީއެވެ. ފުލުހުން ގެންދަނީ އެ ހަމަލާގެ ފުނަށް ދާން ވަރުގަދަ ތަހުގީގު ކުރަމުންނެވެ. ބައިނަލްއަގްވާމީ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި ގިނަ ބައިވަރު ކުރިއެރުން ލިބިފައިވާ ކަމަށް އެންމެ ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ހާމަކޮށްފައިވެއެވެ. ވެރިރަށުގެ މައި މަގުގައި އެއްޗެއް ގޮއްވާލާ ދިން ޓެރަރިސްޓް ހަމަލައާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށް ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ. އެކަކީ ބޮން ގޮއްވާލި ކަމަށް ބުނާ މީހާއެވެ. ދެން ހުރީ އޭނާއަށް އެހީތެރިވެ އެ ރޭގެ ބާކީ އޭނާ އެކު އުޅުނު މީހާއެވެ. ތިންވަނަ މީހަކީ ގޮއްވާލި ސައިކަލްގެ ވެރިމީހާއެވެ. ދެން ހިމެނެނީ ފުލުހުންގެ ވަޒީފާގައި އުޅުނު މީހެކެވެ. ފަސްވަނަ މީހެއް ހައްޔަރުކުރި ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މައްސަލައިގެ ތަހުގީގު ފުލުސް ފެށިއިރު ރައީސް ނަޝީދުގެ ސެކިއުރިޓީ "ފޫއަޅުވާލާ" އެފަދަ ނުރައްކާތެރި ހަމަލާއެއް ދެވުނު ސަބަބުން ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމެޓީންވެސް ތަހުގީގެއް ފަށައިފި އެވެ. ފުލުސް ތަހުގީގަށް ވުރެ ރަށުތެރޭގައި އަޑު އޮތީ އަދި އަޕްޑޭޓް ލިބެނީވެސް ކޮމެޓީގެ ތަހުގީގެވެ. ރެއަކާއި ދުވާލެއް ނިމެނީ ކޮންމެވެސް ބަޔަކު ހާޒިރުކޮށް ކޮމެޓީގެ ބައްދަލްވުންތައް ކުރިއަށް ގެންގޮސްގެނެވެ. ސިފައިންނާއި ފުލުސްގެ ވެރިން ތަކުރާރުކޮށް ހާޒިރުކޮށްފި އެވެ. ސިޓީ ކައުންސިލާއި ޕްލޭނިން އަދި މަރުކަޒީ ބެންކުގެ ވެރިންވެސް ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ. ކޮމެޓީއަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު ހަމަލާ ދިންއިރު ނަޝީދުގެ ބޮޑީގާޑުންގެ ގޮތުގައި ތިބި ސިފައިންވެސް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
މި މައްސަލާގައި އެމްޑީޕީން ސަމާލުވެ އޮތުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ 100 މެންބަރުންގެ ވޯޓާއެކު "މެއި ހައެއް ކޮމެޓީ" ގެ ނަމުގައިވެސް އޮތީ ކޮމެޓީއެއް އުފައްދާފައެވެ. ކޮމެޓީގެ ހަގީގީ ބޭނުމަކީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ހުރިހާ ގޮތަކުންވެސް ފާރަވެރިވުމެވެ. ހޯދުނު އެންމެ ފުޅާކޮށް މައުލޫމާތު ހޯދާ އެކަންކަން ބަލާ ދިރާސާ ކުރުމެވެ. އެ ކޮމެޓީން އެއްކުރާ މައުލޫމާތު ހަފްތާއަކު އެއް ފަހަރު ޕާޓީގެ ގައުމީ މަޖިލީހަށް ހުށައަޅަން ޖެހެއެވެ. މިދިޔަ ހަފްތާގެ މަސައްކަތާއި ހޯދުނު މައުލޫމާތު މިހާރު ވަނީ ހުށައަޅާފައެވެ.
އޭގެ ކުރިން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާއްސަ ކޮމެޓީއެއްވެސް އުފައްދަވާފައެވެ. އިންޓެލިޖެންސް އޮޑިޓް ހަދަމުންދަނީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ. ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ސެކްރެޓަރީ ނޫޝީން ވަހީދު އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އާއި ރައީސް އޮފީހުގެ ދެ ބޭފުޅުކެވެ.
މީގެ އިތުރުން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒްވެސް ވަނީ ހަމަޖައްސަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުން މޭ މަހުގެ ހަ ވަނަ ދުވަހުގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރު ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި މައްސަލައިގައި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި ތައްޔާރު ކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރު ކުރައްވާނެ އެވެ.
"ހައެއް ފަހެއްގެ ހަމަލާ"އާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ޖުލައި މަހުގެ ނިޔަލަށް ނިންމަން ފުލުހުން ވަނީ އަމާޒު ހިފާފައެވެ. މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އޮގަސްޓް މަހުގެ ފަސްވަނަ ދުވަހުގެ ކުރީން ދައުވާ ކުރަން ފޮނުވަން ޕީޖީ ވަނީ ނިންމާފައެވެ. މިހާރުވެސް ފުލުސް ތަހުގީގު ހިނގަނީ ޕީޖީގެ ބައިވެރިވުން އޮވެގެންނެވެ. ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހަފްތާއަކު އެއް ފަހަރު ފުލުހުން ޕީޖީ ޝަމީމަށް ބްރީފްވެސް ކޮށްދެއްވައެވެ. އެއީ ޕްރޮސެކިއުޓް ކުރުމުގެ މަރުހަލާ ކުރުކޮށް އިންސާފަށް ވާސިލުވުން އަވަސް ކުރުމުގެ ބޭނުމުގައެވެ.
241 ކޮމެޓީން ފަށާފައިވާ "ޕާލިމަންޓަރީ އިންކުއަރީ" ނިންމަން ކަނޑައަޅާފައި އޮތީ ޖޫން މަހުގެ ނިޔަލަށެވެ. ކޮމެޓީގެ މުގައްރިރު ވިދާޅުވި ގޮތުގައި މި މަހުގެ ހަފްތާގެ ދުވަހެއްގައި ރިޕޯޓްގެ މަސައްކަތް ނިންމާނެ އެވެ. އޭގެ ފަހަށް ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާއެވެ.
"ހައެއް ފަހެއްގެ ހަމަލާ"އާ ގުޅިގެން ތަފާތު ނަންނަމުގައި ނަމަވެސް ހިނގަމުން އެ ދަނީ މައްސަލައާ ގުޅުންހުރި ސީރިއަސް ތަހުގީގުތަކެކެވެ. ފުލުސް ތަހުގީގަށް ފަހު ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެއެވެ. އަދި ކޯޓް މަރުހަލާގައި ބައެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމްތަކެއް އިއްވާފާނެ އެވެ. ނަމަވެސް މައްސަލައިގައި އާންމު ރައްޔިތުން ވަކިން ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނު އާއިލާ އަދި ޕާޓީ އާއި މެންބަރުންގެ އެންމެ ބޮޑު ޝައުގުވެރިކަމެއް އޮތީ މި ނުބައި ޓެރަރިސްޓް ހަމަލާގެ އަޑީގައި ތިބި މީހުން ދެނެގަތުމަށެވެ. އެކަމަށް ފަންޑު ކުރި މީހުންނާއި އެކަމުގެ ހިމެނޭ ފައިސާގެ އަދަދާއި އެ މުއާމަލާތް ހިނގާ ދިޔަގޮތް ސާފު ކުރުމަށެވެ. އަދި އެކި ގޮތްގޮތުން އެ ޖަރީމާ ހިންގަން އެހީތެރިވެދީ ވާގިވެރިވެ ހިތްވަރު ދިން މީހުން ދެނެގަތުމަށެވެ.
ސުވާލަކީ އެއީ އެވެ. އަންނަ މަހުގެ ނިޔަލަށް ތަހުގީގު ނިންމާ އޮގަސްޓް ފުރަތަމަ ހަފްތާގައި ދައުވާ ކުރުމާއި ހަމައަށްދާއިރު އެންމެ ބޮޑެތި ސުވާލުތަކަށް ޖަވާބު ހޯދޭނެ ހެއްޔެވެ. އެހެން ނުވެއްޖެނަމަ މީގެ ކުރިންވެސް ހިނގާފައި ހުރި ބޮޑެތި ޖަރީމާތަކާއި ގުޅިގެން ހިންގި ތަހުގީގުތަކެކޭ މި މައްސަލައިގެ ތަހުގީގެކޭ އެއްގޮތްވީއެވެ.
ރާއްޖޭގައި ހިނގާދިޔަ ބޮޑެތި މަރުތަކާއި ގުޅިގެންވެސް އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދާ ހައްޔަރު ކުރެވުނެވެ. ތަހުގީގު ނިންމާ ދައުވާވެސް ކުރެވުނެވެ. ބައެއް މީހުންނަށް ތިން މަރުހަލާއިން މަރުގެ ހުކުމްވެސް އިއްވާފައިވެއެވެ. އޭގެ އެއް މައްސަލައަކީ ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލަން ދިން ރަހުމްކުޑަ ހަމަލާއެވެ. އެ ހަމަލާގައި އެންމެ އިސްކޮށް ބައިވެރިވި ކަމަށް ތުހުމަތުކޮށް ހައްުޔަރު ކުރެވުނު މީހާގެ މައްޗަށް ކުށް ސާބިތުވެ ތިން މަރުހަލާއިންވެސް މައްސަލަ އޮތީ ނިމިފައެވެ. އެކަމު އެކަމުން ގައުމާއި މުޖްތަމައުއަށް ލިބުނު އިންސާފެއް އިހުސާސް ކުރެވޭ ހެއްޔެވެ. އެންމެންވެސް ވާހަކައަކީ އެއް ވާހަކައެކެވެ. އަފްރަޝީމް އަވަހާރަކޮށްލުމަށް ކުށް ސާބިތުވެ ޖަލުގައި ހުރި ޒުވާނާގެ އޮތީ ކޮން އިންޓްރެސްޓެއް ހެއްޔެވެ. އެކަން ކޮށްގެން އޭނާއަށް ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ. އޭނާ އާއި އަފްރަޝީމް އާއި އޮތް ވާދަވެރި ކަމަކީ ނުވަތަ ހަސަދަވެރި ކަމަކީ ކޮބައިހެއްޔެވެ. ނެތެވެ. ގުޅުވޭނެ އެއްވެސް ގޮތެއް ނެތެވެ. އެހެންވީއިރު އެކަން އޭނާއަށް ހަވާލުކުރި ބަޔަކު ތިބޭނެ އެވެ. ފަންޑު ކުރި ބަޔަކާއި ހިތްވަރުދިން ބަޔަކު ތިބޭނެ އެވެ. އެބައެއް ނޭންގެއެވެ. ހުރިހާ ގަލެއް ފުރޮޅަން ފެށި ބޮޑު ތަހުގީގު އަދިވެސް އޮތީ އެ ގޮތުގައެވެ.
އެހެންވީމަ ރައީސް ނަޝީދުގެ މައްސަލާގައިވެސް މިހެން ކަން ހިނގައްޖެނަމަ ނިކުންނާނެ ނަތީޖާތަކެއް އެބަހުއްޓެވެ. އުފައްދާނެ ތުހުމަތުތައް ގިނަ ބައިވަރެވެ. ޓެރަރިސްޓް ހަމަލާ ދިން ވަގުތުން ފެށިގެން އަދާ ހަމައަށްވެސް ކޮންމެ ދުވަހަކު އެ ތުހުމަތުތައް ގިނަވެ އެ ދަނީ ބޮޑުވަމުންނެވެ. ދައުލަތުގެ ވަކިވަކި އިދާރާތަކާއި ވަކިވަކި ބޭފުޅުންނަށް ތުހުމަތުގެ އިނގިލި އެ ދިއްވަނީ އެންމެ ކައިރިންނެވެ. އަދި އޭގެ ފަހަށް ހިނގާ ކޮންމެ ކަމާއި "ހައެއް ފަހެއްގެ ހަމަލާ"އާ ތުހުމަތެއް ނުއުފެދި ނުދެއެވެ.
ދާދި ފަހުން ލޯންޗުތަކެއްގައި ރޯވެ ހިނގި ހާދިސާ އާއި މެއި ފުރަތަަމަ ދުވަހު ހުޅުލެ ފަޅުތެރެއިން ފުލުހުން ޗެކުކުރި ކަމަށް ބުނާ ލޯންޗެއްގައި ހަމަލާގެ ބައިވެރިން ތިބި ވާހަކަ އާއި އެ ލޯންޗަށް ފުލުހުން ޕެޓްރޯލް ފޯރުކޮށްދީ ދޫނިދޫއަށް ގެންދިޔަ ވާހަކަ އާއި ކަރަންޓީނަށް ގެންދަނިކޮށް ފިލި ބަޔަކާއިވެސް "ހައެއް ފަހެއްގެ ހަމަލާ"އާ ގުޅުވައިގެން ވާހަކަ ދެކެވުނެވެ. --އެހުރިހާ ވާހަކަތަކެއް ފުލުހުން ދޮގުކުރެއެވެ.-
"ހައެއް ފަހެއްގެ ހަމަލާ"އާ ގުޅޭގޮތުން އަވަސްއާ ވާހަކަ ދެއްކެވި ވަރަށް ސީނިއާ ޕޮލިޓީޝިއަކު ވިދާޅުވި ގޮތުގައި މިހާރު މައްސަލަ އޮތްގޮތުން ފުލުސް ތަހުގީގަށް ފަހު ސުވާލުތައް ވާނީ އިތުރެވެ. އަދި އޭގެ ފަހުން އުފެދޭ މައްސަލަތަކާއި ތުހުމަަތުތައްވެސް ވާނީ އިތުރެވެ.
"ފުރަތަމަ ކަމަކަށް ތަހުގީގު ނިންމަން މިލިބޭ 45 ދުވަހާއި 75 ދުވަހާ ދެމެދު އެކަންކޮށް ދައުވާ ކުރަން ފޮނުވާއިރު މިހާރު ހައްޔަރުކޮށްފައި ތިބި ފަސް މީހުންނަށް ދައުވާ ކުރަން ފޮނުވާފައި ޓެރަރިސްޓް ހަމަލާއަށް ފަންޑު ކުރި މީހުންނާއި އެންމެ އަޑީގައި ތިބި މީހުން ނުހޯދިއްޖެނަމަ ދެން ވާނީ ކިހިނެތްތޯ. ހުރިހާ އިންޓްރެސްޓެއް މި އޮތީ އެކަމަށް. ހަގީގަތަކީ މިހާރު އަތުލާފައި އެ ވަނީ އެކަމުގައި އަމަލީ ގޮތުން އުޅުނު މީހުންނަށްވިޔަސް ގައުމުގެ ޝައުގެއް ނެތް އެކަމަކަށް. ޝައުގު އޮތީ އެންމެ ފުނަށް. މިވަރު ކަމެއް މިކުރީ ކާކުހޭ. ކާކުގޭ މުގުލަކީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ތަހުގީގަށް އޮތް މުއްދަތުގައި ފުނަށް ނުދެވިއްޖެނަމަ އަސާސެއްނެތް އެތައް ވާހަކަތަކެއް އެކި ދިމަދިމާއިން ބޭރުކުރާނެ އެވެ. އޭރުން ހިޔަނި އެޅޭނީ މުޅި މައްސަލައަށެވެ. އަދި މައްސަލައިގެ އެއްވެސް ޝާމިލެއް ނެތް އެތައް ބަޔަކާއި ގުޅުވައިވެސް ވާހަކަ ދެއްކުން އިތުުރުވާނެ އެވެ.
"މިހާރުވެސް ބައްލަވާ؛ އެއް ފަހަރަކު އެ ވިދާޅުވަނީ ޑިފެންސް މިނިސްޓަރޭ. އަނެއް ފަހަރު އެ ވިދާޅުވަނީ ރައީސޭ. މިއީ ކިހާ ސީރިއަސް އިޝޫއެއްތޯ. ދެން މައްސަލައިގެ ވަކި ހިސާބަކުން އެ ވިދާޅުވާ ފަންޑުކުރި މީހާ ނެރެ ތަހުގީގުން ނުދެއްކިއްޖެނަމަ ދެން ނިކުންނަ ވާހަކަތައް މާ ބޮޑުވާނެ. އަސާސެެއް ނެތަސް ދެން ހިންގާނީ އެ ވާހަކަ. އޭރުން މުޅި މައްސަލަ އޮޅުން ބޮޅުންވީ،"
މައްސަަލައިގެ ފުނަށް ދެވޭނެ ކަމުގެ ޔަގީންކަން ފުލުހުން ދެއެވެ. ޔަގީނުންވެސް އެ މުއައްސަސާއިން އެކަމަށް ހުރިހާ ހަކަތައެއް ބޭނުން ކުރާނެ އެވެ. ދެން އޮތީ އަނެއް ސުވާލެވެ. ފުލުސް ތަހުގީގުން ފުނަށް ގޮސް ހޯދާ މައުލޫމާތު ގަބޫލުކުރާނެ ހެއްޔެވެ؟ އެހެންނުވެއްޖެނަމަ އިތުރަށް ގޯސްވީއެވެ.
ސިފައިން ގޭގައި 25 އަހަރަށްވުރެ ގިނަ މުއްދަތަކަށް ހިދުމަތް ކުރައްވާ މިހާރު ދުރުގައި ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި މިހާރު ކަން ހިނގާ ގޮތަށް ބަލާނަމަ އެ ނޫން އެހެން މައްސަލަތައްވެސް ނިކުތުން ގާތެވެ. ފުލުސް ތަހުގީގާއި އެ ތަހުގީގަށް ފާރަވެރިވާން ހުންނެވި ރައީސް މަންދޫގެ ރިޕޯޓާއި އެ ތަހުގީގު ހިނގާ ނުހިނގާ ގޮތް ބަލަން އޮތް އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" ގެ ރިޕޯޓްގައި ތަފާތު ވާހަކަތަކެއް ހުރެއްޖެނަމަ އެއީ އަދި މާބޮޑު ނުރައްކަލެކެވެ.
"ބައްލަވާ ކޯނީ ރިޕޯޓަށް ވީގޮތް. އެއީ ދުނިޔެ ގަބޫލުކުރާ ފެންވަރަށް ހިންގުނު ތަހުގީގެއް. އެ ތަހުގީގު ހިންގީ ފެންނަ ފެނުމަށް ވަރަށް އިންސާފުވެރިކޮށް. އާހިރު ނަތީޖާއަކީ ކޮބައިތޯ. އެމްޑީޕީން އެންމެ ފުރަތަމަވެސް ނިންމައިގެން ތިބި ގޮތް އެންމެ ފަހުންވެސް ހިނގީ. އެ ތަހުގީގުން ގައުމަށް ލިބުނު ހަމަޖެހުމެއް ފިނިކަމެއް އޮތްތޯ. ނެތް، އެހެންވީމަ މި ތަހުގީގުންވެސް ހުރިހާ ސުވާލަކަށް ޖަވާބު ނުލިބި އަދި އެންމެ ފަހުން ތިން ފަރާތުގެ ވާހަކަތައް ތަފާތުވެއްޖެނަމަ ކޯނީ ރިޕޯޓަށްވުރެ ހާލަތު ގޯސްވެ މާ ނުރައްކާތެރި ވާހަކަތައް ފެތުރޭނެ. ޔަގީނުންވެސް ފަތުރާނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކި ތަހުގީގުތައް އެކި މުއްދަތުގައި ނިމި ތަހުގީގުތަކުގެ ނަތީޖާ އާންމުވުމުންވެސް އުފެދޭނެ މައްސަލަތައް ހުންނާނެ އެވެ. އަދި މައްސަލައިގެ އަސްލު ތަހުގީގަށް އެޅޭނެ ބައިވަރު ހުރަސްތައްވެސް ހުންނާނެ އެވެ. އެހެންވެއްޖެނަމަ ސަރުކާރާއި ތަހުގީގީ އިދާރާތަކަށް ތުހުމަތުތަކަށް ޖަވާބުދިނުން ނޫން ކަމެއް ނުކުރެވޭނެ އެވެ. ބައެއް ތުހުމަތުތުތައް ސާފުކޮށްދޭން ސަރުކާރުން ދައްކާ ވާހަކަތަކުން އިތުރު ތުހުމަތުތައް ނިކުމެ ކުރިފަޅައި މައްސަލަ ހީވެސް ނުކުރާފަދަ ހިސާބަކަށްވެސް ހިނގައިދާނެ އެވެ.
"މި އޮތީ އެމްޑީޕީގެ ސަރުކާރެއް. މިހާރުވެސް ތުހުމަތުތައް އެ އަންނަނީ ޕާޓީތެރެއިން. ހުދު ރައީސް ނަޝީދުގެ އާއިލާތެރެއިން. އެހެންވީމަ ތުހުމަތުތަކަށް ސަރުކާރުން ޖަވާބުދާރީވާނެ. ނުވެއްޖެނަމަ އެއީ ރައީސްގެ ސިޔާސީ ކުރިމަގަށް އޮތް ހުރަހެއް. އެކަމަކު އެކަން ކުރާނަމަ އެ ނޫން ކަމެއް ކުރާނެ އަވައްޖެއް ނުވާނެ. އެހެންވެއްޖެނަމަ މައްސަލައިގެ ފުނަށްދާން އޮތް މަގު ދާނީ ބަންދުވަމުން،"
އެކަމާއި އެއްބަސްވެވަޑައިގަންނަވާ ބައެއް ބޭފުޅުން މަޖިލީހުގައިވެސް އެބަތިއްބެވިއެވެ. 241 ކޮމެޓީގައިވެސް ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރަކު ވިދާޅުވި ގޮތުގައި މި މަހު ކޮމެޓީގެ މަސައްކަތް ނިންމާ ރިޕޯޓް ތައްޔާރު ކުރުމުން އެ ރިޕޯޓް އާންމުނުވެ ނުބޭއްވޭނެ އެވެ. މިހާތަނަށްވެސް މަޖިލީހުން ކަންކުރަމުން އައީ އެ އުސޫލުންނެވެ. ރިޔާސީ ކޮމިޝަންތަކުގެ ރިޕޯޓް ތަހުގީގުގެ ބޮޑު ބައެއް ނުނިމި ވަނިކޮށް މަޖިލީހާ ހިއްސާކުުރުމާއެކު އާންމުވަނީއެވެ. ރައީސްގެ އެންގެވުމަށްވެސް ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް މިހާރު އެ ދަނީ ހެދެމުންނެވެ. އެ އޮޑިޓާއި މަޖިލީހުގެ މަސައްކަތާއި އެއީ ދާދި އެއް މަސައްކަތެކެވެ.
"މަޖިލީސް ރިޕޯޓްގައި ސެކިއުރިޓީ ބްރީޗްވި ގޮތް ކަމަށް ބުނާ ގޮތާއި ރައީސްގެ ކޮމެޓީން ހައްދަވާ އޮޑިޓުގައި ދެ ވާހަކައެއް އޮތީޔޯ. އެހެންވެއްޖެނަމަ ދެން ވާނީ ކިހިނެތްތޯ. އެމްޑީޕީގެ ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ރައީސްގެ ކޮމެޓީ ރިޕޯޓެއް ބަލައިނުގަންނާނެ. އެހިސާބުން ދެން ކުރެވޭނީ މައްސަލައިގެ ފޯކަސް ގެއްލުވާލާ ވަޅުޖައްސަން ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު. އެ މެންބަރުން ބަލައިގަންނާނީ މަޖިލީސް ރިޕޯޓް. އެ ރިޕޯޓްގެ ތަންތަންކޮޅު ނަގައިގެން ސަރުކާރަށް އެކި ތުހުމަތު ކުރާނެ،" މަޖިލީހުގެ ތަޖުރިބާ ބޮޑު އެ މެންބަރު ވިދާޅުވިއެވެ.
އެހެންވީމަ "ހައެއް ފަހެއްގެ ހަމަލާ"އާ ގުޅިގެން އެކި ސިފަސިފާގައި ފެށިގައި އޮތް މަސައްކަތްތަކާއި ތަހުގީގުތަކުގެ ނަތީޖާއިން މުޅި މައްސަލަ އެހެން ގޮތަކަށް ފުރޮޅި މައްސަލަ އިތުރަށް ގޯސްވުމުގެ ފުރުސަތު ހުޅުވުން އޮތީ ދާދި ގާތުގައެވެ. އެެހެން ވެއްޖެނަމަ މަސްރަހު ގޯސްވީއެވެ. ހާލަތު ނާޒުކުވީއެވެ. އަދި އެއަށްވުރެ ބޮޑު ދެރައަކީ ދައުލަތުގެ އެންމެ މަތީ ސެކިއުރިޓީގައި ހުންނެވި ބޭފުޅަކަށް ދިން ޓެރަރިސްޓް ހަމަލާގެ ފުނަށް ނުދެވި އެހެން މައްސަލަތަކެކޭ އެއްގޮތަށް މައްސަލަ ހަރުގަނޑުގައި ހިރަފުސް އަރުވަން ބާއްވަން ޖެހުނެވެ. ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާގެ ފުނަށް ގޮސް މުޅި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ސާފުކޮށް ހޯދުމަކީ ގައުމުގެ ހަމަޖެހުމާއި މުޅި ގައުމުގެ އިންޓްރެސް އޮތް ކަމެކެވެ. އެކަން ނުކުރެވިއްޖެނަމަ އޭގެ ގެއްލުމާއި ދެރަ މުޅި ގައުމަށްވާނެ އެވެ. އެހެންވީމަ އެ މަގަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އެއްވެސް އިދާރާއަކުން އަދި އެއްވެސް ފަރުދަކުވެސް ކޮށްގެން ނުވާނެ އެވެ.