މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަަމަލާއަށް ފަހު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭގޮތުން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ތަޅުމުން މިރޭ ފާސްކޮށްފި އެވެ.
މިރޭ 8:30 ގައި ފެށި ޖަލްސާ ނިންމާލީ ހަތްގަޑިއިރަށް ވުރެ ދިގު ބަހުސަށްފަހު ފަތިހު ހަތަރެއްޖެހުމާއި ދާދި ގާތުގައި ވަނިކޮށެވެ. 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓަށް މަޖިލީހުގެ ހުރިހާ މެންބަރުންހެން ބަހުސް ކޮށްފައިވެއެވެ. ޖަލްސާ ދިގުލައިގެން ދިޔައީ އެދިވަޑައިގެން ހުރިހާ މެންބަރުންނަށް ބަހުސަށް ފުރުސަތު ދެއްވުމުންނެވެ.
މެންބަރުންގެ ދިގު ބަހުސްތަކަށް ފަހު ފަތިހު ރިޕޯޓް ފާސްކޮށްފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ.
މިއަދު ހަވީރު ނެރުނު މެއި ހައެއްގެ އިންކުއަރީ ރިޕޯޓުގައި ބައެއް އިހުމާލުތައް ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް ޑިފެންސް މިނިސްޓަރު މާރިޔާގެ އިހްމާލު އޮތް ކަން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ބަޔަކަށް ފައިސާ ދީގެން ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މިނިސްޓަރު މާރިޔާއާ ހިއްސާ ކުރި މައުލޫމާތާ ގުޅުވައިގެންނެވެ. މީގެ މައުލޫމާތު މި ދެ ބޭފުޅުން މީގެކުރިން ވަނީ މީޑިއާގައި ހިއްސާވެސް ކުރައްވާފައިވެ އެވެ.
މީގެއިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހްމާލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވުމެވެ.
ބައެއް މެންބަރުން ވަނީ ދެ މިނިސްޓަރުނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކަމާއެކު އެޅުމަށް ގޮވާލެއްވިއެވެ. ސަރުކާރަށް އަމާޒުކޮށް އެންމެ ބޮޑަށް ފާޑުވިދާޅުވީ ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީގެ މެންބަރުންނެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ދެމުންދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާ ހަމަލާ ދިނުމުގެ ބޭނުން (މޯޓިވް) އާއި ހަރަދުކުރި މީހުން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް ނެރުމާއި ހަމައަށްވެސް ފުލުހުންނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.
އެކަމަށްވެސް ބައެއް މެންބަރުން ފާޑުވިދާޅުވިއެވެ. ވިދާޅުވީ ދެ މަސް ދުވަހުގެ ތަހުގީގަކަށް ފަހު އެހިސާބަށް ދެވިފައި ނެތުމަކީ ކަންބޮޑުވުމެއް ކަމަަށެވެ.
އިންކުއަރީއަށް އެއްކުރެވުނު މައުލޫމާތުން އެނގުނު ގޮތުގައި ޓެރަރިސްޓް ހަމަލާއެއް ދެވޭނީ ތިން ކަމެއްގެ ފުރިހަމަ ވެގެން ކަމަށާ ކަމަށާ އެއީ ނިޔަތް ނުވަތަ "އިންޓެންޓް" އާއި ގާބިލްކަން ނުވަތަ "ކޭޕަބިލިޓީ" އަދި ޓާގެޓް އާއި ހަމައަށް ދެވުނު ނުވަތަ "އެކްސެސް" ލިބުން ކަމަށް ރިޕޯޓްގައިވެއެވެ. މިކަންކަމަށް ބަލާއިރު ޓެރަރިސްޓް ހަމަލާއެއް ދޭން ބޭނުންވާ ބަޔަކަށް ބޭނުންވަނީ ރައީސް ނަޝީދު ހަމައަށް ދެވޭނެ ގޮތެއް ނުވަތަ އެކްސެސް ލިބުން ކަަމަށާ އަދި ރަައީސް ނަޝީދަށް ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް އޭރު ކުރެވެން އޮތް ހަމައެކަނި ކަމަކީ އެކްސެސް ހުއްޓުވުން ކަމަށެވެ.
އިންކުއަރީއަށް ފާހަގަކުރެވުނު ގޮތުގައި ރައީސް ނަޝީދުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވާ އަދި ފައިބައިވަޑައިގަންނަވާ ޕޮއިންޓްތައް ފުލުހުންގެ އެހީތެރިކަން ހޯދައިގެން ކްލިއާކޮށް ސްވީޕްކޮށް "އިލެކްޓްރިކް ކައުންޓާ މެޝާޒް" ފަދަ ވަސީލަތްތައް ބޭނުންކުރިނަމަ މެއި ހައެއްގެ ޓެރަރިސްޓް ހަަމަލާ ދިނުމުގެ ފުރުސަތު ކުޑަކުރެވުނީސް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަންތައްތައް ހިނގައިދިޔަ ގޮތް ބަލަން މަޖިލީހުގެ 241 ކޮމެޓީން ކުރިއަށް ގެންދިޔަ ތަހުގީގުގައި ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި ވަކި ވަކި ސިފައިންނާ ފުލުހުންގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނޭ ގޮތަށް 49 ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި 80 އަށް ވުރެ ގިނަ ލިޔުންތަކާއެކު 5550 އަށް ވުރެ ގިނަ ސަފްހާތައް ދިރާސާކޮށްފައި ވެއެވެ.
271 ސަފްހާގެ އެ ރިޕޯޓްގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފާއި އިންޓެލިޖެންސްގެ މަސައްކަތްތައް ހަރުދަނާކުރަން ހިމެނޭގޮތަށް 45 ކަމެއް ކުރުމަށް ލަފާދީފައި ވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ހަށިފާރަވެރިން އަބަދުވެސް ހަތިޔާރާއެކު ފޯރިމަރަން އެމްއެންޑީއެފްއަށް އަންގަން ވެސް ލަފާދީފައި ވެއެވެ.