ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަންގާފައި ވަނިކޮށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ފަށައިިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިރޭ ބުނީ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގެ މަަސައްކަތް މިރޭވެސް ކުރިއަށް ދިޔަ ކަމަށެވެ. އަދި މިރޭގެ ބައްދަލްވުމުގެ ހަަތަރު ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ.
އެ ފޮޓޯތަކުން ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރާ މަންޒަރު ފެނެއެވެ. އެއް ފޮޓޯގައި ލެފްޓިނެންޓް ކާނަލް ހުސައިން ފައިރޫޝް ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަނިކޮށް ފެނެއެވެ. އަދި އެމްއެންޑީއެފްގެ ޑޮކްޓަރެއް ކަަމަށްވާ ޑރ. މިރާޒުއާ ސުވާލު ކުރާ މަންޒަރުވެސް ފެނެއެވެ. ނަމަވެސް ކޮމެޓީގެ އެއްވެސް ތަފްސީލެއް މަޖިލީހުން ނުދެއެވެ. އަދި ޑިފެންސްގެ ނިންމުން ބަދަލުކޮށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ކުރަން ހުއްދަ ދިނީ ކަމެއް ޑިފެންސުންވެސް ޔަގީން ކުރެވޭ ގޮތެއް ނުވިއެވެ.
ވަކިވަކި ސިފައިން ހާޒިރުކުރަން ނިންމި މައްސަލާގައި މަޖިލީހަށް އެމްއެންޑީއެފުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތް ބަލަން ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އާއި ސިފައިންގެ ތެރޭގައި އޮތް އުސޫލުތަކާއި ހިލާފު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލޭނެ ކަމަށެވެ. ސިފައިންގެ ގާނޫނީ ޒިންމާ އަދާ ކުރަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ ގައުމީ ސަލާމަތަށް ފޫ ނުބެދޭވަރުގެ ނުރައްކާ ކުރިމަތި ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ސިފައިންގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެކެވެ. ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ހިދުމަތަށް ނިކުންނަންޖެހޭ ބައެކެވެ. ޑިފެންސުން ބުނާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހުތިޔާރު ލިބިފައި ނުވާ ކަމަށް ސިފައިންގެ އާންމު ގަވާއިދު ބުނެ އެވެ.
ޑިފެންސުން ދެކޭ ގޮތުގައި ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށް ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާ އިން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކުން ބަލާ މައްސަލައަކާ ގުޅޭ ގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދާ ނަމަ އެ މައުލޫމާތެއް ސިފައިން ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އޭގެ ފަހުން ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް ވަނީ ކޮމެޓީއަށް ހާޒިރުކޮށްފައެވެ. އަދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ހާޒިރުކޮށްފައިވެއެވެ.
އެމްއެންޑީއެފުންގެ ސިޓީއާ ގުޅިގެން ބޮޑު ބަހުސެއް ފެށި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރެވިދާނެ ކަމާމެދު ތަފާތު ބޭފުޅުންގެ ރައުޔު ތަފާތުވިއެވެ.
ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އެމްއެންޑީއެފަށް ނިސްބަތްވާ 29 ބޭފުޅަކާ ސުވާލުކުރަން ފުރަތަމަ މަރުހަލާގައި ލިސްޓެއް އެކުލަވާލެވުނު ކަމަށެވެ.
"....ކުރީގައި ގަސްދުކޮށްފައި އޮތީ ދަށުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކާއި ސުވާލުކުރަން. އެހެންނަމަވެސް މިހާރު މިފެށީ މަތީ ރޭންކުތަކުން. މިހެން ފަށައިގެންދާއިރު އަޅުގަނޑުމެންނަށް ބައެއް މައުލޫމާތުތައް ފަހަރެއްގައި ދަށުގެ ރޭންކުތަކުން ސުވާލުކުރީމަ ވެސް ލިބިދާނެ. އެހެންނަމަވެސް ކޮމިޓީން އެކަން ނިންމަވާ ކުރިއަށް ގެންދަވާނީ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ކޮމިޓީގެ އިންކުއަރީއަށް ސިފައިންގެ އިތުރުން ފުލުހުންނާ ވެސް ސުވާލުކުރާނެ ކަމަށެވެ. އެގޮތުން ހަތް ފުލުހަކާ ސުވާލުކުރުމަށް ކޮމިޓީން މިހާތަނަށް ނިންމާފައިވާ ކަން ފާހަގަކުރެއްވި އެވެ. އެކަމަކު އެ އަދަދަށް ވެސް ބަދަލުތަކެއް އަތުވެދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މި އިންޓަވިއުތަކުން ސުވާލުތަކުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އިތުރު ބައެއް ބޭފުޅުންގެ ފަރާތުން ވެސް [ބައެއް] ކަންކަން. އެ ކަންކަން ހިނގަމުންދާ ވަރަކުން ވެސް އަޅުގަނޑުމެން ދާނީ އަޅުގަނޑުމެން ސުވާލުކުރަން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރަމުން. ވަކި ސްޕެސިކް ވަކި އަދަދުތަކެއް ނެތޭ ސުވާލުކުރުމަށް ނިންމާފައެއް،" އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުން ދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށްވެސް ހުށައެޅުއްވިއެވެ.
ޒަމީލުގެ މައްސަލަ ބަލަން އިމްތިޔާޒު ކޮމެޓީއަށް ފޮނުއްވުމުގެ އިތުރުން ދައުވާކޮށް ދިނުމަށް އެދި އެ މައްސަލަ ޕީޖީ އޮފީހަށް ވެސް ފޮނުއްވެވި އެވެ.
ނަމަވެސް ކޮމެޓީން އަދި ޕީޖީންވެސް ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. އެކަމާއި ގުޅިގެންވެސް އިތުރު ބަހުސްތަކެއް ވަނީ ފެށިފައެވެ.