ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ބާރު ސިފައިންގެއަށް ބުނެ ދެއްވައިފި

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ބޭނުން ވަނީ ރާއްޖޭގެ ވަކި ފަރުދެއް ވަކި ރައްޔިތެއް ވަކި ވުޒާރާއެއްގައި ހުރި ވަކި ބޭފުޅަކާއި ސުވާލު ކުރަން ކަމަށް ވާނަމަ އެ ސުވާލު އެ ބޭފުޅަކާއި ކުރެވޭނެ ކަމަށް ވިދާޅުވެ ވަކިވަކިން ސިފައިން މަޖިލީހަށް ހާޒިރު ނުވެވޭނެ ކަމަަށް ނިންމާ ސިފައިން މަޖިލީހަށް ފޮނުއްވި ސިޓީއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅު ވެއްޖެ އެވެ.

ރައީސް ނަޝީދަށް ސިފައިން ފޯރުކޮށްދެމުންދިޔަ ސެކިއުރިޓީ ފޫދުއްވާލާ އެމަނިކުފާނަށް ހަމަލާ ދިން ސަބަބު ދެނެގަތުމަށް 241 ކޮމެޓީން ކުރިއަށް ގެންދިޔަ "ޕާލިމަންޓަރީ އިންކުއަރީ" ގެ ރިޕޯޓް ނަޝީދަށް އެރުވުމަަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވަނީ ކޮމެޓީގެ މަސައްކަތަށް ތައުރީފު ކުރައްވާ ކޮމެޓީއަށް އެއްބާރުލުން ދެއްވި ހުރިހާ މުއައްސަސާތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަކިވަކިން ސިފައިން މަޖިލީހަށް ހާޒިރުވުމާމެދު އުފެދުނު ޝައްކަކީ އުފެދިގެން ވާނެ ޝައްކެއް ނޫން ކަމަަށެވެ. އަދި މަޖިލީހާއި 241 ކޮމެޓީއަށް އޮތް ބާރު ސާފު ކޮށްދެއްވިއެވެ. ވިދާޅުވީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ބޭނުން ވަނީ ރާއްޖޭގެ ވަކި ފަރުދެއް ވަކި ރައްޔިތެއް ވަކި ވުޒާރާއެއްގައި ހުރި ވަކި ބޭފުޅަކާއި ސުވާލުކުރަން ކަމަށް ވާނަމަ އެ ސުވާލު އެ ބޭފުޅަކާއި ކުރެވޭނެ ކަމަށެވެ.

"ފަށައިގަތްއިރު ކުދިކުދި ކުނި ހުރި. ސަލާމަތީ ހިދުމަތްތަކުން ހާއްސަކޮށް ދިވެހި ސިފައިން، އެމްއެންޑީއެފުން މި ކޮމެޓީއާ އެކުގައި ބައިވެރިވާނެ މިންވަރާ ގުޅޭގޮތުން އެ ބޭފުޅުންނަށް ކުޑަ ޝައްކެއް އުފެދިފައި އޮތް. ވަކިވަކި ސިފައިންތޯ ވަޑައިގަންނަވާނީ ނުވަތަ މުޅި އެ އިދާރާތޯ މިތަނުގައި ކޮމެޓީއަށް ޖަވާބުދާރީ ވާނީ. ކޮމެޓީއަށް ޖަވާބުދާރީ ވާނީ އަބަދުވެސް ކޮމެޓީ ބޭނުން ގޮތަކަށް. އެއީކީ އެހެން މީހަކަށް އެކަމަކާއި ސުވާލު ކުރެވެން އޮތް ކަމެއް ނޫން. ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ބޭނުންވަނީ ރާއްޖޭގެ ވަކި ފަރުދެއް ވަކި ރައްޔިތެއް ވަކި ވުޒާރާއެއްގައި ހުރި ވަކި ބޭފުޅަކާއި ސުވާލުކުރަން ކަމަށް ވަނީނަމަ އެ ސުވާލު އެ ބޭފުޅަކާއި ކުރެވޭނެ. އެއީ ދިވެހިރާއްޖޭގެ ގާނޫނު އޮތް ގޮތް. އެއީ ދިވެހި ދައުލަތް ހިނގަމުން އަންނަ ގޮތް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ސިފައިން ފޯރުކޮށްދެމުން ދިޔަ ސެކިއުރިޓީ ބްރީޗްވެ، އެމަނިކުފާނަށް ހަމަލާ ދިން ގޮތް ބަލަން ކުރިއަށް ގެންދިޔަ އިންކުއަރީ އަށް ވަކިވަކި ސިފައިންނަށް އެޑްރެސްކޮށް މަޖިލީހަށް ހާޒިރުވާން އެންގުމުން އެކަމާ ކަންބޮޑުވާ ކަމަށް އެމްއެންޑީއެފުން ދެ ފަހަރެއްގެ މަތިން ބުންޏެވެ.

ވަކިވަކި ސިފައިން ހާޒިރުކުރަން ނިންމި މައްސަލާގައި މަޖިލީހަށް އެމްއެންޑީއެފުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތް ބަލަން ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އާއި ސިފައިންގެ ތެރޭގައި އޮތް އުސޫލުތަކާއި ހިލާފު ކަމެއް ކަމަށެވެ.

އޭގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލޭނެ އެވެ. ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ ގައުމީ ސަލާމަތަށް ފޫ ނުބެއްދޭވަރުގެ ނުރައްކާ ކުރިމަތި ވާނެ އެވެ.

ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަ ނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހްތިޔާރު ލިބިފައި ނުވާ ކަމަށް ވެސް ސިފައިންގެ އާންމު ގަވާއިދުގައި ބުނެ އެވެ.

ނަމަވެސް މަޖިލީހުގެ ދެކޮޅު ހެދުންތަކާއި އެކި ޕްރެޝަރާ ހެދި ވަކިވަކި ސިފައިން ވެސް އަދި ސިފައިންގެ އިސްވެރިން ކޮމެޓީއަށް ފަހުން ހާޒިރުވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެން އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އަބްދުއްރަހީމްގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އަދި ރައީސް ނަޝީދުގެ ބޮޑީގާޑުން ހިމެނިވަޑައިގަންނަވައެވެ. އިންކުއަރީގެ ވަރަށް މަދު ސުވާލަކަށް ނޫނީ ޗީފް ޖަވާބެއް ނުދެއްވައެވެ. ނަމަވެސް ޒަކަރިއްޔާ މަންސޫރު ވަރަށް ދިގު ކޮށް ވާހަކަ ދެއްކެވިކަން ރިޕޯޓުން އެނގެއެވެ.

އެމްއެންޑީއެފްގެ ނިންމުން ބަދަލުކޮށް ވަކިވަކި ސިފައިން ހާޒިރުވާން ނިންމި ސަބަބާ ގުޅޭގޮތުން ސިފައިން އަދި މިނިސްޓަރު މާރިޔާ ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. މަޖިލީހުގެ ރައީސް ވަނީ އެންއެންޑީއެފުން މަޖިލީހަށް ފޮނުއްވި ސިޓީގައި ސޮއިކުރެއްވި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްސަލަ ބަލަންވެސް އަންގާފައެވެ. އަދި ދަައުވާކޮށްދޭން ޕީޖީއަށްވެސް އެންގެވިއެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީންވެސް އަދި ޕީޖީންވެސް އެ ގޮތަށް އަމަލެއް ނުކުރެއްވިއެވެ.