މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ދެމުން ދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓްގައި ގައުމީ ސަލާމަތާއި ގުޅުންހުރި އެތައް މައުލޫމާތުތަކެއް މަޖިލީހުގެ އިދާރާއިން އާންމުކުރި ރިޕޯޓާއެކު އާންމުވެއްޖެ އެވެ.
އިއްޔެ ހަވީރު ނެރުނު މެއި ހައެއްގެ އިންކުއަރީ ރިޕޯޓުގައި އާންމު ވެއްޖެނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތުތަކެއް ހިމެނޭތީ އެ މައުލޫމާތުތައް ހުރީ ކަޅު ކުލައިން ފާހަގަކޮށް ނުފެންނަ ގޮތް ހަދާފައެވެ. މަޖިލީހުގެ އިދާރާއިން އެ މައުލޫމާތު ނުފެންނާނެހެން ރިޕޯޓް ތައްޔާރުކޮށް އާންމުކުރި ނަމަވެސް ކުލައިގެ މަތިން އެ މައުލޫމާތުތައް ކޮންމެވެސް ގޮތަކުން ބެލޭގޮތްވެ ބައެއް މީހުން ވަނީ ސިއްރުކުރި މައުލޫމާތުތައް އާންމު ކުރަަން ފަށާފައެވެ. އެކަން މަޖިލީހުގެ ސަމާލު ކަމަށް އައުމުން ވަގުތުން އެ ރިޕޯޓް ނުފެންނަ ގޮތަށް ހެދިއެވެ.
ނަމަވެސް އޭރު ވަނީ ރިޕޯޓް ޑައުންލޯޑްކޮށް އެ މައުލޫމާތުތައް އާންމު ކުރަން ފަށާފައެވެ.
އިންކުއަރީ ރިޕޯޓް އާންމު ކުރުމުގެ ކުރީންވެސް 241 ކޮމެޓީން ވަނީ ރިޕޯޓްގައި ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކެއް އެ ރިޕޯޓްގައި ހިމެނޭނެ ކަމަށް ބުނެފައެވެ. އަދި އެ ރިޕޯޓް އާންމުކުރާނީ އެ މައުލޫމާތުތައް ނުހިމަނާ ކަަމަށްވެސް ބުނެފައިވެއެވެ. އެ މައުލޫމާތުތައް ހިމަނާފައިވާ ރިޕޯޓް އަރަން ހަމަޖެހިފައި އޮތީ ދައުލަތުގެ ތިންބާރުގެ ވެރިންނަށެވެ.
މަޖިލީހުގެ 241 ކޮމެޓީގެ ރިޕޯޓްގައި ސިއްރުކޮށްފައި ހުރި މައުލޫމާތުތަކެއް އާންމުވި މައްސަލާގައި އެ ކޮމެޓީން އަދި މަޖިލީހުގެ އިދާރާއިންވެސް ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް މިފަދަ މުހިންމު ކަމެއްގައި މަޖިލީހުން ރިޕޯޓެއް އާންމުކުރުމުގައި އެކަށީގެންވާ ވަރަށް ނުވިސްނާ އަދި އެންމެ ރައްކާތެރި ގޮތް ކަށަވަރު ނުކޮށް ރިޕޯޓް އާންމުކޮށްފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސަރުކާރުން އާންމު ކުރަން އަދި ބޭނުންނުވި ރިޔާސީ ކޮމިޝަންތަކުގެ ދެ ރިޕޯޓެއްވެސް މަޖިލީހުން ގަސްތުގަައި އާންމުކޮށް އެތައް ބައެއްގެ ވާހަކަތައް ހާމަކޮށްފައިވާތީ މިފަހަރު ދިމާވި ކަމަކީވެސް ގަސްތުގައި ކުރި ކަމަކުން ދިމާވި ކަމެއްތޯވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ.
ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ސިއްރުކޮށްފައިވަނީ އިންޓެލިޖެންސް އިދާރާތަކުން މަސައްކަތް ކުރާ ގޮތާއި އިންޓެލް މައުލޫމާތު ހޯދުމުގައި އަމަލު ކުރާ ގޮތާއި އެންމެ ހައި ސެކިއުރިޓީ އަރުވަންޖެހޭ ބޭފުޅުންގެ ސެކިއުރިޓީގެ ކަންކަން އޮންނަ ގޮތް އަދި އިންޓެލް މައުލޫމާތެއް ލިބުމުް އިދާރާތަކުން އަމަލު ކުރަންޖެހޭ ގޮތާއި އަމަލު ކުރަމުން އައި ގޮތް ފަދަ މުހިންމު މައުލޫމާތުތަކެވެ.
މެއި ހައެއްގެ އިންކުއަރީ ރިޕޯޓުގައި ބައެއް އިހުމާލުތައް ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް ޑިފެންސް މިނިސްޓަރު މާރިޔާގެ އިހްމާލު އޮތް ކަން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ބަޔަކަށް ފައިސާ ދީގެން ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މިނިސްޓަރު މާރިޔާއާ ހިއްސާ ކުރި މައުލޫމާތާ ގުޅުވައިގެންނެވެ. މީގެ މައުލޫމާތު މި ދެ ބޭފުޅުން މީގެކުރިން ވަނީ މީޑިއާގައި ހިއްސާވެސް ކުރައްވާފައިވެ އެވެ.
މީގެއިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހްމާލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވުމެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ދެމުންދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާ ހަމަލާ ދިނުމުގެ ބޭނުން (މޯޓިވް) އާއި ހަރަދުކުރި މީހުން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް ނެރުމާއި ހަމައަށްވެސް ފުލުހުންނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.