ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ތަހުގީގު ކުރުމަށް ރާއްޖެ އައިސްފައިވާ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ތަހުގީގު ޓީމުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއާ ބައްދަލުކުރައްވައިފި އެވެ.
ހަމަލާގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ބައްދަލުވުން ކުރިއަށް ދިޔަ ތަނުގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.
އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ތަހުގީގު ޓީމުގެ ބޭފުޅުން މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުރުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދެކުނުު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާ ވެސް ބައްދަލުކުރެއްވި ކަމަށް ރިޔާޒު ވަނީ މައުލޫމާތު ދެއްވާފަ އެވެ.
"މިބައްދަލުވުމުގައި ތަހުގީގުގެ ފަހުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފަ،" ރިޔާޒު ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގައި ހޯދާ ކޮންމެ ކުރިއެރުމެއްގެ މައުލޫމާތު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަގުތުން ހިއްސާކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން ފުލުހުންގެ ތަހުގީގުގެ މައުލޫމާތު ކޮންމެ 24 ގަޑިއިރަކުން އެއް ފަހަރު މަޖިލީހުގެ 241 ކޮމިޓީއަށް ހިއްސާކުރަމުންދާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް ހަމަލާ ދިން މީހުންގެ މައްސަލަތައް ތަހުގީގުކޮށް ވީހާވެސް އަވަހަށް އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ.
ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ނަމަވެސް އެމަނިކުފާނަށް އިތުރު ފަރުވާ ދިނުމަށް ޖަރުމަނަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.