ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އީވާ އާއި ހަސަންގެ ބަސް: ރައީސް ސޯލިހަކީ ގައުމަށް ހުރި ނުރައްކަލެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ދިވެހިރާއްޖެއަށް އޮތް "ބޮޑު ނުރައްކަލެއް" ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ ހައެއް، 2021 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ މައުލޫމާތު ރައީސް ސޯލިހަށް ކުރިން ލިބިވަޑައިގެންފައިވާ ކަމަށާއި އެކަން 241 ކޮމިޓީގެ އާންމުކޮށްފައިވާ ރިޕޯޓުން އެނގޭ ކަމަށެވެ.

ރައީސް ނަޝީދަށް އޮތް ސިޔާސީ ހަސަދަވެރިކަމެއްގައި ބޮމެއް ގޮއްވާ ތަން ބަލަން ރައީސް ސޯލިހް ހުންނެވީ ކަމަށް އީވާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"އިބްރާހީމް މުހައްމަދު ސޯލިހަކީ ދިވެހިރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް. ހަމައެކަނި ތަންދޮރު ނޭނގެނީއެއް ނޫން އިއްޒަތްތެރި ރައީސް. ބިރުވެރިވެސް ކަމެއް ހަމަ ބިރުވެރިވެސް ކަމެއް،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީގެ އިންކްއަރީއަށް ވަޒީރުންނާއި ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ އިތުރުން ނަޝީދުގެ ބޮޑީގާޑުންނާއި އިންޓެލިޖެންސް އޮފިސަރުން ބަޔާން ދީފައިވާކަންވެސް އީވާ ފާހަގަކުރެއްވި އެވެ.

އީވާ ވިދާޅުވީ ބޮމުގެ ހަމަލާއަކީ އެނގިހުރެ ހިނގި ކަމެއް ކަމަށް ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވި ކަމަށް ރިޕޯޓުގައިވާ ކަމަށެވެ.

"ފުލުހުން ބުނެފައި އޮންނާނެ ކަނޑައެޅިގެން ތިމަންނަމެންނަށް ސިފައިން ނޭންގީއޭ. ކަނޑައެޅިގެން ސިފައިންނަށް އެނގެއޭ. ފުލުހުންނަށް އެންގި ނަމަ ތިމަންނަމެންނަށް (ބޮމުގެ ހަމަލާ) ހުއްޓުވުނީހޭ،" އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން ލަތީފު ވަނީ މޭރީބްރައުން އާއި ޔާގޫތުގެ ކައިރީގައި ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ލިބުމުން އެކަންކަމަށް ސަރުކާރުން އަޅާލާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

ނަތީޖާއަކަށް ވެގެންދިޔައީ ކެނެރީގެ ކައިރީގައި ބޮމެއް ގޮއްވާލުން ކަމަށް ވިދާޅުވެ ހަސަން ލަތީފު ވިދާޅުވީ ރައީސް ސޯލިހަކީ ދިވެހިންނާއި ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

އީވާ އާއި ހަސަން ލަތީފުގެ ވާހަކަތައް ސަރުކާރުގެ ބައެއް އިސްވެރިންނާއި ރައީސް ސޯލިހްގެ ބައެއް އަރިސް މަޖިލިސް މެންބަރުންވެސް ދޮގުކުރައްވަ އެވެ.