މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއެކެވެ. އެ ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ނަމަވެސް ވަރަށް ބޮޑެތި ޒަހަމުތަކެއް ލިބިވަޑައިގެންނެވިއެވެ. ވެރިރަށުގެ އެންމެ ހަލަބޮލި މަޖީދީމަގުގައި ދިން އެ ހަމަލާއާ ގުޅިގެން މުޅި ރާއްޖެ ބިރުވެރިކަމާއި ސިހުގެތެރެއަށް ގެންދިޔައެވެ. ހަމަލާގެ ފުނަށް ވާސިލްވުމަށް ފުލުހުން ވަނީ ކަމާގުޅޭ އިދާރާތަކާއެކު ހާއްސަ ތަހުގީގެއް ފަށާފައެވެ. ނަމަވެސް ތަހުގީގައި އެންމެ ފުނަށް ދެވޭނެތޯ އެތައް ބަޔަކު ގެންދިޔައީ ސުވާލު އުފައްދަމުންނެވެ. އެއީ މިހާތަނަށް ހިނގާދިޔަ ބޮޑެތި ގަތުލުތަކުގައިވެސް އެންމެ ފުނަށް ވާސިލްނުވެވި އޮތުމުންނެވެ. ފަންޑުކުރި މީހުންނާއި ހަމަލާގެ މޭސްތިރިން ހޯދޭނެތޯ އެންމެ ބޮޑަށް ސުވާލު ކުރަނީ ރައީސް ނަޝީދުގެ އާއިލާއާ އެމަނިކުފާނުގެ ވަފާތެރިންނެވެ. މުޅި ގައުމުގެ ހައްގުގައިވެސް މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ފުނަށް ވާސިލްވުން މަޖުބޫރުވެސް މެއެވެ.
ފުލުހުންގެ ތަހުގީގުގެ މައުލޫމާތު ހާމަކުރުމަށް ރެ އާއި ހަމައަށް ފުލުހުން ވަނީ ތިން ފަހަރެއްގެ މަތިން ނޫސްވެރިންނާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައެވެ. ރޭ އޮތީ ތަހުގީގުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ހަތަރުވަނަ ބައްދަލްވުމެކެވެ. ފުލުހުންގެ ކޮންމެ ބައްދަލްވުމަކަށް ފަހު އެ ބައްދަލްވުމަކުން ރައްޔިތަކަށް ލިބުނު ހިތްހަމަޖެހުމެއް އޮތްތޯ އެތައް ބަޔަކު ސުވާލު ކުރެއެވެ. އަނެއް ބަޔަކު ތިބެނީ އަލަށް ސާފުވީ ކަމެއް ނެތިގެން އެކަމުގެ ޝަކުވާގައެވެ. ބައެއް މީހުން ދައްކާނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭން ފުލުހުން ފަސްޖެހޭ ވާހަކަ އެވެ. މިހެން ގޮސް ކިތަންމެ ވާހަކައެކެވެ. ކިތަންމެ ޝަކުވާއެކެވެ.
ނަމަވެސް ރޭގެ ބައްދަލްވުން ތަފާތެވެ. އެއް ގަޑިއިރާއި 57 މިނެޓްގެ ނޫސްވެރިންގެ ބައްދަލްވުމާއެކު އެތައް ބަޔަކު ތިބީ ފުލުހުންގެ ތަހުގީގާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފުނަށް ވާސިލުވެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިފައެވެ. ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި އެސިސެންޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ދެއްވިއެވެ. އަދި ތަހުގީގަށް ފަހު ކޯޓް މަރުހަލާއާ ދިއުމަށް އޮތް ޕްރޮސެކިއުޓް މަރުހަލާ ފަހިކޮށް ގެންދިއުމަށް ރޭވިފައިވާ ގޮތް ޕީޖީ ހުސައިން ޝަމީމްވެސް ސާފުކޮށް ދެއްވިއެވެ.
ހަމަލާ ރޭވުމުގެ އިސް މީހުން ހައްޔަރުގައި
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް ތިބި މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭގެން މީހަކު އިއްޔެ އައްޑޫ ސިޓީންވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.
"މީނާއަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ އޮފީސްތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު ހައްޔަރުކުރެވި ތަހުގީގުކޮށް އޭނާގެ މައްސަލަ ޝަރީއަތަށް ހުށައަޅާފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ބަންދުން ދޫކޮށްފައިވާ މީހެއް،" ސީޕީ ވިދާޅުވިއެވެ.
ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި 10 މީހަކު އެބަތިއްބެވެ. މިއީވެސް ރޭގެ ބައްދަލްވުމުން ސާފުވި ކަމެކެވެ. ބަންދުގައި ތިބީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އާއި ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމް އާއި އިސްހާގު އަދި އަލީ ހައިޝަމް،"
އަލީ ހައިޝަމްއަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެކެވެ. އަދި އިސްހާގަކީވެސް މެއި ހައެއްގެ ޓެރަރިސް ހަމަލާ ރޭވުމުގައި އިސްކޮށް ހުރި މީހެެކެވެ. އޭނާއަކީ ބޮން ގޮއްވާލި އަދުހަމް އެކަމަށް ތައްޔާރު ކުރުމަށް އެންމެ އިސް ދައުރެއް އަދާކުރި މީހާ ކަމަށް ތަހުގީގަށް އެނގިފައިވެއެވެ. މީގެ އިތުރުން ފަހުމީ އާއި ނާޒިމްވެސް ވަނީ ހަމަލާގައި ބައިވެރިވެފައެވެ.
"އަބްދުﷲ އަލި މަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް. މި ހަމަލާދިން އަހުމަދު އަދުހަމް ފިލުވުމާއި ހެކި ނަތާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ މައުލޫމާތު ތަހުގީގަށް ވަނީ ލިބިފައި. މުހައްމަދު ތަސްލީމަކީ ރައީސް ނަޝީދަކީ އިސްލާމް ދީނުން ބޭރުވެ މުރުތަދުވެފައިވާ މީހެއް ކަމަށް ކަނޑައަޅާ ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއް ކަމަށް ކަނޑައަޅާ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް މި ސެލްގެ މީހުން ވައްދާ، ސެލްއެއްގެ ގޮތުގައި އޮޕަރޭޓް ކުރަންވީ ގޮތް ކިޔައިދީ އަދި އެކަމާއި ބެހޭ ވީޑިއޯ އާއި ފޮތްތައް މި މީހުންނަށް ދީ ހަދާފައިވާ މީހެއް،" ސީޕީ ވިދާޅުވިއެވެ.
ދައުވާ ކޮށްދޭން އެދުނު މީހުންގެ ދައުރު
ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ވަނީ މައްސަލަ ފޮނުވާފައެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.
ސީޕީ ވިދާޅުވި ގޮތުގައި ތަހުގީގު ހޯދުން ތަކުން މި ހަތަރު މީހުންގެ ތެރެއިން އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށްވެސް ތަހުގީގަށް ވަނީ ހޯދިފައެވެ.
ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެދީފައެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވެއެވެ.
މއ. ފޭރުގެ މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފަައެވެ.
ހަމަލާ ދިނީ ތިން ފަހަރު މަސައްކަތް ކޮށްގެން
ސީޕީ ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ލޭ ހުއްދަ ކަމަށް ދެކި އެމަނިކުފާނު އަވަހާރަކޮށްލުމަށް 2019 ވަނަ އަހަރުން ފެށިގެން ރޭވުންތައް އައީ ރާއްވަމުންނެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން ހަމަލާ ދިނުމަށް އަމަލީ ގޮތުން މަސައްކަތް ފަށައިފި އެވެ. މެއި ހައެއްގެ ހަމަލާއަކީ އެގޮތުން މަަސައްކަތް ކުރި ތިންވަނަ ފަހަރު އެވެ.
ރައީސް ނަޝީދަށް ހަމަލާ ދިނުމަށް އައީޑީ ހަރުކޮށް ގޮއްވައިލި ސައިކަލަކީ 2019 ވަނަ އަހަރު ގަތް އެއްޗެކެވެ. ފުރަތަމަ ހަމަލާ ދޭން މަސައްކަތް ކޮށްފައި ވަނީ މ. ޔާގޫތުގެ ކައިރީ ސައިކަލު ބަހައްޓައިގެންނެވެ. ސައިކަލު އެތަނުގައި ބެހެއްޓުމަށްފަހު އޭގައި އައިއީޑީ ބަހައްޓައިގެން ހަތަރު ދުވަހެއްގެ މަތިން ގޮއްވާލަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެތަނުގައި ހަމަލާ ދޭން އުނދަގޫވެގެން ފަހުން އެތަނުން ސައިކަލު ނެގުމަށްފަހު އެ އައިއީޑީ ޑިސްޕޯސްކޮށްލީ އެވެ.
ދެވަނަ ފަހަރަށް އެމީހުން ރޭވީ ރައީސް ނަޝީދު ކަސްރަތަށް ވަޑައިގަންނަވާ ވަގުތު ހަމަލާ ދިނުމަށެވެ. އެގޮތުން މެރީބްރައުން ކައިރީ އޮންނަ ޕާކިން ޒޯންގައި ސައިކަލު ބަހައްޓައިގެން ހަމަލާ ދޭން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެތަނުގައި ހަމަލާ ނުދޭން ނިންމީ އެމީހުން މަޝްވަރާތަކެއް ކުރުމަށްފަހު އެތަނުގައި އެންމެ އެކަށީގެންވާ ގޮތަށް އެކަން ނުކުރެވިދާނެ ކަމަށް ފެނިގެންނެވެ.
އޭގެ ފަހަށް އެމީހުން ނިންމީ ނީލޯފަރުގޯޅީގައި ސައިކަލު ބަހައްޓައިގެން އައިއީޑީ ގޮއްވައިލާށެވެ. އައިއީޑީ ތައްޔާރުކުރަން މަޝްވަރާތައް ފަށާފައި ވަނީ މިދިޔަ މާޗްމަހުގެ ތެރޭގައި ކަންވެސް ތަހުގީގަށް ވަނީ ޔަގީން ކުރެެވިފައެވެ. އަދި އައިއީޑީ ހަރުކުރި ސައިކަލު މޭ ތިން ވަނަ ދުވަހު ހުޅުމާލޭގައި ހުރި ގަރާޖަކަށް ގެންގޮސްގެން ސާވިސްކުރި ކުރިއެވެ. ގަރާޖަށް ފައިސާ ދެއްކުމަށް ފައިސާގެ މުއާމަލާތްތައް ކުރި ގޮތް ވެސް ތަހުގީގަށް މިހާރު އެނގިފައިވެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.
އެންމެ ފަހުގެ މަޝްވަރާތައް ކުރުމަށް މޭ މަހުގެ ހަތަރުވަނަ ދުވަހު އެމީހުން ބައްދަލުކޮށް މަޝްވަރާތަކެއް ކުރިއެވެ. އަދި އެކި މީހުންނަށް އެކި ޓާސްކްތައް ހަވާލުކޮށް ބްރީފިންއެއް ދިނެވެ.
ފުލުހުން ވަނީ ހަމަލާގެ މޯޓިވްވެސް ދެނެގެންފައެވެ.
"ހަމަލާގެ މޯޓިވްގެ ގޮތުގައި ފާހަގަވެފައި ވަނީ، ހަމަލާ ދިން މީހުން ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކޮށްފައި ވަނީ، ހަމަލާ ދިން މީހުންގެ ވިސްނުމާއި ގަބޫލުކުރުންތަކަކީ ރައީސް ނަޝީދަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި އެމަނިކުފާނުގފެ ލޭ ހުއްދަވެފައިވާކަމަށް ނިންމައިގެން،" އެސިސެންޓް ކޮމިޝަނަރު ރިޔާޒު ވިދާޅުވި އެވެ.
ހަމަލާއަށް ބަޔަކު ފަންޑުކުރި ކަމަށް ނުބެލެވޭ
ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ މައްސަލަތަކަށް ބަލާއިރު ފަންޑުކުރުމަށް ދެގޮތަކަށް އަމަލު ކުރެއެވެ. އެއްގޮތަކީ ހަމަލާއަށް ފެސިލިޓޭޓް ކުރުމަށް ހަރަދުކުރުމެވެ. ދެވަނަ ގޮތަކީ ހަމަލާ ދިނުމަށް އެހެން ފަރާތަކުން އެފަރާތަށް އިނާމެއްގެ ގޮތުގައި ފައިސާ ދިނުމެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކޮށް ގޮއްވާލި ސައިކަލަކީ 2019 ވަނަ އަހަރު 18،000 ރުފިޔާ އަށް ގަތް ސައިކަލެކެވެ. ހުޅުމާލެ ގަރާޖަކުން ހަމަލާއަށް ސައިކަލު ތައްޔާރުކުރުމުގެ ގޮތުން ސާވިސް ކުރި އެވެ. ބޮން ހެދުމަށް ވަކި އެޕާޓްމެންޓެއް ކުއްޔަށް ހިފާފައި ހުއްޓެވެ. އެކަމަށް ވެސް ފައިސާ ހަރަދުކޮށްފައިވެއެވެ.
ހަމަލާއާއި ގުޅިގެން މިހާތަނަށް 317 އަށް ވުރެ ގިނަ ބެންކް ސްޓޭޓްމެންޓާއި މި މީހުންނާއި ގުޅުންހުރި އާއިލާ މީހުންނާއި ރައްޓެހިންގެ އިތުރުން ގާތްމީހުންގެ ބެންކް ސްޓޭޓްމެންޓްތައް ބަލާ ހަމަލާއާއި އެއްވެސް ގޮތަކަށް ގުޅުން އޮތްތޯ ބެލުމަށް އެނަލައިޒް ކޮށްފައިވެއެވެ.
"...އަދި އައިއީޑީއަށް ބޭނުންވާ އެކިއެކި ކޮންޕޮނެންޓްސް ގަތުމަށްޓަކައި ހަރަދުގެ އަންދާޒާއެއްވެސް ކުރެވިފައިވަނީ. މިމައްސަލައިގައި އުޅޭ މީހުންގެ މޫވްމެންޓްސްތަކަށް ބަލާއިރު އެކަންކަމަށްވެސް ހަރަދުތަކެއް ކޮށްފައި ހުރި ކަމަށާ ގެސްޓްހައުސްތަކަށް ވެސް ހަރަދުކޮށްފައި ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،"
އަދި މަރުކަޒީ ބޭންކް، އެމްއެމްއޭގެ އެފްއައިޔޫ މެދުވެރިކޮށް ފާއިތުވި ދުވަސްތަކުގައި މިފަދަ ޓެރަރިސްޓު ހަމަލާއަކަށް ފަންޑުކުރުމުގެ އެއްވެސް މުއާމަލާތެއް ކޮށްފައިވޭތޯ ބެލުމަށް ވެސް އެނަލިސިސްއެއް ހެދި އެވެ. މިހާތަނަށް ބެލިބެލުމުން މިއީ ބަޔަކު އިނާމެއް ދީގެން ދިިން ހަމަލާއެއް ކަމަށް ނުބެލެވެ އެވެ. މިއީ އެމީހުންގެ އަމިއްލަ މަގުސަދެއް އޮވެގެން ދިން ހަމަލާއެއް ކަމަށް ބެލުމުގެ ޖާގަ ބޮޑެވެ. އަދި ތަހުގީގުން ފެންންނަ އޮތީ މިއީ ފިކުރީ ސަބަބުތަކަަށްޓަކައި ދިން ހަމަލާއެއްގެ ގޮތުގައެވެ.
"މިހާތަނަށް ބެލިބެލުން މިއީ ބަޔަކު ހަމަލާ ދިނުމުގެ މުގާބިލުގައި އިނާމެއްގެ ގޮތުގައި ފައިސާ ކަނޑައަޅައިގެން ފައިސާ ދީގެން ކުރުވި ކަމެއްކަމަށް ބަލާނެ އެއްވެސް ސަބަބެއް ތަހުގީގަށް ފެންނާކަށް ނެތް. އެހެންނަމަވެސް މިހަމަލާގެ މޯޓިވް އަކީ ނަފްރަތާ އަދާވާތްތެރިކަމާއި ދީނީ ފިކުރުގެ ތަފާތުގައި އޮތް ރުޅިވެރިކަމުގައި އަމިއްލަ ގޮތުން ހަމަލާ ދިން މީހުން އެމީހުން އަމިއްލަ މަގުސަދެއް ހާސިލުކުރުމަށްޓަކައި ދީފަ ހުރި ކަމުގެ ހަރުދަނާ ސަބަބުތަކެއް ފެންނަން އޮތް ކަމަށް ފާހަގަކުރެވޭ."
ތަހުގީގަށް އެނގައިވާ ގޮތުން ހަމަލާ ދިން މީހުން ރައީސް ނަޝީދަށް ހަމަލާ ދިނީ އެމަނިކުފާނަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް ނިންމައިގެންނެވެ.
އެގޮތުން އެކި ތަންތަނުގައި ސިޔާސީ ގޮތުންނާއި ރަސްމީ ވާޖިބު އަދާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރެއިން ނިންމަވާފައިވާ ނިންމެވުންތަކާއި ދައްކަވާފައިވާ ވާހަކަތަކަށް ނިސްބަތްކޮށް ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެފައިވާ މީހެއް ކަމާއި މަރާލަން ޖެހޭ މީހެއް ކަމަށް ދެކި އެކަމަށް މަގުފަހި ކުރުމަށްޓަކައި އެމީހުން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވެއެވެ.
އެމީހުންނަކީ ދިވެހި ދައުލަތް ގަބޫލުކުރާ ބައެއް ނޫނެވެ. އަދި ދިވެހި ބިމާ ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް ދެކެއެވެ. އެއީ ހަރުކަށި އައިއެސް ޖަމާއަތުގެ ފިކުރަށް ތާއީދުކުރާ ބައެކެވެ. އެފިކުރު ރާއްޖޭގައި ފަތުރަށް މަސައްކަތްކުރާ ކަމަށް ވެސް ތަހުގީގަށް ފާހަގަވެފައިވެއެވެ.
އިލްޔާސް ބުނާ މީހާއާ ގުޅުމެއް ނެތް
މެއި ހައެއްގެ ހަމަލާގެ ތަހުގީގު ހިނގަމުން ދަނިކޮށް މެންބަރު އިލްޔާސް ލަބީބްގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި މައުލޫމާތެއްގެ ވާހަކަ ފެންމަތިވިއެވެ. އެ މައުލޫމާތުގައި ބުނާ ހަމަލާ އާއި ރައީސް ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅުމެއްވާ ކަމަށް ގަބޫލު ކުރެވުނެވެ. އަދި އެ މައުލޫމާތާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅު އެޅުނު ނަމަ އެ ހަމަލާ ނާކާމިޔާބު ކޮށްލެވުނީހެވެ.
ފުލުހުންގެ ވަރުގަދަ ތަހުގީގުގައި އިލްޔާސްގެ އެ ވާހަކަތަކަށް ވަރަށް ބޮޑަށް ފޯކަސް ކުރެވުނެވެ. ނަމަވެސް ތަހުގީގުން ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި އެ މައުލޫމާތާ ގުޅުމެއް ނެތް ކަން ހާމަވިއެވެ.
މެންބަރު އިލްޔާސް ބުނާ އޭނާގެ ރަހްމަތްތެރިޔާގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ މައުލޫމާތާއި މި ހަމަލާއާ ގުޅުމެއް އޮތްކަން ތަހުގީގަށް ނުފެންނަ ކަމަށް ޔަގީންކޮށް ދެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ވެސް ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ އިލްޔާސް ލަބީބުގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި މައުލޫމާތުގެ ވާހަކަ ހިމަނާފައިވެ އެވެ. އަދި އެ މައުލޫމާތު ލިބިވަޑައިގަތުމުން އިލްޔާސް އަމަލުކުރެއްވި ގޮތާއި އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އާއި ހިއްސާކުރުމުން އެކަމަނާ އެކަމަށް މާބޮޑު ސަމާލު ކަމެއް ނުދެއްވި ކަންވެސް މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"ޑިފެންސް މިނިސްޓަރަށް މައުލޫމާތު ލިބިފައިވާ ކަމަށް އަޅުގަނޑުމެންނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތު އެނގޭ. އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ބެލުންތައް އަޅުގަނޑުމެން ބަލަމުން މި އައީ. ސުވާލުކުރަން ޖެހޭ މީހުންނާއި ސުވާލު ކުރެވިއްޖެ،"
އަދި ބޮން ގޮއްވާލި މީހުންނަށް އެމަނިކުފާނުގެ މޫވްމަންޓު ކުރިން އެނގިފައިނުވާ ކަމުގެ ޔަގީންކަންވެސް ފުލުހުން ދެއެވެ.
ތަހުގީގަށް ނަޝީދުގެ ބަހެއް ނެތް
މިހާތަނަށް ލިބިފައިވާ ބައެއް މައުލޫމާތުތައް އިތުރަށް ޔަގީން ކުރުމުގެ ގޮތުން ރައީސް މުހައްމަދު ނަޝީދުގެ ބަހެއް ތަހުގީގަށް މުހިންމެވެ. އެކަން ފުލުހުން ރޭވެސް ފާހަގަކުރިއެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނުގެ ބަހެއް ތަހުގީގަށް ލިބިފައި ނެތެވެ.
"ބައެއް ކަންކަން ވެރިފައި ކުރުމަށްޓަކައި އަޅުގަނޑުމެން މައުލޫމާތު ސާފުކުރަން ޖެހޭ ސީދާ ރައީސް ނަޝީދުގެ އަރިހުންވެސް. ދެން މި ތަހުގީގަށް މިހާތަނަށް މި ތަހުގީގަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުންނެއް އަދި ބަހެއް ލިބިފައެއް ނެތް،"
ފުލުހުން ފުރަތަމަ މަސައްކަތް ކުރެއްވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރު ނަޝީދުގެ ފަރާތްޕުޅުން މައުލޫމާތު ހޯއްދެވުމަށެވެ. ނަމަވެސް އެ ވަގުތު އެކަމަށް އިއުތިރާޒު ކުރެއްވީ އެވެ. އަދި މައްސަލާގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޝަން ފައިލް ތައްޔާރު ކުރަން ފެށުމާއެކު ބޭރުގައި ހުންނެވި ނަމަވެސް ތަހުގީގަށް މައުލޫމާތު ދެއްވުމަށް އެދިފައިވެއެވެ. އެކަން ނުކުރެއްވޭނަމަ ސިޓީ އަކުން ނުވަތަ އީ-މެއިލް މެދުވެރިކޮށްވެސް ނަޝީދުގެ ބަހެއް ހޯދުމަށް ފުލުހުން އެދިފައިވެއެވެ.
މި މައްސަލާގައި ރައީސް ނަޝީދު އެންމެ ފުރަތަމަ މާލޭގައި ފަރުވާ ހޯއްދަވަމުން ވަޑައިގެންނެވިއިރުގައި މުއާމަލާތެއް ކުރެވުނު ތަހުގީގަށް މައުލޫމާތު ލިބިދާނެތޯ. ދެން އެއީ ހަމަލާގެވެސް ވަރަށް ކުރީކޮޅަށްވެސް ވުމާއި ފަރުވާ ހޯއްދަވަމުން ގެންދަވާތީ އެ ވަގުތު އެމަނިކުފާނު ވަނީ އެކަމަށް އިއުތިރާޒު ކުރައްވާފައި ވަނީ. ދެން އޭގެ ފަހުން އަޅުގަނޑުމެން މި މައްސަލާގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޝަން ފައިލް ތައްޔާރު ކުރަމުން އައިއިރުވެސް އަނެއްކާވެސް އެމަނިކުފާނުގެ ބަހެއް ހޯދަން އަޅުގަނޑުމެން އެދުނިން. އަދި މިވަގުތުވެސް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި ވަޑައިގެން ހުންނެވުމާއެކު ކޮންމެހެން ތަހުގީގަށް ބަޔާނެއް ދެއްވަން ދަތިފުޅުވަންޏާ އަޅުގަނޑުމެން އެދިފައި އޮންނާނެ ސިޓީއަކުން ނުވަތަ އީ-މެއިލްއަކުން ނަމަވެސް އެމަނިކުފާނުގެ ބަހެއް ހޯދުމަށްމުހައްމަދު ރިޔާޒް | އެސިސްޓެންޓް ކޮމިޝަނަރު
ދެ މީހަކު އިއުތިރާފު އެއްބަސްވުމަކަށް އެދުން
މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަންދުގައި ތިބި 10 މީހުންގެ ތެރެއިން ދެ މީހަކު ވަނީ ދައުލަތާއެކު އެއްބަސްވުމެއް ހަދަން ހުށައަޅާފައެވެ. އިއުތިރާފު އެއްބަސްވުމަކީ ކުށްވެރިއާއަށް އޮތް ކޮންމެވެސް ވަރެއްގެ ލުޔެކެވެ. ނަމަވެސް އެއީ ހަމަލާގެ ފުނަށް ދިއުމަށްވެސް އޮތް ބޮޑު ފަސޭހައެކެވެ.
ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި ޓެރަރިސްޓް ހަމަލާއަ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން އަންނަ މަހުގެ ކުރީކޮޅު ފޮނުވާނެ އެވެ. ޕްރޮސެކިއުޓަރުންނަށް އެކަމަށް 15 ދުވަހުގެ މުއްދަތެއް އެބައޮތެވެ. އަދި ތަހުގީގަށް ބަންދުގައި ތިބި ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހެދުމަށް ހުށައަޅާފައިވެއެވެ. އެއީ ދެ މީހެކެވެ. ނަމަވެސް އެއީ ކޮން ދެ މީހެއް ކަމެއް ޝަމީމް ވިދާޅެއް ނުވިއެވެ.
"މި މައްސަލާގައި މިހާތަނަށް ތުހުމަތު ކުރެވޭ ބައެއް މީހުން އިއުތިރާފުގެ އެއްބަސްވުން ހަދަން އަޅުގަނޑުމެންނާ ވާހަކަ ދައްކަމުން އެބަދޭ. އެކަމަކަށް އަދި އަޅުގަނޑުމެން ގޮތެއް ނިންމާފައެއް ނުވާނެ. އަޅުގަނޑުމެން އެ ޑިސްކަޝަންތައް އިތުރަށް ކުރިއަށް ގެންދާނީ މި މައްސަލަ އިތުރަށް ދިރާސާކުރަމުން ގެންދާއިރު،"
ޝަމީމް ވިދާޅުވި ގޮތުގައި އިއުތިރާފު އެއްބަސްވުން ހެދޭނެ މަރުހަލާ އެއް އޮންނައިރު ދައުލަތާއެކު އެއްބަސްވުން ހެދުމުން ތުހުމަތުވާ މީހާއަށް ލިބޭ ލުއިތަކެއް އޮތަސް ޝަރީއަތުގެ މުޅި އިޖްރާތަށް ލިބޭ ލުއިތައް ބޮޑެވެ. އެކި މައްސަލަތަކުގައި ދައުލަތުން ތުހުމަތުވާ މީހުންނާއެކު މިހާތަނަށްވެސް އިއުތިރާފު އެއްބަސްވުންތައް ހަދަމުން އައިސްފައިވާއިރު ކުރިއަށް އޮތްތާވެސް އެފަދަ އެއްބަސްވުންތައް ހަދާނެ އެވެ.
"އަޅުގަނޑުމެން ދިރާސާ ކުރަމުން މި ގެންދަނީ އެ އިއުތިރާފުވާން އެއްބަސްވާ މީހުންގެ ފަރާތުން ލިބޭނީ ކޮންކޮން މައުލޫމާތެއްތޯ ލިބެނީ އަދި އެ ލިބޭ މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެންނަށް ރަނގަޅަށް މި މައްސަލައިގެ އަސްލު ހޯދަން ކިހާވަރެއްގެ އެހީތެރިކަމެއްތޯ ލިބޭނީ. މިކަންކަަމަށް ބަލާފައި ގޮތް ނިންމާނީ،" ޝަމީމް ވިދާޅުވިއެވެ.
މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ފުނަށް ދިއުމަށް ފުލުހުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް 640 ވުރެ ގިނަ މީހުންނާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައިވެއެވެ. 228 މީހަކާއި ސުވާލުކޮށް ބަޔާން ނަގާފައިވެއެވެ. އަމިއްލަ މީސްމީހުންގެ 109 ތަނެއްގެ ސީސީޓީވީ ފްޓޭޖް ތަހުގީގަށް ހޯދާފައިވާއިރު އެއީ 5،600 ގަޑިއިރުގެ ފްޓޭޖެވެ. އެ ހުރިހާ ވީޑިއޯއެއް ވަނީ ދިރާސާ ކޮށްފައެވެ.
މާލެ އާއި ހުޅުމާލެ ހިމެނޭހެން 190 ސަރަހައްދެއްގައި ހަރުކޮށްފައިވާ 372 ޕޮލިސްގެ ސީސީޓީވީ ޕްޓޭޖްވެސް ތަހުގީގަށް ހޯދާ ދިރާސާކޮށްފައިވެއެވެ. އެއީ 60،072 ގަޑިއިރުގެ ފްޓޭޖެވެ. 103 ތަނެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި 830 ވުރެ ގިނަ މާއްދީ ހެކި ވަނީ ހޯދާފައެވެ. މި ހުރިހާ މަސައްކަތަކާއެކު ހަމަލާގެ ފުނަށް ދެވޭނެ ކަމުގެ ބޮޑު އުންމީދެއް ރޭ ފުލުހުން ވަނީ ދީފައެވެ.
ފުލުހުންގެ މި މަސައްކަތަށް ދައުލަތުގެ އިސްވެރިންނާއި މަޖިލީސް މެންބަރުން އަދި ސިޔާސީ ޕާޓީތަކާއި އާންމުންވެސް ތައުރީފު ކޮށްފައިވެއެވެ. ދިވެހި ސަލާމަތީ ހިދުމަތްދޭ މުއްސަސާތަކުގެ ތަޖުރިބާ އާއި ގާބިލްކަމާމެދު އޮތް ހިތްހަމަޖެހުން ވަނީ ފާޅުކޮށްފައެވެ.