ރިޕޯޓް

އިންޓެލް "ކޯޅުން" ނިންމަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެންމެން ވެސް އުފައްދާ ސުވާލަކީ ސަލާމަތީ ހިދުމަތުގެ އިންޓެލް ކޮބައި ތޯ؟ އެ ހަމަލާ ދިން އިރު އިންޓަލް އަށް ހިލަމެއްވެސް ނުވަނީ ތޯ؟ ބާރުގަދަ އައިއީޑީއެއް ހަދައި ހަމަލާ ދިނުމަށް ރާވަމުން ދިޔައިރު ފުލުހުންނާއި ސިފައިންނަށް "ރޭކާވެސް" ނުލަނީތޯ އަހާ މީހުން ގިނަ އެވެ.

ހަމަލާ ގުޅިގެން ފުލުހުންނާ ސިފައިން ވެސް ހުކުރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރި އެވެ. ނޫސްވެރިން ވެސް އިންޓެލިޖެންސް އޮތް ގޮތާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ދެ އިދާރާގެ އިސްވެރިންނަށް އަމާޒުކުރި އެވެ. ޖަވާބުތަކުން އެތައް ކަމެއް ޔަގީންކޮށްދިނެވެ. އެންމެ ބޮޑަށް އެނގުނު ކަމަކީ ދެ އިދާރާގެ ދެމެދުގައި އިންޓެލް މައުލޫމާތު ބަދަލުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމެވެ. ހަރުދަނާ ކުރަން ޖެހޭ އެތައް ކަމެއް ހުރިކަން ޔަގީންކޮށްދިނެވެ. ފުލުހުންނާއި ސިފައިންގެ މެދުގައި އޮތް ވާދަވެރިކަމަކާ ގުޅިގެން އިންޓެލް މައުލޫމާތު ހިއްސާކުރުމާއި ބަލައިގަތުމުގައި އޮޅުންތަކެއް ހުރި އެނގިގެން ދިޔަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ތަކުރާރުކޮށް ބުނަމުން އެބަގެންދެ އެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވާ ގޮތުގައި އެ ހަމަލާގެ ހިލަމެއް ވެސް ހަމަ ނުވެ އެވެ. އެކަމަކު އިންޓެލިޖެންސް ފެއިލްވެފައި އޮތް ކަމަކަށް ގަބޫލެއް ނުކުރައްވަ އެވެ. ވިދާޅުވަނީ ފެއިލިއާ އެއް އުޅޭނަމަ އެކަން ތަހުގީގު ކުރަންވީ ކަމަށެވެ. އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އިންޓެލިޖެންސްގެ ފެއިލިއާގެ ވާހަކަތައް ދައްކާއިރު މީ ވަރަށް ލޮޖިސްޓިކްކޮށް މިކަމާ ގުޅޭގޮތުން އިންކުއަރީ ކޮންގެން އަޅުގަނޑުމެންނަށް އެނގޭނީ ކިހިނެއް ވެގެންކަން މިކަން ހިނގާފަ އޮތީ" އިންޓެލިޖެންސް ފެއިލްވިތޯ ކުރި ސުވާލެއްގެ ޖަވާބު ސީޕީ ދެއްވި އެވެ.

އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގައި ބޮޑެތި ގޯސް ތަކެއް ހުރި ކަން ޔަގީން ވަނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ނޫސްވެރިންނަށް ދިން މައުލޫމާތާ އެކު އެވެ. ރައީސް ނަޝީދަށް އެކި ކަހަލަ އިންޒާރުދޭ ކަމުގެ މައުލޫމާތު އަބަދުވެސް ސިފައިންނަށް ލިބެމުންދާ ކަމަށް ޝަމާލް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. އެހެންކަމަށްވާނަމަ އެ މައުލޫމާތު ފުލުހުންނާ ހިއްސާ ނުކޮށް އޮތް އޮތުމަކީ ފެއިލްވުމެކެވެ. އެއީ އިހްމާލެކެވެ.

"އެބޭފުޅާ [ރައީސް ނަޝީދު] އާއި ގުޅޭ އިންޓެލިޖެންސް އިމްޕުޓްސް އަކީ އަބަދުމެ އަންނަ އިންޕުޓްތަކެއް. އެބޭފުޅާ އަކީ ހައި ރިކްސްބޭފުޅެއް. އެބޭފުޅާއަށް އަންނަ ތްރެޓްތަކުގެ މައުލޫމާތު އަޅުގަނޑުމެންނަށް އަބަދުމެ ލިބޭ. އަދި ލިބިގެން އެކަމާ ގުޅިގެން ގިނަ ފިޔަވަޅުތައް އެޅިގެންދަނީ،" އިންޓެލިޖެންސް މައުލޫމާތު ލިބޭ ކަމާއި އެކަމާ ގުޅިގެން ސިފައިން ފިޔަވަޅުތައް އަޅަމުންދާ ކަން ޔަގީންކޮށްދެއްވަމުން ޝަމާލް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ސިފައިން އަބަދުވެސް އެންމެ ރަނގަޅު ފިޔަވަޅުތައް އަޅަމުންދެ އެވެ. އެކަމަކު ހަމަލާ ދިން ރޭ ރައީސް ނަޝީދު ގެއިން ނިކުމެވަޑައިގެން ހިންގަވާފައި ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގަންނަވާއިރު އެމަނިކުފާނާއި ސެކިއުރިޓީ އޮފިސަރުގެ ދެމެދުގައި އާންމު މީހަކު ހުންނަ މަންޒަރު ހަމަލާގެ ވީޑިއޯ އިން ފެނެ އެވެ.

ކުރިން ސިފައިންގޭގައި އެންމެ މަތީ ލެވަލްގައި މަސައްކަތް ކުރެއްވި އޮފިސަރެއްގެ ނަޒަރުގައި އެހިސާބުން ވެސް އެވަނީ ސެކިއުރިޓީ ފެއިލްވެފަ އެވެ. ރައީސް ނަޝީދާއި ސިފައިންގެ މީހެއްގެ ދެމެދަށް އާންމު މީހަކަށް ވަދެވުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ. އެމީހާ އެތަނުގައި ހުރުމުގެ ސަބަބުން ހަމަލާ ދިން ވަގުތު ރައީސް ނަޝީދަށް ކުއްލި އެހީތެރިކަމާއި ރައްކާތެރިކަން ދިނުމުގައި ދަތިތައް ހުންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އަނެއްކާ ސިފައިން އެބަވޭ ކެނެރީގޭގެ ގޯޅިތެރޭގައި އެއްވެސް ވެހިކަލެއް ޕާކް ނުކުރެވޭ ގޮތް ހަދައިދޭން އެދިފަ. ސިފައިން އެގޮތަށް އެދޭނީ އިންޓެލިޖެންސަށް ސީރިއަސް މައުލޫމާތުތަކެއް ލިބިގެން. އެކަމަކު ސިފައިންގެ އިންޓެލް މައުލޫމާތަށް ކަމާ ގުޅޭ އިދާރާތަކުން އަޅާނުލުމުގެ ނަތީޖާ އެ ފެނުނީ ވަރަށް ދެރަކޮށް. އެ ގޯޅީގައި ހުރި ސައިކަލެއްގައި ގޮއްވާލައިގެން ހަމަލާ ދީފައިވެސް އެވަނީ،" ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވި އެވެ.

ސިޔާސީ ކަންކަމާ ގުޅިގެން އިންޓެލިޖެންސަށް ގޮންޖެހުންތައް

ކުރީގެ ޑިފެންސް މިނިސްޓަރަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސްގައި ދުނިޔޭގެ ފެންވަރުގެ އިލްމާއި ތަޖުރިބާ ހުރި ބޭފުޅުން ތިއްބަވާނެ ކަމަށެވެ. އެންމެ ބޮޑު މައްސަލަ އަކީ ސިޔާސީ ބޭނުމަށްޓަކައި ގާބިލް ބޭފުޅުން ތަންތަނުން ދުރަށްލައި އެކަހެރި ކުރުމެވެ.

"އަޅުގަނޑު ހަނދާންވޭ އެއް ފަހަރަކު ފުލުހުންގެ އިންޓެލިޖެންސްގައި ވަރަށް ރަނގަޅު ޓީމެއް އޮއްވާ، އެ މީހުން މައްޗަށް ލަނީ ސިޔާސީ ބޭފުޅެއްގެ ވަރަށް އަރިސް ބޭފުޅެއް. އެބޭފުޅާ ފަހުން އެތަނުގެ އިންޓެލް އަށް އެޑްވައިސް ވެސް ދިން. އެއީ ވެރިއެއް ކަމަށްވީމާ އެކަމަށް ވެސް އެޓެންޑްވާން ޖެހޭ. އެކަމަކު އޭނާގެ ނެތް އިންޓެލްގެ އެއްވެސް ބެކްގްރައުންޑެއް. ދެން ހުރިހާ ކަމެއް ގޯސްވާނެ ނޫންތޯ" ސިޔާސީ ގޮތުން އިންޓެލްއަށް ގޮންޖެހުންތައް ހުރިކަން މިސާލަކާ އެކު ހިއްސާކުރެއްވި އެވެ.

ސިފައިންނާއި ފުލުހުންގެ ތެރޭގައި އިންޓެލް މައުލޫމާތު ބަދަލުކުުރުމުގައި އަބަދު ވެސް މައްސަލަތައް ހުންނަ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެހެންވަނީ ދެ އިދާރާގެ ދެމެދުގައި ހުރި ވާދަވެރިކަމެއްގެ ސަބަބުންނެވެ.

"ބައެއް ފަހަރު ފުލުހުންނަށް މައުލޫމާތެއް ލިބި ސިފައިންނާ ހިއްސާކުރުމުން އެކަން ޔަގީންކުރަން އެބަ ވަގުތު ހޭދަކުރޭ. ހަމަ އެގޮތަށް ސިފައިންގެއިން ފުލުހުންނަށް މައުލޫމާތެއް ދިނީމާ އެ މީހުންވެސް އެބަ ވަގުތުތައް ހޭދަކުރޭ ސީން އަށް ނުގޮސް ޔަގީންކުރުމުގައި. އެހެންވީމާ ބަދަލުކުރާ މައުލޫމާތަށް އިތުބާރު ނުކުރެވޭ މައްސަލަ މިއުޅެނީ"

ކުރިން ވާހަކަ ދެއްކެވި ރިޓަޔާޑް އޮފިސަރު ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިންނަށް އިންޓެލް ލިބުނު ނަމަވެސް އެކަމާ ގުޅިގެން މިނިވަންކަމާ އެކު ފިޔަވަޅު އަޅާކަށް ފުރުސަތެއް ނުލިބެ އެވެ. ހަށިފާރަވެރިން ތިބެން ޖެހޭ އަދަދާއި އެމީހުން ތިބޭނެ ދުރުމިން ވެސް ބައެއް ސިޔާސީ ބޭފުޅުން އަމިއްލަފުޅަށް ކަނޑައަޅުއްވާ ހިސާބަށް ބައެއް ހާލަތްތަކުގައި ކަންކަން ކޮށްފައި ހުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަނެއް ކަމަކީ އިންޓެލްގައި އެ އޮންނަ ޓީމުގެ ބޮޑު ބައެއް އެބަ ހާއްސަ ކުރޭ ސިޔާސީ ބޭނުމަށް ސިޔާސީ މީހުންނަށް ފާރަލުމަށް. އެމީހުންގެ ފޯން ކޯލްތައް އަޑުއެހުމަށް. މިކަން އެބަޖެހޭ ހުއްޓާލަން. އިންޓެލް ސިޔާސީ ބޭނުމަށް ބޭނުންކުރުމަކީ ކަންކަން ގޯހުން ގޯހަށް ހިނގައިދާނެ ކަމެއް،"

ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ގާނޫނުތައް ހަދާފައި ހުރީވެސް ސިފައިންނާއި ފުލުހުންނަށް ލިބޭ އިންޓެލް މައުލޫމާތު އަވަހަށް ތަންފީޒު ކުރެވޭ ގޮތަކަށް ނޫނެވެ. މީހަކު ކުށެެއް ކުރަން އުޅޭ ކަމަށް އިންޓެލްއަށް މައުލޫމާތު ލިބުނަސް އެމީހަކު ހައްޔަރުކުރަން ގާނޫނީ ހުރަސްތައް އެބަހުއްޓެވެ. ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށް އަބަދުވެސް ގާނޫނުތަކުގައި ހުރި މައްސަލަތައް އިސްލާހު ކުރުމަށް ސަލާމާތީ ހިދުމަތްތަކުން ހުށަހަޅަ އެވެ. އެކަމަކު ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި އިސްލާހުތައް އައުން ލަސްވަނީ ސިޔާސީ ބޭފުޅުންގެ މަސައްކަތްތަކަށް އެ އިސްލާހުތަކުގެ ސަބަބުން އުދަނގޫތަކެއް ހުންނާނެ ކަމަށް ދެކޭތީ އެވެ.

ސިފައިންނާއި ފުލުހުންގެ އިދާރާގައި އިންޓެލްއަށް ގާބިލް ޓީމެއް އޮތް ކަމަށް އަވަސްއާ ވާހަކަ ދެއްކެވި ތަޖުރިބާކާރުން އެއްބަސްވެ އެވެ. އެމީހުންނަށް ބޭނުން ވަނީ ޕްރޮފެޝަނަލްކޮށް އަދި މިނިވަންކޮށް މަސައްކަތް ކުރާނެ ފުރުސަތެކެވެ. އެކަމަކު ބަސް ކިޔަން ތިއްބަވާ ސިޔާސީ ބޭފުޅުންގެ ސަބަބުން އުދަގޫތައް އެބަ ކުރިމަތިވެ އެވެ.

ސެންޓްރަލް އިންޓެލިޖެންސް އެޖެންސީއެއް ހުރުން މުހިންމު

ހަމަލާ އަށް ފަހު އިންޓެލިޖެންސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގައުމީ ފެންވަރުގެ މަރުކަޒީ ނުވަތަ ސެންޓްރަލް ޖާސޫސީ އިދާރާއެއް ހުރުން މުހިއްމު ވެއްޖެ އެވެ. ރާއްޖެ އަށް އެ އިދާރާގެ މުހިއްމު ކަން ބޮޑުވެފައި މިވަނީ ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ހުރި ވާދަވެރިކަމެއްގެ ސަބަބުންނެވެ. ހިއްސާކުރާ މައުލޫމާތަށް އިތުބާރު ނުކުރެވޭތީ އެވެ. އަދި ހިއްސާ ކުރާ މައުލޫމާތަށް އަމަލުކުރުން ވެސް ލަސްވާތީ އެވެ. އެ ލަސްވުމުގެ ނަތީޖާ ފެންނަނީ ނިކަން ހިތްދަތި ގޮތަކަށެވެ. ރައީސް ނަޝީދަށް ދިން ހަމަލާއިން އެކަން އެ އޮތީ ސާފުކޮށް ފެންނާާށެެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެކަށީގެންވާ ފެންވަރެއްގައި ސެންޓްރަލް އިންޓެލިޖެންސް އިދާރާއެއް ގާއިމުކުރުން އަވަސް ކުރަންޖެހެ އެވެ. ސިފައިންނާއި ފުލުހުންނާ ދެމެދު އިންޓެލް މައުލޫމާތު ބަދަލުކުރުމުގައި ހުރި ދަތިތަކަށް އެފަދަ ސެންޓަރެއްގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު ސެންޓްރަލް އިންޓެލިޖެންސެއް ގާއިމުކުރުމުގެ ވާހަކަތަކެއް ދައްކަވާފައިވެ އެވެ. އެކަމަކު ބިލެއް ޑްރާފްޓް ކުރާ ކަން ހާމަކުރުން ފިޔަވާ އެކަމާ ގުޅިގެން ފަހުން ކަމެއް ހިނގިކަމެއް ހާމަކޮށްފައެއް ވެސް ނުވެ އެވެ.

ހަމަލާއާ ގުޅިގެން އެތައް ކަމެއް އެނގިއްޖެ އެވެ. އިސްލާހު ކުރަންޖެހޭ އެތައް ކަމެއް ފާހަގަ ވެސް ކުރެވިއްޖެ އެވެ. ސަލާމަތީ ހިދުމަތްތަކުގެ މެދުގައި އިންޓެލް މައުލޫމާތު ބަދަލުކުރުމާއި ތަންފީޒުކުުރުމާއި އިހްމާލާއި ފެއިލްވުން އޮތް ކަން ޔަގީންކުރެވިއްޖެ އެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހް އަންގަވާފައިވާ ގޮތަށް އިންޓެލިޖެންސްގެ އޮޑިޓް ހެދުން އަވަސް ކުރާށެވެ. އަދި އޭގެފަހުގައި އިސްލާހު ކުރަންޖެހޭ ކަމަށް ފާހަގަކުރެވޭ ކަންކަން އިސްލާހު ކުރުން އަވަސް ކުރާށެވެ.