ނަޝީދަށް އަމާޒު ކުރި ހަމަލަ

ފުލުހަށް ރިޕޯޓްނުކުރި މައްސަލާގައި އިލްޔާސްގެ މައްޗަށް ދައުވާ ކުރެވިދާނެ

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބްގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި މައުލޫމާތު ފުލުހުންނާއި ހިއްސާކޮށްފައިނުުވާ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރެވިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ އިލްޔާސް ލަބީބުގެ ރަށްޓެއްސަކު އޭނާއާ މައުލޫމާތު ހިއްސާކުރި އެވެ. އެ މައުލޫމާތު އޭނާ މަޖިލީހުގެ 241 ކޮމެޓީއާ ފުލުހުންގެ ތަހުގީގުގައިވެސް ހާމަކޮށްފައިވެއެވެ. އަދި ވިދާޅުވީ އެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް ދެންނެވި ކަމަށެވެ. ނަމަވެސް މައުލޫމާތު ދެއްވި ކަމަށް ބުނާ ރަހުމަތްތެރިޔާގެ ވާހަކައެއް އާންމު ނުކުރައްވައެވެ.

މެންބަރު އިލްޔާސް އަށް ލިބިވަޑައިގެންނެވި މައުލޫމާތެއް ހިއްސާކުރެއްވުމަށް މިނިސްޓަރު މާރިޔާ އަށް ގުޅުއްވާފައިވަނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. މިނިސްޓަރު މާރިޔާ އަށް އިލްޔާސް ގުޅުއްވީ އޭނާ އަށް ލިބުނު މައުލޫމާތު ރައީސް ނަޝީދާ ހިއްސާކުރެއްވުމުން އެ މައުލޫމާތު މާރިޔާއާ ހިއްސާކުރެއްވުމަށް ރައީސް ނަޝީދު، އިލްޔާސް އަށް އެންގެވުމާ ގުޅިގެންނެވެ. ރައީސް ނަޝީދަށް އިލްޔާސް އެ މައުލޫމާތު ހިއްސާކުރައްވާފައިވަނީ މެއި ތިންވަނަ ދުވަހު ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހު އެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް މެއި ތިންވަނަ ދުވަހު އިލްޔާސް ގުޅުއްވުމުން މާރިޔާ އެރޭ އެ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އެކަމަކު މެއި ހަތަރު ވަނަ ދުވަހު މިނިސްޓަރު މާރިޔާ، އިލްޔާސް އަށް ގުޅުއްވުމުން އޭނާ ވަނީ ލިބިވަޑައިގެންނެވި މައުލޫމާތު މިނިސްޓަރު މާރިޔާއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ބަޔަކަށް ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެ ފޯން ކޯލްގައި އިލްޔާސް ވިދާޅުވެފައިވެ އެވެ.

އިލްޔާސް އަށް ލިބިވަޑައިގެންނެވި މައުލޫމާތު ސީދާ ފުލުހުންނާ ހިއްސާކުރެއްވުމަށް މިނިސްޓަރު މާރިޔާ، އިލްޔާސް އަށް އެންގެވި ނަމަވެސް އިލްޔާސް އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރައްވާފައެއް ނުވެއެވެ. މާރިޔާ އެ މައުލޫމާތު ފުލުހުންނާ ހިއްސާ ނުކުރެއްވީ އިލްޔާސް އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރައްވާފައި އޮންނާނެ ކަމަށް އެކަމަނާ އަށް ގަބޫލުކުރެވިގެން ކަމަށްވެސް މަޖިލީހުގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެންބަރު ހުސައިން ޝަހީމް ރޭ ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިވަޑައިގެން ހުންނަވާ ފުލުހުންނާއި ހިއްސާ ނުކުރެއްވުމަކީ ގޯހެއް ކަމަށެވެ. އަދި މަޖިލީސް ރިޕޯޓް ނެރުނު ފަހުން އެފަދަ މައުލޫމާތެއް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އަށްވެސް ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް ބޭފުޅަކު އެ މައުލޫމާތު ފުލުހުންނާއި ހިއްސާކޮށްފައި ނުވުމަކީ ގޯހެއް ކަމަށެވެ. އަދި ނަޝީދަށް އަމާޒުކުރި ހަމަލާއާ އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި މައުލޫމާތާއި އެއްވެސް ގޮތަކުން ގުޅޭނަމަ އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ހުސައިން ވިދާޅުވިއެވެ.

"މީގެން އެއްވެސް ބޭފުޅަކު ނެތޭ ޕޮލިހަށް އަންގާފައެއް މިކަން [ބޮން ގޮއްވުމުގެ] ކުރިއަކުން ނެތް. މިއީ ގާނޫނު ބުނާ ގޮތުން މި ބޭފުޅުންގެ މައްޗަށް ގާނޫނީ ދަައުވާ އުފުލަން ޖެހިއްޖެއްޔާ، ރަައީސް ނަޝީދަށް މި އަމާޒުކުރި ބޮމުގެ ކަންތަކާއި އެއްވެސް ގޮތަކުން މި ލިބިފައިވާ މައުލޫމާތާއި ގުޅޭނަމަ ދައުވާ ކުރެވޭނެ ފަރާތްތަކޭ މިއީ. އަދި ނުގުޅެނީ އެ ބޭފުޅުންގެ ނަސީބު ކަމެއް އަޅުގަނޑު ނަސީބު ކަމެއް އަޅުގަނޑަށް ދަންނަވާކަށް ނޭންގެ. މި ދަންނަވާ ވާހަކައަކީ މި ބޮމާއި މި ބޭފުޅުންނަށް އެނގިފައިވާ އެއްޗަކާއި މި ލިންކުވާ އެއްޗެއް ނަމަ މިއީ ކުށްވެރިވާނެ ބޭފުޅުންނޭ ހައްތަހާވެސް،"

މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސްގެ އިހުމާލުވާ ކަމަށް ލިޔެފައި އެބައޮތް ކަމަށް ބައެއް ފަރާތްތަކުން ބުނާތީ އެކަމަށްވެސް ހުސައިން ރައްދު ދެއްވިއެވެ. ހުސައިން ވިދާޅުވީ ރިޕޯޓްގެ އެއްވެސް ހިސާބެއްގައި އެފަދަ ވާހަކައެއް ނޯންނާނެ ކަމަށެވެ. ރިޕޯޓްގައި އޮންނާނީ ސިފައިންނަށް ގައުމީ އެވޯޑް ދޭން ޖެހޭ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.

ހުސައިންގެ އެ ވާހަކަތަކާއި ގުޅިގެން މެންބަރު ރަޝީދު ވިދާޅުވީ ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގާނޫނީ ޒިންމާތަކެއް އޮންނާނެ ކަމަށެވެ. 241 ކޮމެޓީގެ މެންބަރަކު ޑިފެންސް މިނިސްޓަރަށް ގުޅުއްވާ ހަމަލާއެއްގެ ވާހަކަ ހިއްސާ ކުރެއްވުމުން އެއީ "މެގަޗިޕް އިލްޔާސް" ގުޅުއްވީ ކަމަށް ހައްދަވާ އެކަމުގެ ސީރިއަސްކަން ގެއްލުވާލައިގެން ނުވާނެ ކަމަށެވެ.

މިނިސްޓަރު މާރިޔާ އަށް، މެންބަރު އިލްޔާސްގެ ފަރާތުން މައުލޫމާތު ލިބުމާ ގުޅިގެން މެއި ހަތަރުވަނަ ދުވަހު މިނިސްޓަރު މާރިޔާ ވަނީ ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވާ ރައީސް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް ޗެކް ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ވެރިން ހިއްސާކުރެއްވި މައުލޫމާތުގައި ރައީސް ނަޝީދުގެ ސެކިއުރިޓީ "އެންހާންސް" ކޮށްފައި އޮތުމުން އިލްޔާސް ހިއްސާކުރެއްވި މައުލޫމާތާ ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން އެމްއެންޑީއެފްގެ އިސްވެރިންނަށް މައުލޫމާތު ހިއްސާ ނުކުރެއްވީ ކަމަށްވެސް މާރިޔާ ވިދާޅުވެފައިވެ އެވެ.

"އެބޭފުޅުން ވިދާޅުވީ ސެކިއުރިޓީ އޮތީ ކްރިޓީކަލްގައި ކަން. އަދި ޗީފް ވިދާޅުވީ ސެކިއުރިޓީ އޮތީ އެންހޭންސް ކުރެވިފައި ކަމަށް. އެހެންވީމާ އަޅުގަނޑަކީ އޮޕަރޭޝަނަލް ޓެކްޓިކަލް މީހަކަށް ނުވާއިރު މި ފޯމޭޝަން، އެ ފޯމޭޝަން؛ އެ އެއްޗެހި މިހާރު ކިތަންމެ ބޮޑަކަށް އެ ބޭފުޅުން ކިޔައިދެއްވާ އަޅުގަނޑަށް. ކިޔައިދެއްވީމާ މި ދެންނެވި ގަވައިދުގައި އޮތް މިންވަރަށް އޮތްތޯ ބަލައި، އެއަށް ވުރެ އިތުރަށް ވެސް އޮތީމާ އަޅުގަނޑު އެކަމުގައި އިތުރަށް އެއްޗެއް ނުދެންނެވީ،" މިނިސްޓަރު މާރިޔާ 241 ކޮމެޓީގައި ވިދާޅުވިއެވެ.

އިންކުއަރީ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ މާރިޔާ އަށް ލިބުނު މައުލޫމާތު، އެމްއެންޑީއެފްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓްރަކްޗާގެ ތެރެއިން ރައީސް ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ދިންނަމަ ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތީސް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.