ނަޝީދަށް އަމާޒު ކުރި ހަމަލަ

ބޮމުގެ ހަމަލާގެ އެންމެ ފުންމިނަށް ވާސިލުވެވިދާނެތަ؟

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ މުޅި ގައުމަށް ވެސް ސިހުން ގެނުވި ނުރައްކާތެރި ހާދިސާއެކެވެ. ބާރުގަދަ ގޮވުމެއްގައި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް މި ހަމަލާ ދީފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:27 ގައެވެ. އެ ހާދިސާއާ ގުޅިގެން އެމަނިކުފާނަށް ސީރިއަސް ޒަހަމުތަކެއް ލިބިވަޑައިގެންފައިވާތީ ހަތަރު ސާޖަރީއެއް ހަދަން ޖެހުނެވެ. އަދިވެސް އެ ޒަހަމުތަކަށް އެމަނިކުފާނު އެ ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. ރައީސް ނަޝީދަށް ފަރުވާ ދެއްވި ޓީމުން ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ހާލަތު ރަނގަޅު ކުރެވިފައި ވަނީ ފުރާނަ ނުރައްކަލަށް ހުށައެޅިފައި ވަނިކޮށެވެ.

ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ފުލުހުން ވަނީ އާންމު ކޮށްފަ އެވެ. އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން އާންމުކުރި އެ ވީޑިއޯއިން ފެންނަ ގޮތުން އެއީ ވަރަށް ބާރުގަަދަ ގޮވުމެކެވެ. ސައިކަލެއްގެ މަޑިދަށުގައި ބާއްވައިގެން އައިއީޑީ ގޮއްވާލީ ރައީސް ނަޝީދާ ވަރަށް ގާތުންނެވެ. ގަދަ އަޑުފައްގަނޑާއެކު ގޮވި ގޮވުމާއެކު ރައީސް ނަޝީދު، ކާރުކޮޅު ކައިރިއަށް ވެއްޓިވަޑައިގަތެވެ. އައިއީޑީ ގޮއްވާލާފައި ވަނީ ރައީސް ނަޝީދު ކާރުކޮޅާ ވަރަށް ކައިރިއަށް ވަޑައިގެންނެވިފައި ހުންނަވަނިކޮށެވެ.

ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލް ވިދާޅުވި ގޮތުގައި މިއީ 2007 ވަނަ އަހަރު މާލޭގެ ސަލްޓަންޕާކްގައި ގޮއްވާލި އައިއީޑީއަށްވުރެ މާ ބާރުގަދަ އައިއީޑީ އެކެވެ. "ބްލާސްޓް އިފެކްޓް" އާއި އަޑާއި އެ ނޫން ކަންކަމަށް ބަލާއިރު ވެސް މިއީ ބާރުގަދަ ޑިވައިސްއެކެވެ.

"ސަލްޓަންޕާކްގައި ގޮއްވާލި އައިއީޑީއާ މި އައިއީޑީއާ ބަލާއިރުގައި މިއީ އެތައް ދަރަޖައެއް ބާރުގަދަ އައިއީޑީއެއް ކަމަށް އަޅުގަނޑުމެން ފާހަގަ ކުރަން. އަދި މި އައިއީޑީގެ 'ބްލާސްޓް އިފެކްޓް' އާއި މީގެ އަޑާ މިނޫން ކަންކަމަށް ބަލާއިރު ވެސް އެތައް ދަރަޖައެއް މަތި، އަދި މީގެތެރޭގައި ހުރީ ގިނަ އަދަދަކަށް ރޭޒާ ފުއްލާފައި. އެއީ ވެސް ހަމަލަ ވަރުގަދަ ކުރުމަށް،" ޗީފް ވިދާޅުވި އެވެ.

ގޮއްވާލާ ވީޑިއޯއިން ފެންނަ ގޮތުން އެ ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ ބައެއް މީހުން ސީންގައި ތިބެ އެވެ. އަދި އެ ވީޑިއޯގައި އެކަކު ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ތުހުމަތު އޮތް ގޮތުން އެއީ އައިއީޑީ ގޮއްވާލަން ރިމޯޓް ހިފައިގެން ހުރި މީހާ އެވެ. ވަރުގަދަ ގޮވުމާއެކު އޭނާ ދުއްވައިގަންނަތަން ނުސާފުކޮށް ނަމަވެސް ވީޑިއޯއިން ފެނެއެވެ. ތަހުގީގުގައި ފުލުހުންނަށް ލިބިފައިވާ އެންމެ މުހިންމު އެކައްޗަކީ ވެސް އެ ވީޑިއޯ އެވެ.

ބައެއް އެެހެން ސީސީޓީވީ ފްޓޭޖްތަކާއި ފޮޓޯތައް ވެސް ފުލުހުން ހޯދާފައި ވެއެވެ. ފުލުހުން އިއްޔެ ވަނީ ބޮމުގެ ހަމަލާ ދިނުމުގައި އެންމެ މުހިންމު ރޯލެއް ކުޅުނު އެކަކު ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ފޮޓޯ އާންމު ކޮށްފައެވެ. ފުލުހުން އެ ފޮޓޯ އާންމު ކުރުމުގެ ކުރީން ވެސް އެމީހާގެ ފޮޓޯތަކެއް އާންމުވި އެވެ. މާސްކު އަޅާފައިވާ އެ މީހާއަކީ ހާދިސާގެ ތަހުގީގަށް ފުލުހުން ހޯދަން އެންމެ ބޭނުންވާ އެކެވެ.

ބައެއް ސޯސްތަކުން ޔަގީން ކުރެވިފައިވާ ގޮތުގައި އެ މީހާގެ ގިނަ ވީޑިއޯ ފްޖޭޓްތަކެއް ފުލުހުންނަށް ލިބިފައި ވެއެވެ. އެ މީހާ ދުވެފައިދާ މަންޒަރު ފެންނަ ސީސީވީޑިއޯތަކާއި ވަކި ހިސާބަކަށް ގޮސް މަޑުކޮށް އަރައިގެން ހުރި ފައިވާން އަތަށް ނަގާ އަލުން ދުވަން ފަށާ މަންޒަރުގެ ވީޑިއޯ ފުލުހުންނަށް ލިބިފައި ވެއެވެ. އެމީހާގެ ވީޑިއޯތަކެއް އެބަހުރި ކަަމަށް ފުުލުހުން ވެސް ބުނެއެވެ.

"ހަގީގަތުގައި މީނައަކީ [ފޮޓޯގައިވާ މީހާ] ދިވެހި ފުލުހުން ތަހުގީގަށް ހޯދަމުންދާ އެންމެ މުހިންމު ފަރާތް މި މައްސަލައާ ގުޅިގެން. މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ތަހުގީގަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހާދިސާއާ ގުޅުންހުރި ފޮޓޯއާއި އަދި މީނަ ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯ ވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.

ވީޑިއޯ އާންމުކުރިތާ ގަޑިއިރުތަކެއް ފަހުން ފުލުހުން ވަނީ އެމީހާ ހޯދާ ހައްޔަރުކޮށްފައެވެ. މިއަދު ހައްޔަރުކުރީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމްކަން އަވަސް އަށް ވަނީ ޔަގީން ކުރެވިފައެވެ.

އިތުރު ދެ މީހަކު ހައްޔަރު ކުރުން

ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. މުޖާޒު ހައްޔަރު ކުރީ އިއްޔެ ގަދަފެހިގެ އިންނެވެ. ތަހުމީން ހައްޔަރުކުރީ ހުޅުމާލެއިން ނެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން ތަހުމީން އަލީއަކީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާ އެވެ. މިއަދު ވަނީ އެ ހަމާލާގެ އިސް މީހާ ހައްޔަރުކޮޮށްފަ އެވެ.

އޭސީޕީ ރިޔާޒު ވިދާޅުވި ގޮތުގައި މުޖާޒްގެ މައްޗަށް ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާގެ ތުހުމަތު އެބައޮތެވެ. އޭނާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. ނަމަވެސް މުޖާޒު ހައްޔަރުކޮށްފައި ވަނީ ހަމަލާދިން ސަރަހައްދުން ފާހަގަ ކުރެވިގެނެއް ނޫނެވެ.

"އެހެން ނަމަވެސް މީނާ [މުޖާޒް] އަކީ ހަމަލާ ހިނގި ސަރަހައްދާ ޑައިރެކްޓް ގުޅުމެއް އޮތް މީހެއް ކަަމަށް އަޅުގަނޑުމެންނަށް ތުހުމަތު ރެވިގެން މީނާ ހައްޔަރުކުރީ. އަދި މި ހާދިސާއާ މީނާއާ ގުޅުން އޮތް ކަމަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވެނީ،" ރިޔާޒު ވިދާޅުވި އެވެ

ގޮއްވާލަން ބޭނުންކުރި ސައިކަލުގެ ނަންބަރު ބޯޑް ވަނީ ބަދަލު ކޮށްފަ އެވެ. ސައިކަލުގެ އިންޖީނު ނަންބަރު ކަހާލާ ފޮރުވުމަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ފޮރެންސިކް ޓީމުގެ މަސައްކަތުން ވަނީ އިންޖީނު ނަންބަރު ހޯދާފަ އެވެ. ސައިކަލުގެ ވެރި ފަރާތް ދެނެގެންފައި ވަނީ އެ މައުލޫމާތުތަކުގެ އަލީގަ އެވެ.

މި މައްސަލާގައި ހަތަރު މީހަކަށް ތުހުމަތު އެބައޮތެވެ. މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް އެހެން މީހުން ހޯދުމުގެ މަަސައްކަތް ދަނީ ކުރަމުންނެވެ.

ހަމަލާއާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހުރި ފިހާރަތަކާއި އާންމުންގެ ގޭގައި ހުރި ސީސީޓީވީ ފުޓޭޖްތައް ހޯދާފަ އެވެ. އަދި އެ ސަރަހައްދުގައި ތިބި އެކި މީހުންނާ ސުވާލު ވެސް ކޮށްފައެވެ. އޭގެ ފަހުން އިއްޔެ ރަސްމީކޮށް ފުލުހުން ވަނީ މި ހަމަލާގެ ތަހުގީގަށް އެއްވެސް މައުލޫމާތެއް ދެވެން އޮތް ނަމަ އެކަމުގެ އެހީތެރިވެ ދިނުމަށް އާންމުންގެ ކިބައިން އެދިފަ އެވެ. މިހާރު ހައްޔަރު ކޮށްފައިވާ މީހުންނާ ބެހޭ ގޮތުން މައުލޫމާތެއް އޮތް ނަމަވެސް އަދި ހޯދަން ފޮޓޯ އާންމުކޮށްފައިވާ މީހާއާ ބެހޭ މައުލޫމާތެއް އެނގޭނަމަ ވެސް ސިއްރު ނުކޮށް ހިއްސާކުރުމަށް ވަނީ އެދިފައެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ހަމަލާ ދިން އިރު އެ ސަރައްހަދުގައި ގިނަ ބަޔަކު ތިބި މަންޒަރު ވީޑިއޯ އިން ފެނެއެވެ. ފުލުހުން ބުނާ ގޮތުން އެ މީހުންނަކީ ތަހުގީގަށް ވަރަށް މުހިންމު މައުލޫމާތު ފޯރުކޮށް ދެވިދާނެ ބައެކެވެ.

"ހާއްސަކޮށް މި މަންޒަރު، ހާދިސާ ހިނގުމުގެ ކުރީންސުރެ އެ ސަރަހައްދުގައި ތިބި ބޭފުޅުންނަށް އެ ބޭފުޅުން އެ ތިއްބެވި ތިއްބެވުމުގައި އެއްވެސް ފާހަގަކުރެވޭ ކަމެއް އެއްވެސް މީހެއްވިޔަސް އެއްވެސް ޝައްކު ކުރެވޭ ކަހަލަ އަމަލެއް ކުރަނިކޮށް ފެނުނު ނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ފުލުހުންނާއި އެ މައުލޫމާތު ހިއްސާކުރެއްވުމަށް،" އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.

ތަހުގީގަށް އޮސްޓްރޭލިއާ ޓީމް ރާއްޖެއަށް

ރައީސް ނަޝީދަށް އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ ތަހުގީގު ކުރަން ބޭރު އެހީތެރިކަން ހޯދަން ނިންމައި އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިސްގެ ޓީމެއް އިއްޔެ ވަނީ ރާއްޖެ އައިސް ތަހުގީގު ޓީމާ ގުޅިފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދާ ތަހުގީގަށް ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވެސް ނިންމާފައި ވެއެވެ. ލަންޑަންގެ މެޓްރޮޕޮލިޓަންގެ ކައުންޓަ ޓެރަރިޒަމް ކޮމާންޑްގެ އިސް އޮފިސަރަކު މިއަދު ރައްޖެ ވަޑައިގަންނަވާނެ އެވެ.

ހަމަލާ ތަހުގީގު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާ އާއި އިންޑިއާ އިން ވެސް ހުށަހަޅާފައިވެ އެވެ.

ތަހުގީގު އޮތް ހިސާބާމެދު ހިތްހަމަޖެހޭ

ފުލުހުންގެ ތަހުގީގާމެދު އެކި މީހުން ދެކޭ ގޮތް ތަފާތެވެ. އެއީ އެކަން ވާނެވެސް ގޮތެވެ. ބައެއް މީހުންގެ ނަޒަރުގައި ތަހުގީގު ލަހެވެ. މީހަކު ހައްޔަރުނުކޮށް 32 ގަޑިިއިރު ހޭދަވުން ވެސް ބައެއް މީހުންނަށް ވަރަށް ބޮޑު މައްސަލައަކަށް ވިއެވެ.

އެ ތުހުމަތުތަކާއި ގުޅޭގޮތުން ކޮމިޝަނަރު ވަނީ ވާހަކަ ދައްކަވާފައެވެ. ކޮމިޝަނަރު ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭގެ ނުރައްކާތެރި ހާދިސާގެ ތަހުގީގަށް އޮތީ ވަރަށް ބޮޑު އިސްކަމެކެވެ. ނަމެއްގައި މީހަކު ހައްޔަރުކޮށް ތަހުގީގު ކުރިއަށްދާކަން ދެއްކުމުގެ ބޭނުމެއް ނެތެވެ. މީހަކު ހައްޔަރު ކުރާނީ ކުރެވޭ ތުހުމަތެއް އޮތުމުންނެވެ. ތުހުމަތެއް އޮވެއްޖެނަމަ ހައްޔަރު ކުރަން ފަސް ނުޖެހޭނެ އެވެ. ނަމަވެސް އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިހާތަނަށް ހައްޔަރުކުރި މީހުން އަދި ހޯދަން ބޭނުންވާ މީހާގެ ފޮޓޯ އާންމު ކުރީވެސް އެ އުސޫލުގެ ތެރެއިންނެވެ. ކޮމިޝަނަރު އެދިވަޑައިގެންނެވީ އިތުބާރު ކުރެއްވުމަށެވެ. ޓެރަރިޒަމްގެ އެއްވެސް ކަމަކަށް އެ މުއައްސަސާއިން ކުޑަވެސް ފުރުސަތެއް ނުދޭނެ އެވެ. އަދި ރައީސް ނަޝީދަށް އަމާޒުކުރި ހަމަލާގެ ތަހުގީގުން ކިތަންމެ ކުޑަ ކަމެއްވެސް ދޫކޮށް ނުލައްވާނެ އެވެ.

ތަހުގީގު މަރުހަލާ ކުރިއަށްދާ ގޮތް ބެލުމުގައި ޕްރޮސެކިއުޓަރު ޖެނެރަލް އޮތީ ފާރަވެރިވެއެވެ. އިއްޔެގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޕީޖީ ޝަމީމުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ތަހުގީގު ކުރިއަށްދާ ގޮތާމެދު ވާހަކަވެސް ދެއްކެވިއެވެ. ޝަމީމް ވިދާޅުވި ގޮތުގައި ފުލުހުންގެ ތަހުގީގާމެދު ހިތްހަމަޖެހުން އެބައޮތެވެ. ތަހުގީގު މިވަގުތަށް ގޮސްފައިވާ ހިސާބު ރަނގަޅެވެ. ފުލުހުން އަމަލު ކުރާ ގޮތްވެސް ރަނގަޅެވެ.

ޝަމީމުގެ އުންމީދަކީ ފުރިހަމަ ތަހުގީގަކަށް ފަހު ކުށްވެރިން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ދުވަހެކެވެ. އެ މަސައްކަތަށް ޕީޖީ އޮފީސް ދަނީ ތައްޔާރުވަމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ހާދިސާގައި ރާއްޖޭގައި ހިންގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. ވެރިރަށުގެ މައި މަގުގައި މިވަރުގެ ހާދިސާއެއް ހިންގުމުމަކީ ގައުމަށް ލިބުނު ބޮޑު ސިހުމެކެވެ. ރައްޔިތުންނަށް ލިބުނު ނުރައްކަލުގެ ވަރުގަދަ އިންޒާރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ރޭ ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި -- ފޫދުއްވާލި -- ގޮތުގެ އިންކުއަރީއެއް ހެދުމަށް ނިންމާފައެވެ.

މަޖިލީހުން މިފަދަ ނިންމުމެއް ނިންމިއިރު ސިފައިންވެސް ގެންދަނީ އެކަންކަން ބަލަމުންނެވެ. ސިފައިން މިހާތަނަށް ބެލި ބެލުމުން ސިފައިން ވަނީ ޕްރޮޓޮކޯލް ފުރިހަމަކޮށްފައެވެ. ފުލުހުންގެ ތަހުގީގުގެ ތެރެއިން އެކަންކަން އިތުރަށް ބަލާނެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އެންމެ ފުން މިނަަށް ވާސިލުވާން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހެއެވެ. އެ ހަމަލާގެ އަސްލު މޯޓިވް ދެނެގަންނަން ޖެހެއެވެ. އެ ހަމަލާއަށް އެހީތެރިވި މީހުންނާއި އެކަމުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެއެވެ. މިފަދަ ހާދިސާއެއް އަލުން ތަކުރާރުވިޔަ ނުދިނުމަށް އެއީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި އޭގެ ފަހުން ގާނޫނުތަކާއި އެ ނޫން ދިމަދިމާގައި ހުރި ބޮޑެތި ބާގަނޑުތައް ފޮރުވަން ކުރަން ހުރި މަސައްކަތް ގިނައެވެ. މިއީ އެ މަަސައްކަތް ފަށަންވީ ވަގުތެވެ.