ރާއްޖެއަކީ އަމާން ގައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރު ގައުމެކެވެ. ދިވެހިންނަކީ ސުލްހައާ ހަމަޖެހުމަށް އިންތިހާއަށް ލޯބިކުރާ އެއާ ދެކޮޅު އެއްވެސް ކަމަކަށް ފުރުސަތު ދޭނެ ބައެއް ނޫންކަން އަމަލާއި ބަހުން ސާބިތުކޮށްދެމުންދާ ބައެކެވެ. ނަމަވެސް މިރާއްޖޭގައިވެސް އެކި ފަހަރުމަތިން ނުރައްކާތެރި އެކި ހަމަލާތައް ދީފައިވެއެވެ. ރަހުމުކުޑަ ގޮތްގޮތަށް މީހުން މެރުމާއި އަނިޔާވެރި އަމަލުތައް ހިންގުމުގެ ކަޅު ތާރީހެއް ރާއްޖޭގައިވެއެވެ. ރެއަކީ އެ ކަޅު ތާރީހުގެ ތެރޭގައި ލިޔެވޭނެ ފަދަ ހިތާމަވެރި އަދި އެހާމެ ނުރައްކާތެރި ހަމަލާއެއްގެ ތަޖުރިބާ ދިވެހިން ކުރަން ޖެހުނު ރެއެކެވެ.
އެއީ ރޭގެ ގާތްގަނޑަކަށް އަށްގަޑި ފަންސަވީސް އެހާކަން ހާއިރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ގ. ކެނެރީގެއިން ނިކުންނަވާ ކާރުކޮޅަށް އަރައިވަޑައިގެންނެވުމަށް ހިންގަވާފައި ވަޑައިގަންނަވަނީއެވެ. ކާރުކޮޅާ ދާދި ގާތުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވަރުގަދަ ގޮވުމެއް ގޮވީއެވެ. ކުރީގެ އެމެޓީ ފިހާރަ ކައިރީގައި މަޑުކޮށްލައިގެން އޮތް ރައީސް ނަޝީދަށް ހާއްސަ ކާރުކޮޅު ކައިރީގައި ވަރުގަދަ ގޮވުމެއް ގޮވީ ސައިކަލެއްގައި ހަރުކޮށްފައިވާ އެއްޗެއް ނުވަތަ ސައިކަލެއްގެ މަޑިދަށުގައި އޮތް އައިއީޑީއެއް ފަދަ އެއްޗެއް ގޮވައިގެންނެވެ.
އެ ގޮވުމުގެ ސަބަބުން ރައީސް މުހައްމަދު ނަޝީދަށް އަނިޔާވެވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ހަށިފާރަވެރިންގެ ތެރެއިން ދެ ބޭފުޅަކަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އޭރު އެ ސަރަހައްދުގައި ހުރި އިނގިރޭސި ރައްޔިތަކާއި އާންމުންގެ މީހަކަށްވެސް އަނިޔާވިއެވެ. އޭގެ ފަސް މިނެޓް ފަހުން ރައީސް ނަޝީދު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުން ބޭރުފުށުން ފެންނަން ހުރި ގިނަ ޒަހަމުތަކަކާއެކު ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންނެވުނީ 8:30 ގައެވެ. ވަގުތުން އެމަނިކުފާނަށް ފަރުވާ ކުރަން ފެށުނެވެ. ފަރުވާ ކުރިއަށް ގެންދެވުމަށް ޑޮކްޓަރުންގެ ހާއްސަ ޓީމެއް އެކުލަވާލެވުނެވެ. އެއީ މަލްޓިސްޕެޝަލިޓީ ޓީމެކެވެ. އެ ޓީމުން ބެލި ބެލުމުން އެމަނިކުފާނުގެ ހަށިކޮޅަށް ގިނަ ޒަހަމުތަކެއް ލިބިވަޑައިގެންފައިވިއެވެ. އެތެރެހައްޓަށްވެސް ބައެއް ޒަހަމުތަކުގެ އަސަރު ކޮށްފައިވެއެވެ. އެކަމާއި ގުޅިގެން ފަރުވާއަށް ބައެއް އޮޕަރޭޝަންތައް ކުރަން ޖެހޭތީ އެ އޮޕަރޭޝަންތައް ރޭ ވަނީ ކޮށްފައެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަހަމުތަކާއި ގުޅިގެން އޮޕަރޭޝަންތައް ކުރެއްވީ ހޭނައްތަވާފައެވެ
މާބޮޑެތި ޒަހަމުތަކެއް ލިބިފައި ނެތް ނަމަވެސް ރަައީސް ނަޝީދުގެ ދެ ހަށިފާރަވެރިންނަށްވެސް ކުދިކުދި ގިނަ ޒަހަމުތަކެއް ލިބިފައިވެއެވެ. އޭގެތެރެއިން އެއް ބޭފުޅެއްގެ އަތާއި ފައިގައި ވަރަށް ގިނަ ކުދިކުދި ޒަހަމުތައްވެއެވެ. ނަމަވެސް ފަރުވާ ދިނުމަށް ފަހު ދެ ބޭފުޅުންވެސް ވަނީ ދޫކޮށްލާފައެވެ.
އިގިރޭސި ރައްޔިތަށްވެސް ކުދިކުދި ޒަހަމުތަކެއް ލިބިފައިވާއިރު ފަޔަށް ގިނަ ޒަހަމުތަކެއް ލިބިފައިވެއެވެ. އަދި އަނިޔާވި ދިވެހި މީހާގެ ފަޔަށްވެސް ބޮޑެތި ޒަހަމުތަކެއް ލިބިފައިވެއެވެ. ރިޕޯޓް ނުކުރެވުނު ނަމަވެސް ގޮވުމުގެ ސަބަބުން ބުރައިގެން ދިޔަ އެތިއެތިކޮޅުން ޖެހި ކުދިކުދި ޒަހަމުތައް ގިނަ ބަޔަކަށްވިއެވެ.
ތަހުގީގަށް ބޭރުގެ އެހީ ހޯދުން
ރޭގެ ހާދިސާއަކީ ހުރިހާ ގޮތަކުންވެސް ދިވެހިންނަށް ސިހުން ގެނުވި ހާދިސާއެކެވެ. ވެރިރަށުގެ މައި މަގުގައި އަދި ކާފިއު ގަޑި ޖެހެން ވަގުތު ކުޑަތަން ވެފައިވުމުގެ ސަބަބުން ހަލަބޮލިވެފައިވާ ވަގުތެއްގައި ބާރުގަދަ އަޑުފައްގަނޑަކާއެކު ނުރައްކާތެރި ގޮއްވާލުމެއް އަމާޒުކުރެއްވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައެވެ.
ހާދިސާ ހިނގުމާއެކު ފުލުހުންގެ ތަހުގީގު ޓީމެއް ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ބުރައިގެން ގޮސްފައިވާ އެތިއެތިކޮޅުތަކުން ތަހުގީގަށް ބޭނުންވާ އެއްވެސް ހެއްކެއް ފެނޭތޯ ބެލުމުގެ މަސައްކަތް ފެށުނެވެ. މަޖީދީ މަގުގެ ހުރިހާ ފިހާރަތަކާއި އާންމުންގެ ގޭގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ފްޓޭޖްތައް ހޯދާ ދިރާސާ ކުރުމުގެ މަސައްކަތް ފެށިއެވެ. ނުވަ ގަޑިއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް ފަހު ފުލުހުންގެ ތަހުގީގު ޓީމު އެ ސަރަހައްދުން ދިޔައީ ހެދުނު ހަތެއްވެސް ޖެހި ފަހުންނެވެ.
އަދި ބައިނަލްއަގްވާމީ ތަހުގީގީ ޓީމުތަކުގެ އެހީތެރިކަން ހޯދާފައިވާ ކަަމަށް ސަރުކާރުން އިއުލާނު ކުރިއެވެ. ރޭ ވަރަށް ދަންވެފައި ވަނިކޮށް ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ރޭގެ ހަމަލާގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމާ އެ ކަމުގައި ޝާމިލުވާ ހުރިހާ އެންމެން އަދުލް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް އެމަނިކުފާނު އަމުރު ކުރައްވައިފި އެވެ. އަދި ރޭގެ ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަހުގީގު ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނަނާނެ ކަމަށް ވިދާޅުވި އެވެ.
"މި ހަމަލާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރުން މިކަން މިހާރު އަންނަނީ ތަހުގީގު ކުރަމުން. މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން މި އަންނަނީ ހޯދަމުން. މި ގޮތުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް މި ތަހުގީގުގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި،" ރައީސް ވިދާޅުވިއެވެ.
މި ހަމަލާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރުން މިކަން މިހާރު އަންނަނީ ތަހުގީގު ކުރަމުން. މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން މި އަންނަނީ ހޯދަމުން. މި ގޮތުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް މި ތަހުގީގުގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައިއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ފުރުސަތެއް ނުދޭނެ އެވެ. އަދި އެކަމާ ދެކޮޅަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ފަސްނުޖެހި އަޅުއްވާނެ އެވެ. ރައީސް ސިފަ ކުރެއްވި ގޮތުގައި ރޭގެ ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިގްތިސާދަށް ދިން ހަމަލާއެކެވެ.
"މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަށާއި އިގްތިސާދަށްވެސް ދިން ހަމަލާއެއް. މިފަދަ އަމަލުތަކަށް މި ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މާތްﷲގެ ވާގިފުޅާއެކު ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސްގެ ހިތާބު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ހަމަލާއާއެކު ގައުމު އެލާޓަށް
ރައީސް ނަޝީދަށް އަމާޒުކުރި ނުރައްކާތެރި ހަމަލާއާއެކު މުޅި ގައުމު އެލާޓަށް އައެވެ. ފުލުހުންނާއި ސިފައިންގެ އެލާޓް ލެވެލް މަތިކޮށް ވެރިރަށް އެލާޓަށް ގެނައެވެ. ފުލުހުން ބުނީ ރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް ލެވެލް 3 އަށް މަތި ކުރި ކަމަށެވެ. އަދި ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސެކިޔުރިޓީ ވަރުގަދަކޮށް އެލާޓް ސްޓޭޓަސް މަތިކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ހަމަލާގެ މަދު ވަގުތުކޮޅެއްގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންގެ ހާއްސަ ބައްދަލްވުމެއް ކުރިއަށް ގެންދެވިއެވެ. އަދި އޭގެ ފަހުން ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއެކު މުލިއާގޭގައި ކުއްލި ކެބިނެޓް ބައްދަލުވުމެއް ކުރިއަށް ގެންދެވިއެވެ. އެ ބައްދަލްވުން ގިނަ ވަގުތުތަކަށް ދެމިގެންދިޔައިރު އެ ވަގުތާއި ހަމައަށް ހޯދިފައިވާ މައުލޫމާތާއި ކުރިއަށް އަޅުއްވަންޖެހިވަޑައިގަަންނަވާ މުހިންމު ފިޔަވަޅުތަކާމެދު ވަޒީރުންނާއެކު ރައީސް ސޯލިހް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލްވުމަށް ފަހު ރައީސް ސޯލިހް ވަނީ ގައުމާއި މުހާތަބު ކުރައްވާފައެވެ. ވަރަށް އަސަރާއެކު ދެއްވި ކުރު ތަގުރީރުގައި ރައީސް ވަނީ ތަހުގީގަށް ބޭރުގެ އެހީ ހޯއްދަވާކަން އިއުލާނު ކުރައްވާ ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން އެ ވަގުތަށް ލިބިވަޑައިގެންފައިވާ މައުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ.
މުޅި ރައްޔިތުންގެ ހެޔޮ ދުއާ
ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވާ ރޭ ދެއްވި ނުރައްކާތެރި ހަމަލާއާ ގުޅިގެން އެމަނިކުފާނު ޒަހަމުވެވަޑައިގެންނެވި ހަބަރު ހިނދުކޮޅެއްގެ ތެރޭގައި ރާއްޖެ އާއި މުޅި ދުނިޔެއަށް އިއުލާނު ވެގެންދިޔައެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅާއި ގުޅޭގޮތުން އަދި ފަރުވާގެ ކަންކަމާއި ގުޅޭގޮތުން ވަގުތުން ވަގުތަށް އާންމުވަމުންދިޔަ މައުލޫމާތާއެކު އެތައް ހާސް ރައްޔިތަކު ވަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ހެޔޮ ދުއާ ފޮނުއްވާފައެވެ.
ކުރީގެ ރައީސުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކާއި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިއާއި މިހާރުގެ މެންބަރުންވެސް ވަނީ ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި އާއިލާއަށް ހެޔޮ އެދުމާއި ހިތްވަރުގެ ބަސްތައް ރައްދު ކުރެއްވިއެވެ.
ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން ރޭގެ އެކި ވަގުތުތަކުގައި އެކި ވާހަކަތައް ފެތުރެނެވެ. ދެތިން ހަތަރު ސާޖަރީއެެއް ކުރެއްވި ހަބަރާއި ހާލުކޮޅު މުޅީން ރަނގަޅު ނޫން ކަމުގެ ވާހަކަތަކެވެ. އެކަމާއި ގުޅިގެން ޖުމްލަކޮށް މުޅި ދިވެހީންނަށް ހިތްދަތި ކަމާއި ހާސްކަން ލިބިގެން ދިޔައެވެ. ހާއްސަކޮށް އެމަނިކުފާނަށް ތާއީދު ކުރާ އާންމު މެންބަރުންނަށް އެ ހަބަރުތައް ވެގެން ދިޔައީ ވަރަށް އަސަރުކުރުވި ވާހަކަތަކެކެވެ.
މުޅި ގައުމުގެ ހެޔޮ ދުއާ ވަނީ ރައީސް ނަޝީދާއެކުގައެވެ. އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ކުރެވޭ ދުއާތަކުންނެވެ.