އެމްޑީޕީ

މާރިޔާއާ އިމްރާން އެކަހެރި ކުރަން ގޮވާލައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ -- އަވަސް ފައިލް ފޮޓޯ
0%
100%
0%

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަގާމުގައި ތިއްބަވާ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން "ހައެއްފަހެއް" ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަން ތަންފީޒު ކުރަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނާ މެދު ކަންތައްތައް ދިމާވަމުން ދިޔަ ގޮތާއި، ހަމަލާ ދިން ދުވަހު ކަންކަން ހިނގާދިޔަ ގޮތާއި، ހަމަލާގެ ފަހުން ކަންކަންވީ ގޮތް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ރައީސް ނަޝީދަށް ހަމަލާ ދިނުމަށް މަގުފަހިވުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިސްވެރިންނާއި އިދާރާތަކުގެ އިހްމާލު އޮތް މިންވަރު ވެސް ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން 271 ސަފުހާގެ އެ ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަ ކޮށްފައި ވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރިކޮމެންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައި ވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިކޮމެންޑޭޝަން ތަކެވެ. އެ ބައިގައި 29 ހުށަހެޅުމެއް ވެއެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމެންޑޭޝަންތައް ހުރިއިރު އެ ބައިގައި ހަ ހުށަހެޅުމެއްވެ އެވެ. ތިންވަނަ ބައިގައި ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރެކޮމެންޑޭޝަންތަކެވެ. އެ ބައިގައި 10 ހުށަހެޅުމެކެވެ.

ދާދި ފަހުން ސަރުކާރުން ވަނީ އެ ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތައް ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ކޮންކޮން ރެކޮމެންޑޭޝަންތައް ކަމެއް ހާމައެއް ނުކުރެއެވެ. އަދި އެކަމާއި ސުވާލު ކުރުމުން އެކަން ހާމަ ކުރެވެން ނެތް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އެމްޑީޕީގެ މެއި ހައެއް ކޮމެޓީން އެ މައުލޫމާތު ހޯދަން ކުރި މަަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. އެ ކޮމެޓީން ރޭ ބުނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އިންވެސް އެ މައުލޫމާތު ނުދެއްވާ ކަމަށެވެ. އަދި ބައެއް ރެކޮމެންޑޭޝަންތަކަށް އަމަލު ކުރެވޭނީ 2023 ގެ ފަހުން ކަމަށް އެ ކައުންސިލުން ބުނެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވީ މިނިސްޓަރު އިމްރާނާއި މިނިސްޓަރު މާރިޔާ މަގާމުގައި ތިއްބެވުމަކީ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރަން އޮތް ހުރަހެއް ކަމަށެވެ. އެ ދެ މިނިސްޓަރުން އެކަހެރި ކޮށްގެން ނަމަވެސް އެކަން ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރު އެ މަގާމުގައި ތިއްބަަވައިގެންނެއް ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ. އެހެން ކަމުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ ބޭފުޅުން އެކަހެރިކޮށްގެން ވެސް މި ރެކޮމެންޑޭޝަންތައް ރަނގަޅަށް ތަންފީޒުކޮށް މި ދިވެހިރާއްޖެއަކީ ހަރުކަށި ފިކުރުން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް މިކުރާ މަސައްކަތް ކުރުމަށްޓަކައި މުޅި ދައުލަތުގެ ސިފައެއްގައި މިކަމަށް އެއްބާރުލުން ދެއްވުން،"

އަދި 2023 ގެ ފަހުން ރެކޮމެންޑޭޝަންތައް ތަންފީޒު ކުރަން ތިބެވެން ނެތް ކަމަށް ވިދާޅުވި އެވެ. ޝިޔާން ވިދާޅުވީ 2023 ގެ އިންތިހާބަށް ރައްޔިތުން ކައިރިއަށް އެ ޕާޓީން ދާން ޖެހޭ ކަމަށާ އޭގެ ކުރީން ރާއްޖެ ހަރުކަށި ފިކުރުން ސަލާމަތް ކުރަން ފިޔަވަޅު އަޅުވަން ޖެހޭ ކަމަށެވެ. އެކަންކަން ނުކުރެއްވުމަށް ބަހަނާ ނުދެއްކެވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތައް ކަމަށް ސަރުކާރުން ވިދާޅުވާއިރު އެއީ ކޮންކޮން ކަންތައްތަކެއް ކަމެއް ސާފުކޮށް ނުދިނުމަކީ ސުވާލު އުފެދޭ ކަމެކެވެ.

އަދި މިނިސްޓަރު އިމްރާން މަގާމުގައި ހުންނެވުމަކީ އެ ކަންކަން ތަންފީޒު ކުރެއްވުމަށް އޮތް ހުރަހެއް ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މޭ ހައެއް ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވަނީ އޮގަސްޓް 12 ވަނަ ދުވަހު އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑރ. ރާމީ ޙަސަން މަނިކު ވައިނުޖެހޭގެ

(1) މާރިޔާ އަކީ އަޅުގަނޑުމެން ވަރަށް އުއްމީދާއި އެކު، ވަރަށް އިތުބާރު ކުރި މީހެއް. (2) ނަމަވެސް މިހާރު މިފެންނަނީ އިތުބާރު ގެއްލުނު މަންޒަރު. މާރިޔާ ގެ އަނގައިން މާރިޔާ އެއްބަސް ވެއްޖެ ނަޝީދު އަށް ޙަމަލާ-ދޭން އުޅޭ ކަން އިނގިހުރިކަން. (3) މީހާ ގައިގައި ލޮމީރު ގެ ކަންފުޅެއް ހުރި ނަމަ، މިހާރު އަމިއްލައަށް އިސްތިޢުފާ ދީފީސް. (4) މާރިޔާ ކިތަންމެ ނޭދުނަސް މާރިޔާ ކަންތައްކުރި ގޯސް-ގޮތް ކުދިބޮޑު އެއްމެނަށް އިގި، ރާއްޖޭގެ ތާރީޙު ގައި ލިޔެވިގެން ދާނޭ. (5) އަދި މާރިޔާ ގެ ދަރިފަސް ކޮޅަށް ވެސް މާރިޔާ އަކީ ކޮންކަހަލަ މީހެއްކަން އިނގިގެންދާނެ.

ހާދަ

މާރިއާ އަދި ޢިމްރާންގެ ހާދަ ރީތި ފޮޓޯއެކޭ! މާރިޔާގެ ދިގުހެދުމުގެ ފެހުންގަނޑު ވެސް ވަރަށް ރީތި ވެފައި އޮމާނެވެ. ގަޔަށްވެސް އެހައިމެ ރީއްޗެވެ. ހެދުން ފެހީ ކާކުބާއޭ ހިތަށް އަރައެވެ. އަޅާފައި އިން އައިނުވެސް ހެދުމާ ވަރަށް މެޗް ވެއެވެ. ކޮށްފައިވާ ލުއި މޭކަޕްގައި މާރިޔާވަންތަކަން ވަރަށް ފުރިހަމައެވެ. ޢިމްރާން ވެސް ވަރަށް ސަޅި އެވެ. އެހައިމެ މައުޞޫމެވެ. ހީވަނީ ކްލާސް ރޫމެއްގައި މުދައްރިސް ބުނެދެއްވާ ފިލާވަޅު އަޑުއަހަން އިން ބަސްއަހާ ސްޓޫޑަންޓެއް ހެންނެވެ.

ބުއްޅަބޭ

ދީނަށްޓަކާ މަގުމައްޗަށް އިމްރާނު ދޫކޮށްލާނީ 2023 ޖުލައި ހިސާބުގައި، އެއިރުން ދީނަށްޓަކާ ޖަލުގައި ބާއްވަން އޭނަ ހިފާ ހައްޔަރުކޮށްލަން ފަސޭހަވާނެ!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910