ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ތަހުގީގު ކުރުމުގައި ފުލުހުން ހޯދާފައިވާ ކުރިއެރުންތައް ރަނގަޅު ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން އެހެން ވިދާޅުވެފައި މިވަނީ ހަމަލާ އާއި ގުޅިގެން ފުލުހުން ތިން މީހަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހަމަލާ ދިން ކަމަށް ބުނާ އެންމެ އިސް މީހާ އާއި ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ހަރުކޮށްފައި އިން ސައިކަލްގެ ވެރިމީހާ ވެސް ހިމެނެ އެވެ.
ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާއި ތަހުގީގުގައި މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ރަނގަޅު ކަމަށެވެ.
ހަމަލާ ތަހުގީގު ކުރުމުގައި ފުލުހުން އަދާކޮށްފައިވާ ދައުރު ފާހަގަކުރައްވާ އިމްރާން ވަނީ ތައުރީފް ވެސް ކުރައްވާފަ އެވެ.
"މިހާތަނަށް ލިބުނު ކުރިއެރުމުގައި ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރަށް ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ބޮޑު ދައުރެއް އަދާކުރޭ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ފުލުހުންގެ ތަހުގީގުގައި 400 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.
ނޫސްވެރިންނަށް އިއްޔެ މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ ހަމަލާ ދިން މީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ. އަދި ދައުވާ ކުރެވޭ ވަރަށް މިހާރު ވެސް ހެކި ލިބިފައިވާ ކަމަށް ވެސް ޕީޖީ ޔަގީންކޮށްދެއްވާފައިވެ އެވެ.
ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކުރި ތިން މީހުންގެ ތެރެއިން މއ. ފޭރުގެ މުޖާޒް އަހްމަދު 21، އިއްޔެ ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުންނެވެ. ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރިޔާ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ހުޅުމާލެ އިންނެވެ. އަދި ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ބުނާ މީހާ ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓްގައި ހުއްޓާ މިއަދު ހެނދުނު އެވެ.
ރައީސް ނަޝީދަށް ލިބުނު ޒަހަމްތަކާ ގުޅިގެން ސާޖަރީތަކެއް ހެދުމަށްފަހު އެމަނިކުފާނު މިވަގުތު ބާއްވާފައި އޮތީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. ހާލުކޮޅު ރަނގަޅު ކަމަށް އާއިލާ އާއި ހޮސްޕިޓަލުން ބުނެ އެވެ.