ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގައި ހަރުކަށި ފިކުރުގެ މީހުން އެބަތިބި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި އިތުުރުވަމުންދާ ކަމަށެވެ. އެފަދަ މީހުންގެ މައްސަލަތައް ހައްލުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަރަށް މުހިއްމު ވަރަށް ރަނގަޅު މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދައުލަތުގެ އިސް ބައެއް މަގާމުތަކަށް ހަރުކަށި ފިކުރު މީހުން އައްޔަންކުރައްވާފައިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. ވަކިން ހާއްސަކޮށް ރައީސް ސޯލިހްގެ ކެބިނެޓްގައި ހަރުކަށި ފިކުރުގެ މީހުން އެބަ ތިބި ކަމާއި ހޯމް މިނިސްޓްރީގައި ވެސް އެފަދަ ބަޔަކު ތިބި ކަމަށް ވިދާޅުވި އެވެ. އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވި ނަމަވެސް ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި މަގާމުތަކުގައި ތިބި ބައެއްގެ ނަމެއް ވިދާޅުވެފައެއް ނުވެ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުން ދަނީ ސަރުކާރުގެ ސިޔާސަތު ތަކުގެ ސަބަަބުން ކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން ލީޑް ކުރާ މިހާރުގެ ސަރުކާރުން ކަމަށްވެސް ވިދާޅުވި އެވެ.
ޓެރަރިޒަމް ފަތުރާ މީހުން ސަރުކާރުގައި ތިބި ކަމަށް ވިދާޅުވެ ފުރަތަމަ ސަރުކާރުގެ އެތެރެ ސާފުކުރުމަށް ވެސް އާދަމް ޝަރީފް ވަނީ ގޮވާލައްވާފަ އެވެ. މިސަރުކާރުގެ ބައެއް މަގާމުތަކުގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބި ކަމަށް ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވާތީ އޭނާގެ ތުހުމަތުތަކަށް އިތުރު ބާރެއް ލިބޭ ކަމުގައިވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
"ހަރުކަށި ފިކުރަށް ފާޅުގައި ތާއީދު ކުރާ މީހުން ކެބިނެޓްގައި ބަހައްޓައިގެން އެ ތިބީ. ގައުމުގެ ކަންކަން ހައްލު ނުކުރަން ވެގެން ހަރުކަށި ފިކުރުގެ ވާހަކަ ދައްކަނީ ބަހަނާ އަކަށް" އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ހޯމް މިނިސްޓްރީ އަދި ސަލާމަތީ ހިދުމަތްދޭ އިދާރާ ތަކުގައި ހަރުކަށި ފިކުރުގެ މީހުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެ މުއައްސަސާތައް އިސްލާހުކޮށް ރާއްޖޭގެ ދައުލަތުގެ ތެރެއިން އެހެން އަޑީ ދައުލަތެއް މަސައްކަތްކުރަމުން ނުދާކަން ކަށަވަރުކުރުން ކަމަށެވެ.