ރައީސް މުހައްމަދު ނަޝީދު

"ހިސާން ބިލަށް" ތާއީދު ނުކުރާނަމަ، ތާއީދެއް ނެތް: ނަޝީދު

ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ "ހިސާން ބިލަ" ށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތާއީދު ނުކުރާނަމަ، އެކުގައި ނުވެވޭނެ / މަސައްކަތް ނުކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ނެރުއްވި ނޫސްބަޔާނެއްގަ އެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ މި ސަރުކާރުން ވަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން އެމްޑީޕީގެ އަމާޒު ބަދަލު ކޮށްލާފައި ކަމަށެވެ.

އެގޮތުން "ހައެއްފަހެއް" ގެ ހަމަލާއަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެ ހަމަލާ ފަންޑުކުރި މީހަކު ވެސް ރައީސް ސޯލިހަށް ނުހޯދުނު ކަމަށެވެ. އަދި ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ރައީސް ނަޝީދަށް ހަމަލާ ދިން އިރު، ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން މީގެ ކުރިންވެސް މީހުން ގަތުލު ކޮށްފައި ކަމަށެވެ.

ހަރުކަށި ފިކުރުގެ ބާރު ރާއްޖޭގައި ގަދަވާން ފަށާފައި ވާއިރު އެކަން ހުއްޓުވަން ސަރުކާރުގެ ފަރާތުން ރަށްޔިތުން މަޖިލީހަށް "ހިސާން ބިލް" ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ކޯލިޝަންގައި ހިމެނޭ ދީނީ އިލްމުވެރިން އެކުލެވޭ ޕާޓީއިން ބިލާ ދެކޮޅުވުމުން ރައީސް ސޯލިހް ވެސް ވަނީ ބިލާ ދެކޮޅަށް ތެދުވެވެފައި ވެސް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ރައީސް ސޯހިލްގެ ސަރުކާރު "ހިސާން ބިލާ" ދެކޮޅަށް އޮތް ހިނދަކު، ރައީސް ނަޝީދަށް މި ސަރުކާރާ އެކުގައި ނުހުރެވޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.