އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސްކަން ކުރައްވާ އިދިކޮޅު މައި ޕާޓީ ޕީޕީއެމާއި މިހާރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ގިނަ ސަޕޯޓަރުން ތިބީ އެއް ގޮތަކަށް ކަމަށް މަޖިލީހުގެ ރައީސް ކަމާއި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"ހައެއްފަހެއް" ގެ ހަމަލާގެ ޒަހަމްތަކަށް ބޭސް ކުރައްވަން ޖަރުމަނަށް ވަޑައިގެން މި ވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ "ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރުން" ކަމަށެވެ. އެކަން ކުރަން އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެއީ "އިންޑިއާ އައުޓް" ނުގޮވާ، "ހިސާން" ބިލަށް ތާއީދު ކުރާ، މިއުޒިކް ހަރާން ނުކުރާ، ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދަކަށް ވެސް ވާންޖެހޭ ކަމަށެވެ. އެމަނިކުފާނު ދެކެ ވަޑައިގަންނަވާ ގޮތުގައި ޕީޕީއެމާއި އެމްޑީޕީގެ ގިނަ މީހުން ތިބީ އެއްގޮތަކަށެވެ. އަދި ވިދާޅުވީ އަފްޣާނިސްތާނު އޮތް ހާލަތަށް ރާއްޖެ ދާން ގިނަ ދިވެހިން ބޭނުން ނުވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ މެސެޖްތައް މިއަދު އެ މަނިކުފާނުގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ރަސްމީކޮށްލައި ދެއްވި އިރު އެ މަނިކުފާބު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ދެން ކުރިއަށް ވަޑައިގެންނެވެން ނެތް ކަން އިއްޔެ ހާމަ ކުރައްވާފަ އެވެ.
ރައީސް ނަޝީދު އިއްޔެ ދާޅުވެފައި ވަނީ "ދުވަހަކު ވެރިކަން ނުހޯދުނަސް މި ވެރިންނާއެކު އުޅެން ބޭނުން ނުވާ" ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ ކޯލިޝަނެއް ކަމަށާ އެއީ ޕީޕީއެމް ކަމުގައި ވިޔަސް މިހާރު އެކަން ކުރުން މާ މުހިންމު ކަމަށެވެ.