އީވާ އަބްދުﷲ

ދުވަހަކުވެސް މިފަދަ މަސައްކަތެއް އަދި ނުކުރޭ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ "ބްރީޗް" ވި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށް މަޖިލީސް ހިންގެވުމާއި ހަވާލުވެ ހުންނެވި އެ މަޖިލީހުގެ ނާއިބު ރަައީސް އީވާ އަބްދުﷲ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ކޮމެޓީގެ ރިޕޯޓް ފާސް ކުރުމަށް ރޭ ބޭއްވި 241 ކޮމެޓީގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ހުރިހާ ޕާޓީއެއްގެ މެންބަރުން ވެސް އިންކުއަރީގެ މަސައްކަތް ކުރެއްވީ ގައުމީ މަަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އަދި ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމްގެ މަސައްކަތަށް އީވާ ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ. އީވާ ވިދާޅުވީ ކޮމެޓީގެ ކުރީކޮޅު ބައެއް އުނދަގޫތައް ކުރިމަަތިވި ކަމަށާ އަދި މިއީ މަޖިލީސް މެންބަރުންނަށް މުޅީން އައު މަސައްކަތެއް ކަމުން ދިމާވި ހުރިހާ ކަމަކަށް ވަަރަށް ކެތްތެރިކަމާއެކު މުގައްރިރު ކުރިމަތިލެއްވި ކަމަށެވެ.

"އެންމެނަށް ޖާގަ ދެއްވައިގެން ހަމަ އެންމެނަށް ޖާގަ ދެއްވައިގެން ކޮންމެ މީހެއްގެ ހިޔާލު ހޯދައިގެން މުގައްރިރު ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންގޮސް ދެއްވީ. އަދި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކުގައި ސިޔާސީ ގޮތުންނާއި އިދާރީ ގޮތުންނާއި އެކި ގޮތްގޮތުންވެސް ހައްލު ހޯއްދަވައިދެއްވުމަށް މަަސައްކަތް ކުރެއްވި. ހުރިހާ މެންބަރުންގެ މަސައްކަތްވެސް މަަސައްކަތް ނިންމަވާލެއްވުމަށް،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ 11 އަހަރު 241 ކޮމެޓީގައި މަސައްކަތް ކުރެއްވިއިރު ދުވަހަކުވެސް ސިޔާސީ ޕާޓީތަކާއެކު މައްސަލަ ނުޖެހި އެއް ރޫހެއްގައި އެއް މިސްރާބަކަށް ކުރެވުނު މަސައްކަތެއްގެ ތަޖުރިބާއެއް ނުކުރައްވާ ކަަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން މަޖިލީހުގައިވެސް އަދި 241 ކޮމެޓީގައިވެސް އަޅުގަނޑު ހޭދަކުރާ މިއީ 11 ވަނަ އަހަރު. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި އަދި ދުވަހަކުވެސް މިކަހަލަ މަސައްކަތެއް މި ގޮތަކަށް ނުކުރަން. ސިޔާސީ ޕާޓީތަކާއެކު މައްސަލަ ނުޖެހި އެކުވެރިކަމާ އެކީގައި އެއް ރޫހެއްގައި އެއް މިސްރާބަކަށް މިވަރަކަށް ދުވަހަކުވެސް މަަސައްކަތް ކުރެވުނު ތަޖުރިބާއެއް އަދި އަޅުގަނޑު ނުކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް މި ގޮތަށް މަސައްކަތް ކުރެވުނީ މުގައްރިރުގެ ހިކުމަތްތެރިކަމުން،" އީވާ ވިދާޅުވިއެވެ.

ކޮމެޓީ ބައްދަލްވުގައި ވާހަކަދައްކަވަމުން ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ރިޕޯޓް މިރޭ ފާސްކުރެވުނު ނަމަވެސް ރިޕޯޓް ފުރިހަމަ ކުރުމަށްޓަކައި ރިޕޯޓްގެ ފެށުމާއި ނިމުމުގެ ބައި އިތުރަށް ފުރިހަމަ ކުރައްވާނެ ކަމަށެވެ. އަދި ހުރިހާ ބައްދަލްވުންތަކުގެ ޔައުމިއްޔާވެސް ހިމަނުއްވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އިންކުއަރީގެ މަސައްކަތް ނިންމާލެވުނީ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގައި ކަމަށެވެ. އަދި މެންބަރުންގެ ހިކުމްތްތެރިކަމާއި ހުނަރުވެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެއްވުނު ކަމަށެވެ. ރިޕޯޓްގެ މަސައްކަތް ނިންމާލުމަށް ހުރިހާ މެންބަރުންވެސް މަސައްކަތް ކުރެއްވީ ވަރަށް އިހުލާސްތެރިކަމާއެކު ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ކުރީގެ ޑިފެންސް މިނިސްޓަރެއް [އާދަމް ޝަރީފް އުމަރު] އަޅުގަނޑުމެންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ. ކުރީގެ ޕޮލިސް ކޮމިޝަނަރެއް [އަބްދުﷲ ރިޔާޒް] ކޮމެޓީގައި ހިމެނިވަޑައިގަންނަވާ. އަދި ހުރިހާ ބޭފުޅުންނަކީވެސް އެކި ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން،" އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ހިސާން ހުސައިން އާއި މަޖިލީހުގެ ނާއިބު ރައީސްގެ މަސައްކަތްވެސް އަސްލަމް ފާހަގަކުރެއްވިއެވެ. މީގެ އިތުުރުން ބޭރުގެ އެކި އެޖެންސީތަކުން މައުލޫމާތު ހޯއްދެވުމަށް ނާއިބު ރައީސް ކުރެއްވި މަސައްކަތްތަކަށް އަސްލަމް ޝުކުރު އަދާކުރެއްވިއެވެ.