ރައްޔިތުންގެ މަޖިލިސް

އިންކުއަރީ ރިޕޯޓް 241 ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓް އެ ކޮމެޓީން މިރޭ ފާސްކޮށްފި އެވެ. އެ ރިޕޯޓް ފާސްކޮށްފައިވަނީ މިރޭ އޮތް ކޮމެޓީގެ ބައްދަލްވުމުގައި މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

ކޮމެޓީގެ ރިޕޯޓް ފާސްކުރުމަށް ހުށައެޅުއްވީ ކޮމެޓީގެ ނާއިބު މުގައްރިރު އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ. ހަސަން ލަތީފް ހުށައެޅުއްވީ ރެކޮމަންޑޭޝަންތަކާއި ފާހަގަކުރެވުނު ކަންތައްތަކާއެކީގައި ފާސްކުރުމަށެވެ. އެ ހުށައެޅުމަށް ވޯޓަށް އެހުމުން ކޮމެޓީގެ 13 މެންބަރުންވެސް ވަނީ ވޯޓް ދެއްވާފައެވެ.

މިރޭގެ ކޮމެޓީ ބައްދަލްވުގައި ވާހަކަދައްކަވަމުން ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ރިޕޯޓް މިރޭ ފާސްކުރެވުނު ނަމަވެސް ރިޕޯޓް ފުރިހަމަ ކުރުމަށްޓަކައި ރިޕޯޓްގެ ފެށުމާއި ނިމުމުގެ ބައި އިތުރަށް ފުރިހަމަ ކުރައްވާނެ ކަމަށެވެ. އަދި ހުރިހާ ބައްދަލްވުންތަކުގެ ޔައުމިއްޔާވެސް ހިމަނުއްވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އިންކުއަރީގެ މަސައްކަތް ނިންމާލެވުނީ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމުގައި ކަމަށެވެ. އަދި މެންބަރުންގެ ހިކުމްތްތެރިކަމާއި ހުނަރުވެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެއްވުނު ކަމަށެވެ. ރިޕޯޓްގެ މަސައްކަތް ނިންމާލުމަށް ހުރިހާ މެންބަރުންވެސް މަސައްކަތް ކުރެއްވީ ވަރަށް އިހުލާސްތެރިކަމާއެކު ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ކުރީގެ ޑިފެންސް މިނިސްޓަރެއް [އާދަމް ޝަރީފް އުމަރު] އަޅުގަނޑުމެންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ. ކުރީގެ ޕޮލިސް ކޮމިޝަނަރެއް [އަބްދުﷲ ރިޔާޒް] ކޮމެޓީގައި ހިމެނިވަޑައިގަންނަވާ. އަދި ހުރިހާ ބޭފުޅުންނަކީވެސް އެކި ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން،" އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ހިސާން ހުސައިން އާއި މަޖިލީހުގެ ނާއިބު ރައީސްގެ މަސައްކަތްވެސް އަސްލަމް ފާހަގަކުރެއްވިއެވެ. މީގެ އިތުުރުން ބޭރުގެ އެކި އެޖެންސީތަކުން މައުލޫމާތު ހޯއްދެވުމަށް ނާއިބު ރައީސް ކުރެއްވި މަސައްކަތްތަކަށް އަސްލަމް ޝުކުރު އަދާކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ ކޮމެޓީގެ ބައްދަލްވުން ސިއްރު ކުރަން ނިންމި ސަަބަބާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތުތައް ސިއްރު ކުރުމަށް ނިންމާފައިވާތީ އެ ސަބަބުތައްވެސް ރިޕޯޓްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކާއި އެފަދަ ބޭފުޅުންގެ މައުލޫމާތު އުނިކުުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރު އަދި މަޖިލީހުގެ ރައީސަށް އަރުއްވާނެ ކަމަށެވެ.

މީގެ އިތުުރުން ރިޕޯޓް އެކުލަވާލުމުގެ އަމާޒު (ސްކޯޕް) އާއި ރިޕޯޓުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނާފައިވާނެ ކަމަށެވެ. އަދި އިންކުއަރީ ހިންގުނު ގޮތުގެ މެތޮލިއޮލެޑީ އާއި ރައީސް ނަޝީދަށް ހަމަލާދިން އިރު އެމަނިކުފާނަށް އޮތް ތްރެޓް ހިސްޓްރީ ހިމަނާފައިވާނެ ކަމަށެވެ. ރިޕޯޓްގައި މެއި ހައެއްގެ ހަމަލާއާ ހަމައަށް އެ ދުވަހު ހިނގާފައިވާ ކަންކަމާއި ރައީސް ނަޝީދަށް ފަރުވާ ދެއްވުމުގައި ޑޮކްޓަރުން އަމަލުކޮށްފައިވާ ގޮތްވެސް ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެން ބަލާފައިވާނެ އޭޑީކޭ ހޮސްޕިޓަލްގެ ސަރަހައްދުގައި ސެކިއުރިޓީގެ ކަަންކަން އޮތްގޮތް. މިބައިގައި ބަލާފައިވާނެ ތިން ކަމެއް. އަދި އޭޑީކޭ ހޮސްޕިޓަލުގެ ފާހާނާތެރެއިން ފެނުނު ފިސްތޯލަ އާއި ގުޅޭގޮތުންވެސް ބަލާފައިވާނެ. އެކަމާއި ގުޅޭގޮތުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ހަތަރު ކަމެއް ވާނީ ހިމަނާފައި،"

މީގެ އިތުުރުން އިންޓެލިޖެންސް މައުލޫމާތު ހޯދުމާއި އެއްކުރުމުގައި އަމަލު ކުރާ ގޮތްވެސް ހިމަނާފައިވެއެވެ. ނަމަވެސް އިންޓެލިޖެންސްއާ ގުޅިގެން ހޯދި ބައެއް މައުލޫމާތުތައް ސިއްރުކުރަން ނިންމާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ދައުލަތުގެ ތިން ބާރުގެ ވެރިންނަށް އަރުވާ ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށެވެ. އިންޓެލިޖެންސް މައުލޫމާތު އެއްކުރާ އިދާރާތަކުގެ ތެރެއިން އެމްއެންޑީއެފް އާއި ޕޮލިސް އަދި އެމްއެމްއެމް އާއި އިމިގްރޭޝަނުން މައުލޫމާތު އެއްކުރާ ގޮތް ހިމަނާފައިވެއެވެ.

އަދި އެމްއެންޑީއެފް އާއި ޕޮލިސް އަދި އެމްއެމްއޭ އިން ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައްވެސް ބަލާ އެކަންވެސް 241 ކޮމެޓީގެ ރިޕޯޓްގައި ވަނީ ހިމަނާފައެވެ. އަދި ނަޝީދަށް ސެކިއުރިޓީ ދިން ގޮތާއި ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ބަޔާންކޮށް 241 ކޮމެޓޫގެ ހޯދުންތައް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ޑިފެންސް އިންޓެލިޖެންސުން ސެކިއިުރިޓީ ދިނުމުގައި އަމަލު ކޮށްފައިވާ ގޮތާއި ކޮމެޓީއަށް ފާހަގަކުރެވުނު އިތުރު 20 ކަމަކާއި 45 ރިކޮމެންޑޭޝަނެއްވެސް ހިމަނާފައިވެއެވެ.

މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ހުރިހާ ޕާޓީއެއްގެ މެންބަރުންވެސް އިންކުއަރީގެ މަސައްކަތް ކުރެއްވީ ގައުމީ މަަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އަދި ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމްގެ މަސައްކަތަށް އީވާ ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ. އީވާ ވިދާޅުވީ ކޮމެޓީގެ ކުރީކޮޅު ބައެއް އުނދަގޫތައް ކުރިމަަތިވި ކަމަށާ އަދި މިއީ މަޖިލީސް މެންބަރުންނަށް މުޅީން އައު މަސައްކަތެއް ކަމުން ދިމާވި ހުރިހާ ކަމަކަށް ވަަރަށް ކެތްތެރިކަމާއެކު މުގައްރިރު ކުރިމަތިލެއްވި ކަމަށެވެ.

"އެންމެނަށް ޖާގަ ދެއްވައިގެން ހަމަ އެންމެނަށް ޖާގަ ދެއްވައިގެން ކޮންމެ މީހެއްގެ ހިޔާލު ހޯދައިގެން މުގައްރިރު ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންގޮސް ދެއްވީ. އަދި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކުގައި ސިޔާސީ ގޮތުންނާއި އިދާރީ ގޮތުންނާއި އެކި ގޮތްގޮތުންވެސް ހައްލު ހޯއްދަވައިދެއްވުމަށް މަަސައްކަތް ކުރެއްވި. ހުރިހާ މެންބަރުންގެ މަސައްކަތްވެސް މަަސައްކަތް ނިންމަވާލެއްވުމަށް،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ 11 އަހަރު 241 ކޮމެޓީގައި މަސައްކަތް ކުރެއްވިއިރު ދުވަހަކުވެސް ސިޔާސީ ޕާޓީތަކާއެކު މައްސަލަ ނުޖެހި އެއް ރޫހެއްގައި އެއް މިސްރާބަކަށް ކުރެވުނު މަސައްކަތެއްގެ ތަޖުރިބާއެއް ނުކުރައްވާ ކަަމަށެވެ.