އާދަމް ޝަރީފު އުމަރު

ސަރުކާރުން ބޭނުންވަނީ ނަޝީދު ބޭރުގައި ބަހައްޓަން ކަމަށް ވެދާނެ: ޝަރީފް

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީގެ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އިޖާބަދޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީގެ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލު ކުރަން ރާވާފައިވާ ގޮތް އެނގުމުން ނޫނީ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމުން ރަނގަޅު ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ވިދާޅުވުމާއި ގުޅިގެން އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.

ކުރީން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މެންބަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ރެކޮމަންޑޭޝަންތަކަށް ސަރުކާރުން އިޖާބަ ދޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުން އެކަންވެސް ނުކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ބޭރުގައި ބެހެއްޓެވުމަކީ މިސަރުކާރުން ބޭނުންވާ ގޮތް ކަމަށް ވެދާނެ ކަމަށެވެ.

"ރައީސްގެ ގާނޫނީ ޒިންމާ އަދާކުރެވޭނެ ގޮތް ހަދަން ޖެހޭ،" ރައީސް ނަޝީދަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުން އެދި އާދަމް ޝަރީފް ވިދާޅުވިއެވެ.

އަންނަ މަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ އާއިލާއިން ހާމަކުރުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އިއްޔެ ވިދާޅުވީ މަޖިލީހުން ހިންގި އިންކުއަރީގެ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލު ކުރަން ރާވާފައިވާ ގޮތް އެނގުމުން ނޫނީ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމަކީ އޭނާ އެދޭނެ އަދި ރުހޭނެ ކަމެއްވެސް ނޫން ކަމަށެވެ.

"ބޮން ގޮއްވާލުމުގެ ކުރީން ސަަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައި ހުރި ގޮތުން މި ގޮތަށް ދަންނަވަން ޖެހުނީ،" ސަބަބު ހާމަކުރައްވާ ހަސަން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ފުން ޒަހަމުތަކެއް ލިބިވަޑައިގެންނެވިއިރު މަޖިލީހުން ވަނީ އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދާފައެވެ. އެ އިންކުއަރީގައި ހަމަލާގެ މައުލޫމާތު ކުރީން ލިބިފައިވީނަމަވެސް އެކަށީގެންވާ ސީރިއަސް ގޮތެއްގައި އެކަން ބަލާ ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އިންކުއަރީ ރިޕޯޓް މަޖިލީހުގެ ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަފަނޑިޔާރަށް ވަނީ އަރުވާފައެވެ.

ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު އަވަސް އަށް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރު ފެށުމުގެ ކުރިން އެމަނިކުފާނަށް ރާއްޖެ ވަޑައިނުގެންނެވޭނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ސެޕްޓެމްބަރު މަހުގައި ރައީސް ނަޝީދު ރާއްޖެ ވަޑަގަންނަވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ތާރީހެއް ނުނިންމާ ކަމަށް ވެސް ވިދާޅުވި އެވެ. ނާޝިދު ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

ހައެއް ފަހެއްގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ބޮޑެތި ސާޖަރީތައް ހެދުމަށް ފަހު، އެ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމާއެކު އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް ވަޑައިގަތީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން ނަޝީދު އިތުރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ އިނގިރޭސި ވިލާތުންނެވެ.