އިންތިހާބުތަކާއި ގުޅިގެން ދައުލަތުގެ މުދަލާއި ވަސީލަތް ސަރުކާރުން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ. މަޖިލީހުގެ ކަމާގުޅޭ ކޮމެޓީތަކުން އެ މައްސަލަ ބަލައިދިނުމަށް އެދި ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ޝަރީފް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުން ފެށިގެން ރާއްޖޭގައި އޮތް ކޮންމެ އިންތިހާބަކަށް ބޭރުގެ ނުފޫޒު ފޯރާފައިވާތީ ރައްޔިތުން ކަންބޮޑުވާ ކަމަށާ އިންތިހާބުތަކާއި ގުޅުވައިގެން ސަރުކާރުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީވެސް ރައްޔިތުން ކަންބޮޑުވާ ހައްސާސް މައްސަލައެއް ކަަމަށެވެ.
ހާއްސަކޮށް "ކޮރަޕްޝަނަށް ޒީރޯ ޓޮރަންސް" ދޭނެެ ކަމަށް ރައްޔިތުންނަށް ވައުދުވެގެން ވެރިކަމަށް އައި ބަޔަކު ބައި-އިލެކްޝަންތަކާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައިވެސް ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އެ ގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރުގެ އިމާރާތްތަކާއި އުޅަނދުތައް ބޭނުންކޮށްފައިވާ ކަމަށާ އަދި އިންތިހާބުތަކަށް ނުފޫޒު ފޯރުވޭ ގޮތަށް ސަރުކާރުން ބޮޑެތި މަޝްރޫއުތައް އިއުލާނުކޮށްފައިވާ ކަަމަށެވެ. މިހާރު ހުއްޓިފައިވާ ދެ ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއަކީ އޭގެ މިސާލެއް ކަަމަށް އާދަމް ޝަރީފްގެ ސިޓީގައި ވިދާޅުވިއެވެ.
"ހަަމަ އެފަދައިން އިންތިހާބުތަކަށް ނުފޫޒު ފޯރުވައި ސަރުކާރުން ބޭނުންވާ މީހަކު ހޮވުމަށް މަގުފަހިވާ ގޮތަށް އެސްއެމްއީ ލޯނު ދޫކުރަމުންދާ ކަމުގެ ތުހުމަތު އާންމުންނާއި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެންބަރުން ހިމެނޭ ގޮތުން ގިނަ ބަޔަކު ކުރެއެވެ. މި ތުހުމަތުތައް ސަރުކާރުން ދޮގެއް ނުކުރެއެވެ،"
މީގެ އިތުރުން އިންތިހާބުތަކާއި ދިމާކޮށް ސަރުކާރުން ބޭނުންވާ މީހަކު ހޮވުމަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އޯގަނައިޒޭޝަނަލް ސްޓްރަކްޝާ ނުވަތަ ހިންގުމުގެ އޮނިގަނޑުގައި ނުހިމެނޭ މަގާމުތައް އުފައްދާ އެއްވެސް ރޭވުންތެރި ކަމެއް ނެތި އަދި ކުރާނެ މަސައްކަތެއްވެސް ނެތި ތިބޭނެ ތަނެއްވެސް ނެތް ހާލަތުގައި އެ މަގާމުތައް ބަހަމުންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޝަރީފް ހުށައެޅުއްވި މައްސަލާގައި އިންތިހާބުތަކާއި ގުޅިގެން ދައުލަތުގެ މުދަލާއި ވަސީލަތް ސަރުކާރުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އިންތިހާބުތަކަށް ނުފޫޒު ފޯރާގޮތަށް މަޝްރޫއުތައް އިއުލާނު ކުރުމާއި ލޯނު ދިނުމާއި މަގާމުތައް ބެހުމާބެހޭ މައްސަލަތައް ރައްޔިތުންނަށް ހާމަވާނެ ގޮތެއްގެ މަތީން މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއަކުން ބަލައިދިނުމަށް އެދިފަައިވެއެވެ.