ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީ ފުރާނައަށް ނުރައްކާވުމުން އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ ބަދަލުގައި ސަރުކާރުން އެމަނިކުފާނު "ހަވަރަށް" ދިނީތޯ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ސުވާލު ކުރައްވައިފި އެވެ.
އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
މެންބަރު އާދަމް ޝަރީފް ވަނީ ނަަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއްދީ ފުރާނައަށް ނުރައްކާވުމުން އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ ބަދަލުގައި ސަރުކާރުން އެމަނިކުފާނު "ހަވަރަށް" ދިނީތޯ ނޫނީ "ފެންކައްކާ ބޮލީގެ އިއްޒަތް" ދެއްވީތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެމްޑީޕީން ހޯދާ ދިނުމަށް ވަކާލާތު ކުރި އިންސާފުގެ ރަހަ ރައީސް ނަޝީދަށް ވެސް ވީ ހިތި އެއްޗަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވެވި މެސެޖްތަކެއްގައި ރައީސް ނަޝީދު ވިދާޅުވީ "ދުވަހަކު ވެރިކަން ނުހޯދުނަސް މި ވެރިންނާއެކު އުޅެން ބޭނުން ނުވާ" ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށާ އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާ މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.
"އެ ވެރިންގެ ތެރޭގައި ވަނީ ހަނގުރާމައެއް. އަޅުގަނޑުމެން ކޯލިޝަނަށްޓަކައި މީހުން ރުއްސަނީ. އެމްޑީޕީގެ ތެރޭގައި ވެސް ހަރުކަށި ވިސްނުން އެބަ އުޅޭ،" ނަޝީދުގެ މެސެޖެއްގައި ވިދާޅުވެފައެވެ.
ނަޝީދުގެ އިތުރު މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިހްް، ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި ކަމަށެވެ. އަދި ރައީސް ސޯލިހަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ ބޭފުޅުންގެ އެއީ "އިބޫ ދޮންބެ" ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާއާއެކީ ސިޔާސީ ގޮތުން ދެން ނުހުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ [ރައީސް ނަޝީދު އާއި ރައީސް ސޯލިހް] ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ 'އިބޫ ދޮންބެ' އެއީ. އެކަމު ދެން ރައީސުލްޖުމްހޫރިއްޔާ އާއި އެކީ ސިޔާސީ ގޮތުން ހަރަކާތްތެރިނުވެވޭނެ،" ނަޝީދު ވިދާޅުވިއެވެ.