ރައީސް އަބްދުﷲ ޔާމީން

އެމްޑީޕީއަށް ތާއީދެއް ނެތް: ޔާމީން

ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަަށް މިހާރު ތާއީދު ނެތް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮޑި ޕީޕީއެމަށް ކާމިޔާބުވުމުގެ އުފަލުގައި މިރޭ އެ ރަށުގައި އޮތް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ވަރަށް ދިގުކޮށް ގެންދެވި ތަގުރީރުގައި ރައީސް ޔާމީން ވަނީ އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ލީޑަރުންނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބުނީ ޕީޕީއެމުން ގިނަ ދާއިރާތަކެއް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލުމުން ކަމަށެވެ. އެކަން އެގޮތަށް ކުރެއްވީ އެ ޕާޓީއަށް އޭރު ކުރެއްވި އިތުބާރެއްގެ ސަބަބުންނާއި ގިނަ ވަސީލަތްތަކެއް އެ ޕާޓީގައި ހުރުމުން ކަމަށެވެ. ނަމަވެސް އިހުލާސްތެރިކަމާއި ތެެދުވެރިކަން އެ ޕާޓީން ފެނިވަޑައިނުގެންނެވި ކަމަށެވެ.

އަދި ވިދާޅުވީ އިންސާފުވެރި އިންތިހާބަކުން އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭނެ ކަމަށާ އެއީ އެވަރުގެ ތާއީދެއް އޮތް ބައެއް ނޫން ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރަނީ މިއަދު އެ ގޮޑިތަކަށް [ޖުމްހޫރީ ޕާޓީއަށް ދޫކޮށްލި ގޮޑިތައް] އަޅުގަނޑުމެންގެ [ޕީޕީއެމް] މީހުން ނެރުނުނަމަ އެމްޑީޕީއަށް މި ސުޕަމެޖޯރިޓީއެއް ނުލިބުނީސް. މިއަދުވެސް މި ދަންނަވަނީ އަދުލުވެރިކަމާ އެކީ އިންސާފުވެރި ކަމާއެކީ އިންތިހާބެއް ބާއްވައިފިއްޔާ އެމްޑީޕީއަށް ކާމިޔާބުވާނެ ބޮޑު އަޣުލަބިއްޔަތެއް ނޯންނާނެ. އެއީ އެވަރުގެ ބައެއް ނޫން. އަދި އެ މީހުންނާއެކު މަސައްކަތް ކުރަނީ އިންޑިއާ ނަމަވެސް އެވަރުގެ މަސައްކަތެއް އެމީހުންނަކަށް ނުކުރެވޭނެ. ދިވެހިރާއްޖޭގައި އެ މީހުންނަކަށް ތާއީދެއް ނެތް،" ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑު ހިތަށް އަރަނީ މިއަދު އެ ގޮޑިތަކަށް [ޖުމްހޫރީ ޕާޓީއަށް ދޫކޮށްލި ގޮޑިތައް] އަޅުގަނޑުމެންގެ [ޕީޕީއެމް] މީހުން ނެރުނުނަމަ އެމްޑީޕީއަށް މި ސުޕަމެޖޯރިޓީއެއް ނުލިބުނީސް. މިއަދުވެސް މި ދަންނަވަނީ އަދުލުވެރިކަމާ އެކީ އިންސާފުވެރި ކަމާއެކީ އިންތިހާބެއް ބާއްވައިފިއްޔާ އެމްޑީޕީއަށް ކާމިޔާބުވާނެ ބޮޑު އަޣުލަބިއްޔަތެއް ނޯންނާނެ. އެއީ އެވަރުގެ ބައެއް ނޫން. އަދި އެ މީހުންނާއެކު މަސައްކަތް ކުރަނީ އިންޑިއާ ނަމަވެސް އެވަރުގެ މަސައްކަތެއް އެމީހުންނަކަށް ނުކުރެވޭނެ. ދިވެހިރާއްޖޭގައި އެ މީހުންނަކަށް ތާއީދެއް ނެތް

ރައީސް ޔާމީން ވަނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވާ ފާޑުވިދާޅުވެފައެވެ. ވިދާޅުވީ އެއީ ހުރިހާ ކަމެއް އެއްގޮތް ދެ ބޭފުޅުން ކަމަށެވެ. އެ ދެ ބޭފުޅުންނަށް އިތުބާރު ނުކުރެއްވުމަށްވެސް އެދިވަޑައިގަތެވެ.

އަދި ވިދާޅުވީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ފަޅުފަޅުން ގޯތި ދޫކުރާނެ ވާހަކަ ދައްކަން އެމްޑީޕީގެ ލީޑަރުން ވަޑައިގަންނަވާއިރު އެއީ ހަގީގަތެއް ނޫންކަން ރައްޔިތުން ދަންނަން ޖެހޭ ކަމަށެވެ. ޕީޕީއެމްގެ ފިކުރުގައި ތިއްބެވި މެންބަރުން އެ ގޮތުގައި ސާބިތުވެ ތިބުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.

"އެމްޑީޕީގެ އިއްޔެ ރައީސާއި ކުރީގެ ރައީސްގެ ވާހަކަ ދައްކަވާނެ ކަމެއް ނެތް، އެއީ ހަމަ 'އެއްގަލުން ފެހިކާ ދެ ރޮނޑުން' އެއް ހިޔާލެއް އެއް ފިކުރެއް އެއް މިޖާޒެއް، ހުރިހާ ކަމެއް އެއްގޮތް ދެބޭފުޅުން އެއީ. އެ ބޭފުޅުން ރައްޔިތުން ކައިރީ ތެދުބަހަކުން ވާހަކައެއް ނުދައްކާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.