މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ސްޓޭޓް މިނިސްޓަރުގެ މަގާމުން މާނިއު އިސްތިއުފާ ދެއްވައިފި

ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމުން ވަކިކުރެއްވުމަށްފަހު ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައި ހުންނެވި ޔޫސުފް މާނިއު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާނިއުގެ މަގާމަށް ބަދަލު ގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ.

ރައީސް މުއިއްޒު އެ ދުވަހު ވަނީ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމުން މާނިއު ވަކިކުރެއްވުމަށްފަހު އެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކުރައްވާފަ އެވެ.

ސްޓޭޓް މިނިސްޓަރުގެ މަގާމުން މާނިއު އިސްތިއުފާ ދެއްވާފައިވާ ކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ޔަގީންކޮށްދީފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާނިއު ވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ކަންވެސް ކުރައްވާފަ އެވެ.

ޔޫސުފް މާނިއު އަކީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއާއި އާއިލީ ގޮތުން ގުޅިފައިވާ ބޭފުޅެކެވެ.