ހަސަން ލަތީފް

ޑްރަގު އެތެރެކުރާ ބިދޭސީން ފޮނުވާލެވޭ ގަވައިދުގެ މައްސަލަ މަޖިލީހަށް

Feb 11, 2023

ރާއްޖެއަށް މަސްތުވާތަކެތި އެތެތެކުރާ ބިދޭސީން ފުރުވާ ލެވޭ ގޮތަށް ހަދާފައިވާ ގަވައިދެއްގެ ބައިތައް އުނިކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ އެމްޑީޕީގައި ހިމެނޭ އެކަމަކު ސަރުކާރާ ހިޔާލުތަފާތުވެފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.

މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީން މިހާތަނަށް އެކުލަވާލި ކޮންމެ މެނިފެސްޓޯއެއްގައިވެސް "މަސްތުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދު ކުރުން" އެއީ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ އެ ސިޔާސަތާ ދެކޮޅަށް އަދި މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ފަސޭހަކަމާ އެކު އެ ވިޔަފާރިއަށް ހިތްވަރު ލިބޭ ގޮތަށް ސިޔާސަތު ކަނޑައަޅައި ގެޒެޓްކުރާ މަންޒަރު ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެެއް، ގަވައިދަކުން ހަނިކޮށް ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ހަސަން ފާހަގަކުރައްވާފައިވެ އެވެ. އެހެންކަމުން "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ބައިތަކުގެ ތެރެއިން ގާނޫނާ ތައާރުޒުވާ ބައިތައް އުނިކުރަން މައްސަލައިގައި ގޮވާލައްވާފައިވެ އެވެ.

ހަސަން ލަތީފް މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ ރާއްޖެ އައި ބްރެޒިލްގެ 23 އަހަރެއްގެ އަންހެނެއްގެ ލަގެޖުގައި 6.2 ކިލޯގެ މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކޮށްފައިވަނިކޮށް މަސްތުވާތަކެތި އަތުލުމަށްފަހު އަންހެން މީހާ ރާއްޖެއަށް އެތެރެވިޔަ ނުދީ ފޮނުވާލާފައި ވަނިކޮށެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް އަމަލުކުރީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން ތަންފީޒީ އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ކަސްޓަމްސް އިން ބުނާ ގަވައިދު ގެޒެޓްކޮށްފައިވަނީ މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު އެވެ.