ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ވަޒީރުންނަށް ރުހުން ނުދޭން ދައްކަނީ އަސާސެއް ނެތް ހުއްޖަތެއް: ނައިބް ރައީސް

ވަޒީރުންނަށް ރުހުން ނުދިނުމަށް ބައެއް ޕާޓީތަކުން ދައްކާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ހުސައިން މިހެން ވިދާޅުވެފައި މިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފަ އެވެ. ނަމަވެސް ރުހުން ނުދޭން ނިންމި ވަޒީރުންގެ ނަންތައް ހާމަކޮށްފައެއް ނުވެ އެވެ.

ނައިބް ރައީސް ހުސައިން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިހްތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުން ކަމަށެވެ.

"މިކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރަން،" ނައިބް ރައީސް ވިދާޅުވި އެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު އެޖެންޑާ ވެސް ކުރި އެވެ. ނަމަވެސް ރުހުން ދިނުމުގެ މައްސަލަ ފަސްކުރީ ރައީސް މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް އެ ދުވަހު ފޮނުވާފައި ނުވާ ކަމަށް ބުނެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.